ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ދާދި ދެންމެއަކު ވެލާނާ ވައިގެ ބަނދަރަށް ޖެއްސި އެމިރޭޓސްގެ ފުލައިޓަކުން ރާއްޖެ ވަޑައިގެންފިއެވެ. ވައިގެ ބަނދަރުން އެ މަނިކުފާނަށް މަރުހަބާ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
މި އަހަރުގެ މޭ މަހުގެ 6 ވަނަ ދުވަހުގެ ރޭ އިރާކޮޅު ރައީސް ނަޝީދަށް އަމާޒުކޮށް މަޖީދީމަގުގައި ގޮއްވައިލީ ބޮމެއްގެ ސަބަބުން ހަށިކޮޅަށް ލިބުނު ގެއްލުމަށް ފަރުވާ ހޯއްދަވަން އެމަނިކުފާނު ރާއްޖެއިން ބޭރުގައި އުޅުއްވާތާ ހަތަރު މަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ. ފުރަތަމަ ފަރުވާ ހޯއްދެވީ މާލޭގައި ހުންނަ އޭޑީކޭ ހޮސްޕިޓަލުންނެވެ. އެ ހޮސްޕިޓަލުގައި ވަނީ އެމަނިކުފާނު ހޭފުޅުނައްތައިގެން ސޯޅަވަރަކަށް ގަޑިއިރުގެ އޮޕަރޭޝަނެއް ކޮށްފައެވެ. ހަށިކޮޅަށް ވަދެފައި ހުރި ރޭޒާފުއްތައް ނަގައިފައެވެ.
ރައީސް ނަޝީދު ޖަރުމަނަށް ވަޑައިގަތީ އިތުރު ފަރުވާ ހޯއްދަވާށެވެ. ޖަރުމަނުގައި ފަރުވާ ހޯއްދެވުމަށް ފަހު ވަޑައިގަތީ އިނގިރޭސިވިލާތަށެވެ.
މީގެ ކުރިން ރައީސް ނަޝީދު ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީން ސަރުކާރަށް ހުށަހަޅާފައިވާ ކަންތައްތައް ފުރިހަމަ ކޮށް އެމަނިކުފާނުގެ ހަށިކޮޅަށް ނުރައްކަލެއް ނެތްކަމުގެ ޔަގީންކަން ލިބިވަޑައިގަތީމާ ނޫނީ ރާއްޖެ ވަޑައި ނުގަންނަވާނޭ ކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެފައި ވަނީ ރައީސް ނަޝީދު ރާއްޖެ ވަޑައިގެން އަމާންކަމާއެކު އުޅުއްވާ މަންޒަރު ދެކެވަޑައިގަންނަވާން ބޭނުންފުޅުވާ ކަމުގައެވެ.
މިއަދު ރައީސް ނަޝީދު ރާއްޖެ ވަޑައިގަތީ ޔޫއޭއީގައި ހުންނަވާފައެވެ. ބައެއް ޚަބަރުތަކުން އެނގޭ ގޮތުގައި އެމަނިކުފާނު ރާއްޖޭގައި ހުންނަވާނީ ތިން ދުވަހުއެވެ. އެޔަށް ފަހު އެނބުރި އިނގިރޭސިވިލާތަށް ވަޑައިގަންނަވާނީއެވެ.
ރައީސް ނަޝީދު ކުރިން ވިދާޅުވެފައި އޮތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއެކު ސިޔާސީ މަސައްކަތްޕުޅު ކުރެއްވުމަކީ މިހާރު އެމަނިކުފާނަށް ކުރެއްވެން އޮތް ކަމެއް ނޫން ކަމުގައެވެ. އެ މަނިކުފާނު ބޭނުންފުޅު ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް 2023 ގައި އިންތިޚާބު ނުބާއްވައި 2024 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބޭއްވުމަށް ފަހު ބަރުލަމާނީ ނިޒާމަކަށް ވެރިކަން ހިންގަވާށެވެ. އެޔާއެކު ބޮޑުވަޒީރުކަން ކުރައްވަން ބޭނުންފުޅުވާ ކަމަށްވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ އެކަން ރައީސް ނަޝީދު ވިދާޅުވާ ގޮތަށް ކުރެއްވުމަކީ ރައްޔިތުންގެ ވޯޓަކުން ފާސް ވެގެން ނޫނީ ކުރެވެން ނެތް ކަމެއް ކަމުގައެވެ. އެޔާއެކު ބަރުލަމާނީ ނިޒާމުގެ ޕެޓިޝަނެއް ތައްޔާރު ކުރުމަށް ފަހު އެ ޕެޓިޝަނުގައި ސޮއި ކުރުވުމުގެ މަސައްކަތް އެމްޑީޕީން ގެންދަނީ ކުރަމުންނެވެ. އެމްޑީޕީގެ އަމާޒަކީ އެއް ލައްކަ ސޮއި ހަމަކުރުމެވެ. މިހައިތަނަށް 55 ހާސް ސޮއި ލިބިއްޖެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.