ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަަވަޅެއްގެ ގޮތުން އޮސްްޓްރޭލިޔާގެ ބޯޑަރު ބަންދުކޮށްފައި އޮންނަތާ 18 މަސްދުވަސް ފަހު އެ ގައުމުގެ ބޯޑަރު އަންނަ ނޮވެންބަރު މަހު ހުޅުވާލަން ސަރުކާރުން ނިންމައިފިއެވެ.
މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވިގޮތުގައި ބޯޑަރު ހުޅުވާލާނީ ގައުމުގެ 16 އަހަރުން މަތީ މީހުންގެ %80 ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުންނެވެ. އޭނާ ލަފާކުރެއްވި ގޮތުގައި ނޮވެންބަރު މަހު މި ލަނޑުދަނޑިއަށް ވާސިލުވެވޭނެއެވެ. މޮރިސަން ވިދާޅުވިގޮތުގައި ކޮންމެ ސްޓޭޓެއްގެ ހާލަތު ވަކިން ބެލުމަށްފަހު، ބައިނަލްއަގުވާމީ ފްލައިޓްތައް ޖެއްސުމުގެ ހުއްދަދޭނީ %80 ގެ ލަނޑުދަނޑި ހާސިލުކޮށްފައި ސްޓޭޓްތަކުގެ އެއާޕޯޓުތަކަަށް އެކަންޏެވެ.
އޮސްޓްރޭލިޔާއިން ވަނީ ފާއިތުވި އަހަރުގެ މާރިޗު މަހުގެ 20 ވަނަ ދުވަހު އެގައުމުގެ ބޯޑަރު ކުއްލިގޮތަކަށް ބަންދުކޮށްފައެވެ. އަދި އަދި ޚާއްސަ ހުއްދައެއްގެ ދަށުން މެނުވީ އެގައުމުން ފުރުން މަނާކޮށް، އެގައުމުގެ ރައްޔިތުންނާއި، އެގައުމުގައި ތިބުމުގެ ދާއިމީ ވަޒަންވެރިން ފިޔަވައި އެހެން މީހުން އެގައުމަށް ދަތުރުކުރުން މަނާކޮށްފައެވެ. އަދި ރައްޔިތުންނާއި ދާއިމީ ވަޒަންވެރިންގެ ތެރެއިން އެނބުރި އަންނަ މީހުންވެސް ސަރުކާރުން ބުނާ ތަނެއްގައި 14 ދުވަހަށް ކަރަންޓީނުވާން މަޖުބޫރުކޮށްފައެެވެ. މިގޮތަށް ކަރަންޓީނުވުމަށް މީހެއްގެ މައްޗަށް އާއްމުގޮތެއްގައި 3000 އޮސްޓްރޭލިޔާ ޑޮލަރު (33300 ދިވެހި ރުފިޔާ) ޚަރަދުވެއެވެ.
އަލަށް ހަމަޖެއްސި އުސޫލުގެ ދަށުން ބޯޑަރު ހުޅުވާލުމަށް ފަހު ގައުމަށް އެނބުރި އަންނަ ރައްޔިތުންނާއި ދާއިމީ ވަޒަންވެރިންގެ ތެރޭން ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ މީހުންނަށް އަމިއްލަ ގޭގައި 7 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރުމުން ފުދޭނެއެވެ. އެހެންނަމަވެސް، ވެކްސިންގެ ޑޯޒު ފުރިހަމަކޮށްފައި ނުވާ މީހުންނަށް ޖެހޭނީ ކުރިއެކޭ އެއްގޮތަށް ހޮޓަލެއްގައި 14 ދުވަހުގެ ކަރަންޓީނު ފުރިހަމަކުރާށެވެ.
ސަރުކާރުން ބޯޑަރު ހުޅުވާލާ ވާހަކަ އިއުލާންކުރުމާއެކު އެއާލައިންތަކުން ވަނީ ޑިސެންބަރު މަހު ބައިނަލްއަގުވާމީ ދަތުރުތައް ފަށާނެކަމަށް ބުނެ ރިިޒަވޭޝަން ހެދުމަށް ހުޅުވާލާފައެވެ. އޮސްޓްރޭލިޔާގެ ގައުމީ އެއާލައިން ކަންޓަސްއިން ބުނެފައިވާ ގޮތުގައި އެ އެއާލައިނުން މިހާރު ނިންމާފައިވަނީ ނޮވެންބަރު މަހުގެ ތެރޭގައި ދަތުރުތައް ފެށުމަށެވެ.
ދަތުރުތަކަށް ހުޅުވާލިނަމަވެސް އެކަމަށް ޝަރުޠުތަކެއް ވާކަން އެއާލައިންތަކުން ވަނީ ދަތުރުވެރިންނަށް ހަނދާންކޮށްދީފައެވެ. އެއީ، ދަތުރުވެރިން ޖަހާފައިވާ ވެކްސިނަކީ އޮސްްޓްރޭލިޔާގެ ކަމާބެހޭ އިދާރާތަކުން ގަބޫލުކުރާ ވެކްސިނަކަށް ވުމާއި، ވެކްސިން ނުޖަހާ ދަތުރުވެރިން ހޮޓަލުގައި ކަރަންޓީނުވާން ޖެހޭނެކަމާއި، ދަތުރުކުރުކުރުމުގެ ކުރިން ނެގެޓިވް ޕީސީއާރް ޓެސްޓެއް ހަދަންޖެހޭނެ ކަމެވެ.