ކޮވިޑް-19 ގެ 'ޑެލްޓާ' ވައިރަސް ފެނުމާ ގުޅިގެން ސިޑްނީ ދެ ހަފުތާގެ ލޮކްޑައުންއަކަށް

ލޮކްޑައުންގެ ފުރަތަމަ ދުވަހު ސިޑްނީގެ ސެންޓްރަލް ރޭލްވޭ ސްޓޭޝަން ފަޅުކޮށް

ކޮވިޑް-19 ވައިރަސްގެ 'ޑެލްޓާ' ވައްތަރު ހަލުވިކަމާއެކު ފެތުރެމުން ދާތީ، އޮސްޓްރޭލިޔާގެ އެންމެ ބޮޑު ރަށް ސިޑްނީއާއި އެރަށުގެ ވަށައިގެންވާ ބައެއް ސަރަހައްދުތައް އިއްޔެއިން ފެށިގެން ދެ ހަފުތާއަށް ލޮކްޑައުންކޮށްފިއެވެ. ސިޑްނީން ވަނީ ޑެލްޓާ ވައިރަހަށް ޕޮޒިޓިވް 80 މީހުން ފެނިފައެވެ.

ސިޑްނީގެ އިރުމަތީ އަވަށްތަކުގައި ދިރިއުޅޭ މިލިއަނެއްހާ މީހުން ތިބީ ކުރިންވެސް ލޮކްޑައުންއެއްގައެވެ. އޮފިޝަލުން ވިދާޅުވި ގޮތުގައި ލޮކްޑައުން މުޅި ސިޑްނީއަށާއި، ކައިރި ބައެެއް ހިސާބުތަކަށް ފުޅާކުރަން ނިންމީ ވައިރަސް ކޮންޓުރޯލުނުވެ ފެތުރިގަތުމުގެ ބިރު އޮތީމައެވެ.

"އަހަރުމެންނަށް ކޮންމެހެން ކުރަން ޖެހިގެން ނޫނީ ރައްޔިތުން އިތުރު ބުރަ އުފުލަން ޖެހޭފަަދައިން އަމަލުކުރަން އަހަރުމެން ބޭނުންނުވި ނަމަވެސް، ހިތާމައަކީ މިއީ އަހަރުމެން އެފަދައިން އަމަލުކުރަން ޖެހޭ ހާލަަތަކަށް ވުން." ނިއު ސައުތު ވޭލްސް ސްޓޭޓުގެ ޕްރެމިއާ ގްލެޑީސް ބެރެއިކްލިއާން ވިދާޅުވިއެވެ. ސިޑްނީއަކީ ނިއު ސައުތު ވޭލްސްގެ ވެރިރަށެވެ.

ސިޑްނީގެ އިތުރަށް އެރަށުގެ ކައިރީގައިވާ ބްލޫ މައުންޓެއިންްސް ސަރަހައްދާއި، މެދުތެރޭ އައްސޭރިއާއި، ވޮލޮގޮންގް ވެސް ލޮކްޑައުން ކުރުމަށް ވަނީ ނިންމާފައެވެ.

ވައިރަސްގެ ޑެލްޓާ ވައްތަކަރަކީ މިހާތަނަަށް ފެނިފައިވާ އެންމެ ނުރައްކާތެރި، އެންމެ ބާރަށް ފެތުރޭ ވައްތަރެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ފާއިތުވި އެޕްރީލް މަހު އިންޑިޔާއިން އެންމެ ފުރަތަމަ ފެނުނު މިވައްތަރު ކޮންޓުރޯލުކުރުމަށް އާބާދީގެ %80 އަށް ފުރިހަމަައަށް ވެކްސިން ދޭންޖެހެއެވެ.

އޮސްޓްރޭލިޔާއިން މި ފިޔަވަޅު އަޅާފައި ވާއިރު، ބަންގްލާދޭޝްއިން ވެސް ވަނީ ވައިރަސްގެ ޑެލްޓާ ވައްތަރު ހަލުވިކޮށް ފެތުރެމުންދާތީ ހޯމަ ދުވަހުން ފެށިގެން އެ ގައުމު އެއް ހަފުތާގެ މުއްދަތަށް ލޮކްޑައުން ކުރަން ނިންމާފައެވެ. އިންޑޮނޭޝިޔާއިން ވެެސް ދަނީ މިފަދަ ފިޔަވަޅުތަކެއް އެޅުމަށް ވިސްނަމުންެނެވެ.

އަނެއްކޮޅުން، އޮސްޓްރޭލިޔާގައި ކޮވިޑް-19 ވައިރަސްގެ ޑެލްޓާ ވައްތަރު ހަލުވިކަމާއެކު ފެތުރެމުން ދާތީ، ނިއުޒީލޭންޑުން ވަނީ ހާލަތު އިތުރަަށް ދިރާސާކުރުމަށްޓަަކައި، އޮސްޓްރޭލިޔާއާއެކު ހަދާފައިވާ ޓްރެވެލް ބަބްލް ތިން ދުވަހުގެ މުއްދަތަށް މެދުކަނޑާލާފައެވެ.

ސިޑްނީގައި ފެށި ލޮކްޑައުން ޖުލައި 9 އާ ހަމައަށް ދެމިގެން ދާއިރު، މި ލޮކްޑައުންގައި މީހުންނަށް ގެއިން ނުކުމެވޭނީ ޒަރޫރީ ބޭނުންތަކަށެވެ. ނުވަަތަ ވަޒީފާއަށް ދިއުމަށާއި، ސިއްހީ ފަރުވާ ހޯދުމަށާއި، ކިޔެވުމަށާއި، ޒަރޫރީ ތަކެތި ގަތުމަށް ބާޒާރުކުރުމަށެވެ. ސިޑްނީގެ އިތުރަށް ނިއު ސައުތު ވޭލްސް އެހެން ސަރަހައްދުތަކުގައި ވެސް ވަނީ، ލޮކްޑައުން ނުކުރިނަމަވެސް ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.   

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.