ނައިޖީރިޔާގެ ހުޅަނގު އުތުރުގައި އޮންނަ ކަޑޫނާ ސްޓޭޓުގެ އަވަށަކަށް ހަތިޔާރުއެޅި ބަޔަކު ދިން ހަމަލާއެއްގައި 34 މީހުން މަރާލައި، 7 މީހުން ޒަޚަމްކޮށްލައިިފިއެވެ.
"ކޮން ބައެއްކަން ނޭނގޭ، ހަތިޔާރުއެޅި ބަޔަކު ވަނީ ކައުރާ ސަރަހައްދުގެ މަޑަމާއީ އަވަށަށް ހަމަލާދީފައި.... ހަަމަލާގައި 34 މީހުން މަރުވެފައިވާކަން ވަނީ ޔަގީންކުރެވިފައި. އިތުރު ހަތް މީހަކު ވަނީ ޒަޚަމްވެފައި." އިއްޔެ ހަަމަލާއާބެހޭ މައުލޫމާތު ދެއްވަމުން ކަޑޫނާ ސްޓޭޓުގެ ސެކިއުރިޓީ ކޮމިޝަނާ ސަމުއެލް އަރުވާން ވިދާޅުވިއެވެ.
ސިފައިންނާ، ހަތިޔާރުއެޅި މީހުންނާ ދެމެދު ބަދަލުކުރެވުނު ވަރުގަދަ ހަމަލާތަކަކަށް ފަހު، ހަތިޔާރުއެޅި މީހުން ވަނީ އެއަވަށް ދޫކޮށް ގޮސްފައެވެ.
އަރުވާން ވިދާޅުވި ގޮތުގައި ހަމަލާއާ ގުޅުން އޮތްކަމަށް ޝައްކުކުރެވޭ ދެ މީހަކާ މިހާރު ދަނީ ސުވާލުކުރަމުންނެވެ.
ކަޑޫނާ ސްޓޭޓުގެ އެހެން އަވަށެއް ކަމުގައިވާ ކަޗިއާގެ ނަސާރާ ފައްޅިއަކަށްވެސް ހަތިޔާރުއެޅި ބަޔަކު ވަނީ ހަމަލާދީފައެވެ.
"އެކަކުގެ ވަނީ މަރުވެފައި. އަޅުކަންކުރަން ތިބި ބައެެއް މީހުން ވަނީ ވަރަށް ބޮޑަށް ޒަަޚަމްވެފައި." ސެކިއުރިޓީ ކޮމިޝަނާ ނެރުއްވި ބަޔާނެއްގައި ވެއެވެ.
މީގެ އިތުރަށް ހުޅަނގު އުތުރުގައި އޮންނަ ސޮކޯޓޯ ސްޓޭޓްގެ ސިފައިންގެ މަރުކަޒަކަށްވެސް ހަނގުރަމާވެރިންގެ ބަޔަކު ވަނީ ހަމަލާދީފައެވެ. މިހަމަލާގައި ސަލާމަތީ ބާރުތަކުގެ 22 މީހުން މަރާލާފައި ވެއެވެ.
ސްކޯޓޯގެ ސްޓޭޓް އެސެންބްލީގެ މެންބަރެއް ކަމުގައިވާ އަމީނު ގޮބީރު ވިދާޅުވި ގޮތުގައި، އާދީއްތަ ދުވަހު 17 މީހެއްގެ ހަށިގަނޑު ފެނިފައި ވާއިރު، ހޯމަ ދުވަހު 5 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. އޭނާ ވިދާޅުވިގޮތުގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ސިފައިންގެ 14 މީހުންނާއި، 5 ފުލުސް އޮފިސަރުންނާއި، ސިވިލް ޑިފެންސް ފޯސްގެ 3 މީހުންނެވެ.
ނައިޖީރިޔާގެ އަސްކަރިއްޔާއިން ތުހުމަތުކުރާ ގޮތުގައި މި ހަަމަލާތަކަކީ އައިސިސް (އިސްލާމިކް ސްޓޭޓް) އާ ގުޅިފައިވާ ޖަމާއަތެއްގެ ހަނގުރާމަވެރިން ދީފައިވާ ހަމަލާތަކެކެވެ. އިސްލާމިކް ސްޓޭޓްގެ ގޮތްޕެއް ކަމަށް ބުނާ އިސްލާމިކް ސްޓޭޓް- ވެސްޓް އެފްރިކާ ޕްރޮވިންސް ޖަމާއަތުން ދަނީ 2016 ވަނަ އަހަރުއްސުރެ ނައިޖީރިޔާގެ އިރު އުތުރުގައި ސަރުކާރު ސިފައިންނާ ހަނގުރާމަކުރަމުންނެވެ.
ނައިޖީރިޔާގެ އުތުރުގައި ހިނގާ ހަމަނުޖެހުމުުގައި އެތައް ހާސް ބަޔަކު ވަނީ މަރުވެފައެވެ.