ހަތިޔާރުއެޅި ބަޔަކު ނައިޖީރިޔާގެ ސްކޫލަކަށް ދިން ހަމަލާއަށްފަހު 400 ވަރަކަށް ދަރިވަރުން ގެއްލިއްޖެ

ނައިޖީރިޔާގެ ކަންކަރާގައި ހަތިޔާރުއެޅި ބަޔަކު ހަމަލާދިން ސްކޫލް: ގަވަރެމެންޓް ސައިންސް ސެކަންޑަރީ ސްކޫލް

ނައިޖީރިޔާގެ ހުޅަނުގު އުތުރުގައި އޮންނަ ކަޓްސީނާގެ ސާނަވީ ސްކޫލަކަށް ހަތިޔާރުއެޅި ބަޔަކު ދިން ހަމަލާއަށް ފަހު 400 ވަރަކަށް ދަރިވަރުން ވީނުވީއެއް ނޭނގި ގެއްލިއްޖެއެވެ.

ކަޓްސީނާ ސްޓޭޓުގެ ފުލުހުންގެ ތަރުޖަމާނު ގާމްބޯ އީސާ ވިދާޅުވި ގޮތުގައި މަގުފޭރޭ މީހުންގެ ބޮޑު ގުރޫޕަކުން ވަނީ ކަންކަރާ އަވަށުގެ ގަވަރމެންޓް ސައިންސް ސެކަންޑަރީ ސްކޫލަށް އޭކޭ-47 ބަޑި ހިފައިގެން ވަދެ ސްކޫލުގެ ތެރެއަށް ބަޑިޖަހާފައެވެ.

"ފުލުހުން ވަނީ ސްކޫލަށް ވަން މީހުންނާ ހަމަލާ ބަދަލުކޮށްފަ. އެހެންވުމުން، ފާރުމަތިން ފުންމާލައިގެން ފިލުމުގެ ފުރުސަތު ބައެއް ދަރިވަނުންނަށް ލިބުނު." އީސާ ވިދާޅުވިއެވެ.

600 އަށްވުރެ ގިނަ ދަރިވަރުން ތިބި ސްކޫލުން ހަމަލާއަށް ފަހު ފެނިފައި ވަނީ 200 ދަރިވަރުންނެވެ. ބާކީ ތިބި ދަރިވަރުން ވީ ތަނެއް އަދި ނޭނގެއެވެ.

"ފުލުހުންނާއި، ނައިޖީރިޔާގެ އެއްގަމު ސިފައިންނާއި، ވައިގެ ސިފައިން ދަނީ ސްކޫލާ ގުޅިގެން ސްކޫލްގައި ތިބި ދަރިވަރުންގެ ހަގީގާ އަދަދާއި ގެއްލުނު ނުވަތަ ރަހީނު ކުރެވުނު ދަރިވަރުންގެ  އަދަދު ދެނެގަތުމުގެ މަސައްކަތް ކުރަމުން." އީސާ ވިދާޅުވިއެވެ.

ކަންކަރާ އަވަށުގެ މީހަކު ބޭރުގެ ބައެއް ޚަބަރު ފަތުރާ ވަސީލަތްތަކަށް ކިޔައިދިން ގޮތުގައި ހަތިޔާރުއެޅި މީހުން ވަނީ ކުދިންތަކެއް ރަހީނުކޮށްގެން ގެންގޮސްފައެވެ.

މިހަމަލާއާ ގުޅިގެން، ކަޓްސީނާ ސްޓޭޓުގެ ގަވަރުނަރު އަމީނޫ މަސާރީ ވަނީ އެ ސްޓޭޓް ހުރިހާ ބޯޑިންގ ސްކޫލެއް ވަގުތުން ބަންދުކުރުމަށް އަމުރުކުރައްވާފައެވެ.

ހަމަލާ އަމާޒުވި ސްކޫލް ދަރިވަރުންގެ ބެލެނިވެރިންނާ ބައްދަލުކުރައްވަމުން ގަވަރުނަރު ވަނީ ކެތްތެރިވުމުށް އެދިވަޑަގެންފައެވެ. މަރުކަޒީ ސަރުކާރުންނާއި ސްޓޭޓް ސަރުކާރުން ގެއްލުނު ދަރިވަރުން ހޯދުމަށް ކުރެވުނު މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.

ހުކުރު ދުވަހުގެ ރޭ މި ހިނގި ފަދަ ނުރައްކާތެރި ހަމަލާއެއް މީގެ ކުރިން ހިނގާފައި ވަނީ 2014 ވަނަ އަހަރުގެ އެޕްރީލް މަހުގައެވެ. އެފަހަރު ބޯކޯ ހަރާމް ޖަމާއަތުގެ ހަނގުރާމަވެރިން ވަނީ އިރުއުތުރުގައި އޮންނަ ބޯނޯ ސްޓޭޓްގެ ޗިބޮކްގެ އަންހެންކުދިންގެ ސްކޫލަކަށް ހަމަލާދީ 274 ދަރިވަރުން ރަހީނުކޮށްގެން ގެންގޮސްފައެވެ. އޭގެތެރޭން 100 ދަރިވަރަކު އަދިވެސް ނުފެނެއެވެ.

އެންމެ ފަހުން މި ދިން ހަމަލާއަށް ފަހު ކަޓްސީނާ ސްޓޭޓަށް ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ނައިޖީރިޔާގެ ރައީސު މުޙައްމަދު ބުހާރީ ވިދާޅުވީ ޖަންގަލީގައި ހަނގުރާމަވެރިން ތިބި ސަރަހައްދު މިހާރު ދެނެގަނެވިފައިވާ ކަމަށާއި، ދަރިވަރުން ސަލާމަތްކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.