އެމްއެންޕީ ރަޖިސްޓަރީ ކުރަން ހުށަހަޅައިފި

ސިޔާސީ ޕާޓީއެއްގެ ގޮތުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރެޖިސްޓަރކުރުމަށް މިއަދު، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ. ސިޔާސީ ޕާޓީއެއްްގެ ގޮތުގައި އެމްއެންޕީ ރަޖިސްޓްރީ ކުރުމަށް މިއަދު ހެނދުނު ހުށަހަޅާފައިވަނީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ރާއްޖޭގެ އެކިކަންކޮޅުތަކުން ފަސްހާސް (5،000) މެންބަރުންނަށް ވުރެ ގިނަ ފޯމާއެކުއެވެ.

އިލެކްޝަންސް ކޮމިޝަނުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ދެއްވާފައިވަނީ 15 ޖުލައި 2021 ވީ ދުވަހުއެވެ.

އެމްއެންޕީން ބުނާ ގޮތުގައި މިދިޔަ ދެ މަސްދުވަހުގެ ތެރޭގައި އެމްއެންޕީއާ ގިނަ އަދަދެއްގެ މެންބަރުން ދިޔައީ ގުޅެމުންނެވެ. އޭގެ ތެރޭގައި ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ އަދި ތަޢުލީމީ ދާއިރާއިން ގިނަ ތަޖްރިބާތަކެއް ހޯއްދަވާފައިވާ ބޭފުޅުން ހިމެނެއެވެ. އަފި ހުނަރުވެރި ގިނަ ޒުވާނުންވެސް އަންނަނީ ޕާޓީއާ ގުޅެމުންދާ ކަމުގައިވެސް އެމްއެންޕީން ވަނީ ބުނެފައެވެ.

އެމްއެންޕީން ނެރުނު ނޫސއބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި އެ ޕާޓީ އުފެއްދުމުގެ މަޤްޞަދަކީ ދިވެހީންގެ ތެރޭގައި ޤަޢުމީ ފިކުރު އާލާކޮށް، ދިވެހީން އެދޭ ކަންކަން ފުރިހަމަައަށް ހާސިލްކުރުމަށްޓަކައި، ޤާނޫނީ ގޮތުން ލިބިދޭ އެންމެހައި ބާރާއި އިޚްތިޔާރާއި ޙައްޤުތައް ބޭނުންކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމެވެ.

"އެމްއެންޕީގެ އުންމީދަކީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދެއްވިހާ އަވަހަކަށް އެޖަލްސާ ބާއްވާ، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުމެވެ. އަދި މިހިނގާ 2021 ވަނަ އަހަރު ނިމުމުގެ ކުރިން ދިހަ ހާސް (10،000) މެންބަރުން ހަމަކޮށް އެމްއެންޕީއަކީ ދިވެހިރާއްޖޭގައި ހިންގާ އެންމެ ވަރުގަދަ ސިޔާސީ ހަރަކާތަށް ހެދުމެވެ. މިފުރުޞަތުގައި ދިވެހި ޤައުމީ ފިކުރަށް ތާޢީދުކުރައްވާ ދިވެހިރާއްޖޭގެ ފަޚުރުވެރި އެންމެހާ ދިވެހި ރައްޔިތުންނަށް އެމްއެންޕީއާއި ގުޅުމަށް ދަޢުވަތު އަރުވަމެވެ. އެމްއެންޕީއަކީ ހުރިހާ ބޭފުޅުންނަށްވެސް ފަހި ފުރުޞަތު ތަކެއް އޮތް ޕާޓީއެކެވެ." އެމްއެންޕީގެ ބަޔާން ނިންމާލަމުން ބުނެފައި ވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.