ހެއިޓީގެ ރައީސު އަވަހާރަކޮށްލި މައްސަލައިގައި ބޮޑުވަޒީރާ ދެކޮޅަށް ދައުވާކުރުމަށް ޕްރޮސެކިއުޓަރ އަންވައިފި

ހެއިޓީގެ ބޮޑުވަޒީރު އެެރިއެލް ހެންރީ

ހެއިޓީގެ ރައީސު އަވަހާރަކޮށްލި މައްސަލައިގައި އެގައުމުގެ މިހާރުގެ ބޮޑުވަޒީރު އެެރިއެލް ހެންރީއާ ދެކޮޅަށް ދައުވާކުރުމަށް އެމައްސަލަ ތަހުގީގުކުރައްވާ ފަނޑިޔާރުުގެ އަރިހުން ޕޯޓޯ ޕްރިންސްެެގެ ކޮމިޝަނަރ ޖެނެރަލް (ފެޑެރަލް ޕްރޮސެކިއުޓަރ ޖެނެރަލް) ބެޑް-ފޯޑް ކްލައުޑް އަންގަވައިފިއެެވެ. އޭނާ ވަނީ "ހާމަވީ ހަގީގަތްތަކުގެ ބުރަދަން ހުރިވަރުން" ބޮޑުވަޒީރު ގައުމުން ބޭރަށް ވަޑައިގަތުން މަނާކުރުމަށްވެސް އަންވައިފައެވެ.

އޭނާ މިފަދައިން އަންގަވާފައި ވަނީ ރައީސު ޖުވެނެލް މޮއިސް އަވަހާރަކޮށްލުމުގައި އެންމެ އިސްކޮށް ހުރިކަަމަށް ތުހުމަތުކުރެވޭ މީހާއާ ބޮޑުވަޒީރު ހެންރީ އެއް ފަހަރަށްވުރެ ގިނަ ފަހަރު ފޯނުން ވާހަކަފުޅުދައްކަވާފައި ވާތީއެވެ. ޕްރޮސެކިއުޓަރ ވިދާޅުވި ގޮތުގައި ބޮޑުވަޒީރު ވަނީ އެމީހާ ދެ ގަޑިއިރުގެ ތެރޭގައި ދެ ފަހަރު ފޯނުން ވާހަކަފުޅުދައްކަވާފައެވެ.

"އޭނާ (ބޮޑުވަޒީރު) ގެ ކުށްނުކުރައްވާ ކަމާމެދު ޝައްކު އުފެދޭ އެތައް ކަމެއް ފެންނަން އެބަހުރި... އެއީ އޭނާގެ މައްޗަށް ދައުވާ އުފުލޭވަރު ކަންކަން. އެެހެންކަމުން ވަގުތުން އޭނާއާ ދެކޮޅަށް ދައުވާ އުފުލުމަށް އަހަރެން އަންގަން." ފަނޑިޔާރަށް ކޮމިޝަނަރ ޖެނެރަލް ފޮނުއްވި ސިޓީގައި ވެއެވެ.

ރައީސު މޮއިސް އަވަހާރަކޮށްލިތާ ދެ ހަފުތާ ފަހުން ރަސްމީކޮށް ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގަތް ހެންރީގެ ފަރާތްޕުޅުން މިކަމާމެދު އެއްވެސް އެއްޗެއް ބުނެފައި ނުވެއެެވެ.

ވެރިރަށް ޕޯޓޯ ޕްރިންސްގަައި ހުންނަ އަމިއްލަފުޅު ގެކޮޅުގައި ހުންނަވަނިކޮށް ބަޔަކު ދިން ބަޑީގެ ހަމަލާއެއެްގައި ރައީސު ޖުވެެނެލް މޮއިސް އަވަހާރަކޮށްލާފައި ވަނީ ފާއިތުވި ޖުލައި މަހުގެ 7 ވަނަ ދުވަހުއެވެ.

ކްލައުޑް ވިދާޅުވި ގޮތުގައި ބޮޑުވަޒީރު ފޯނުން ވާހަަކަފުޅުދައްކަވާފައި ވަނީ ފަތިހު 4:03 އަދި 4:20 ގައެެވެ. ހެކިތަކުން އެނގޭ ގޮތުގައި، ރައީސު އަވާރަކޮށްލުމުގައި އިސްކޮށް ހަރަކާތްތެރިވިކަމަށް ތުހުމަތުކުރެވޭ ޖޯސެފް ބާޑިއޯ އޭރު ހުރީ ރައީސު މޮއިސްގެ ގެކޮޅާ ކައިރި ހިސާބެއްގައެވެ.

ބާޑިއޯއަކީ އެއް އިރެއްގައި ހެއިޓީގެ މިނިސްޓްރީ އޮފް ޖަސްޓިސްއާއި، ސަރުކާރުގެ އެންޓި ކޮރަޕްޝަން ޔުނިޓްގައި މަސައްކަތްކުރި މީހެކެެވެ. ފާއިތުވި މޭ މަހު އޭނާ މަގާމުން ވަކިކޮށްފައި ވަނީ ސުލޫކީ މިންގަނޑުތަކާ ޚިލާފުވެގެންނެވެ.

ޕްރޮސެކިއުޓަރ ފަނޑިޔާރަށް ފޮނުއްވި ދެ ސަފުހާގެ ސިޓީފުޅުގައި ވާގޮތުން ދެ ފަހަރުމަތިން ޖުމްލަ ހަތް މިނިޓަށް ބޮޑުވަޒީރު ފޯނުން ވާހަކަފުޅުދައްކަވާފައި ވެއެވެ. އޭރު އޭނާ ހުންނެވީ ޕޯޓޯ ޕްރިންސްގެ ހޮޓެލް މޮންޓާނާގައެވެ.

ޕްރޮސެކިއުޓަރ ކްލައުޑްއަށް "ފާއިތުވި ފަސްދުވަހު ކަންބޮޑުވާންޖެހޭ ގޮތަކަށް ބިރުދައްކާ" ފޯނު ކޯލުތަކެއް ލިިބިވަޑައިގެންފައި ވާތީ" އޭނާގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ހެއިޓީގެ ޖަސްޓިސް މިނިސްޓަރު ރޮކްފެލާ ވިންސެންޓް ވަނީ ފާއިތުވި ހޯމަ ދުވަހު ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.