ހެއިޓީގެ ރައީސު ޖޮވެނެލް މޮއިސް އޭނާގެ ގެކޮޅުގައި ހުންނަވަނިކޮށް ބަޔަކު ހަމަލާދީ އޭނާ އަވަހާރަކޮށްލުމާ ގުޅިގެން އެގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފިއެވެ.
އިންތިގާލީ ބޮޑުވަޒީރު ކްލައުޑް ޖޯސެފް ވިދާޅުވިގޮތުގައި ބުދަދުވަހުގެ ފަތިހު ރައީސު މޮއިސް ވެރިރަށް ޕޯޯޓޯ ޕްރިންސްގައި ހުންނަ އޭނާގެ އަމިއްލަފުުޅު ގެކޮޅުގައި ހުންނަވަނިކޮށް އަވަހާރަކޮށްލަން ދިން ބަޑީގެ ހަމަލާގައި އޭނާގެ އަނބިކަަނބަލުން މާޓިނާ މޮއިސްއަށްވެސް ވަނީ ބަޑިން ހަމަލާދީ ޒަޚަަމްކޮށްލާފައެވެ. އޭނާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެެެވެ.
ރައީސު މޮއިސް އަވަހާރަވުމަށްފަހު ރައީސުކަމާ ހަވާލުވެވަޑައިގަންނަވާނެ ބޭފުޅަކު ސާފުވެފައިނުވާއިރު، އިންތިގާލީ ބޮޑުވަޒީރު ވަނީ އަމިއްލަފުޅަށް ވެރިކަމާ ހަވާލުވެވަޑައިގެން ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރައްވާފައެވެ.
"ހެއިޓީގެ ރައްޔިތުން ހިމޭންކަމާއެކު ތިއްބަވާ. ހުރިހާ ކަމެއް ވަނީ ކޮންޓުރޯލުކުރެވިފައި. ދައުލަތު ހިނގުން މެދުނުކެނޑި ކުރިއަށް ދިއުން ކަށަވަރުކުރުމަށް ވަޒީރުންގެ މަޖިލިސް ވަނީ ބައްދަލުވެފައި. އިންސާފު ލިބިވަޑައިނުގެން ރައީސު ޖުވެނެލް އަވަހާރަނުވާނެ." ހެއިޓީގެ ރައްޔިތުންނާ މުޚާާޠަބުކުރައްވަމުން އިންތިގާލީ ބޮޑުވަޒީރު ވިދާޅުވިއެވެ.
ކުރިއްސުރެ ސިޔާސީ ހަމަނުޖެހުންތަކެެއްގެ ތެރޭގައި އޮއް ހެއިޓީ ވަނީ އުމުރުފުޅުން 53 އަަަހަރުގެ ރައީސު މޮއިސް އަވާހަރަވުމާއެކު އިތުރު ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓިފައެވެ. ރައީސު މޮއިސް އަވަހާރަކޮށްލާފައި މިވަނީ އޭނާގެ ފަސް އަހަރުގެ ދައުރު ފާއިތުވި ފެބުރުވަރީ މަހު ހަމަވެފައިވާ ކަމަށާއި، އޭނާ ވެރިކަމުން ފައިބާވަޑައިގަންނަަވަންެ ޖެހޭކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަަޑުއުފުލަމުން ދަނިކޮށެވެ.
އިދިކޮޅު ފަރާތްތަކުންވަނީ ރައީސު މޮއިސް އަަވާރަކޮށްލުމަކީ ނުބައިކަން ބޮޑު ޖަރީމާއެެއް ކަމުގައި ސިފަކޮށް އެންމެން އިތުރަށް ސަމާލުވެ ތިބުމަށްް ގޮވައިލާފައެވެ.
"މި އުނދަގޫ ދަނިޑިވަޅުގައި ޑިމޮކްރެޓިކް އުސޫލުތަކާ ފުށުއަރާ މި ނުބައިކަން ބޮޑު ޖަރީމާ އިދިކޮޅު ސިޔާސީ ބާރުތަކުން އެންމެ ހަރުކަށި ގޮތުގައި ކުށްވެރިކުރަން." އިދިކޮޅު ފަރާތްތަކުން ނެރުނު ގުޅިފައިވާ ބަޔާނުގައި ވެއެވެ.
ހެއިޓީ ސަރުކާރުގެ އިސް ބައެއް ފަރާތްތަކުން ރޭ މައުލޫމާތު ދެއްވާފައިވާ ގޮތުންގައި ރައީސު މޮޮއިސްގެ "ގާތިލުންކަމަށް ބެލެވޭ ބަޔަކު" ވަނީ ރޭ ހައްޔަރުކޮށްފައެވެ.
ކޮމިޔުނިކޭޝަންސް ސެކްރެޓަރީ ފްރާންޒް އެކްސާންޓަސް ވިދާޅުވި ގޮތުގައި އެ ބަޔަކު ހައްޔަރުކުރެވިފައި ވަނީ ޕެލެރިން ޑިސްޓްރިކްޓުންނެވެ.
ހެއިޓީގެ ރައީސު އަވަހާރަކޮށްލުމުގެ ހާދިސާއަށް ފަހު އަވަށްޓެރި ޑޮމިނިކަން ރިޕަބްލިކުން ވަނީ ދެގައުމު ގުޅޭ ސަރަހައްދީ ރޮނގު ބަންދުކޮށްފައެވެ.