2017 ވަނަ އަހަރުގެ އޮގަސްޓު މަހުގެ 5 ވަނަ ދުވަހު އެމެރިކާގެ މިނެސޯޓާ ސްޓޭޓުގެ މިސްކިތެއްގައި ބޮމެއް ގޮއްވާލި މައްސަލައިގައި އިލިނޯއީ ސްޓޭޓުގައި ހަރަކާތްތެރިވާ ސަރުކާރާ ދެކޮޅު ހަނގުރާމަވެރި ގްރޫޕެއް ކަމުގައިވާ 'ވައިޓް ރެބިޓްސް'ގެ ލީޑަރު 53 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފިއެެވެ. އެ ހަމަލާ ވެގެން ގޮސްފައި ވަނީ އެ މިސްކިތް ކައިރީގައި ދިރިއުޅޭ މުސްލިމުން ބިރުވެރިކަމެއްގެ ތެރެއަަށް ވައްޓާލި ހަަމަލާއަކަށެވެ.
އެ ދުވަހު ޕައިޕް ބޮމެއް ގޮއްވާލައި ގެއްލުން ދީފައިވަނީ މިސްކިތުގެ އިމާމުގެ ކޮަޓަރިއަށެވެ.
ޖިންސު ބަދަލުކުރުމަށް ފަހު އެމިލީ ކްލެއާ ހެރީ، އޭގެ ކުރިން މައިކަލް ހެރީގެ މައްޗަށް އިއްޔެ ހުކުމް އިއްވި ނަމަވެސް، ބްލޫމިންގްޓަންގެ ދާރުލް ފާރޫޤް އިސްލާމިކް ސެންޓަރަށް ބޮމުގެ ހަމަލާދިން ކަމުގެ ކުށް އޭނާގެ މައްޗަށް ސާބިތުވާކަމަށް ފާއިތުވި 2020 ވަނަ އަހަރުގެ ޑިސެންބަރު މަހު ކޯޓުން ވަނީ ނިންމާފައެވެ.
އޭރު އޭނާގެ މައްޗަށް ފަސް ކުށެއް ސާބިތުވާކަމަށް ކޯޓުން ނިންމާފައި ވެއެވެ. އޭގެ ތެރޭގައި ގޮވާ ތަކެތި ބޭނުންކުރުމާއި، ދީނީ ހައިސިއްޔަތު ލިބިފައިވާތީ އިމާރާތަކަށް ގެއްލުން ދިނުމާއި، ދީނީ ޝިއާރުތައް މިނިވަންކަމާއެކު އަދާކުރުމަށް ހުރަސްއެޅުން ހިމެނެއެވެ.
އެ ހަަމަލާގައި އެއްވެސް މީހަކު މަރުނުވި ނަމަވެސް، އެ މިސްކިތަށް ގޮސްއުޅޭ ގިނަ ބަޔަކު ވަނީ ހަަމަލާގެ ސަަބަބުން އެމީހުންގެ ހިތުގައި އުފެދުނު ބިރުވެރިކަމާ، އެކަމުން ނަފްސާނީ އަސަރު ކޯޓުގައި ކިޔައިދީފައެވެ. އެހެންކަމުން އިއްޔެ ހުކުމް އިއްވަވަމުން މިނެސޯޓާ ޑިސްޓްރިކްޓް ކޯޓުގެ ފަނޑިޔާރު ޑޮނޮވަން ފްރޭންކް ވިދާޅުވެފައިވާ ގޮތުގައި ހަަމަލާދިން ހެރީގެ "މަގުސަދަކީ މުސްލިމް އަގީދާ ގަބޫލުކުރާ މީހުން ގެ ހިތަށް ބިރުވެރިކަން ވައްދައި، ބިރުވެރިކަމެއްގެ ތެރޭގައި އެމީހުން ބޭތިއްބުމެވެ."
"ތަފާތު ނަސްލުތަކާއި ދީންތަކުގެ މީހުން އެކުގައި އުޅުމަކީ މިގައުމުގެ ވަރުގަދަކަން. އެކަން ނޭނގޭ މީހަކަށް އެތައެް ވައްތަރެއްގެ މީހުން މިގައުމަށް އައުމުން ގާނޫނުން އެމީހުންނަށް ދޭ އުއްމީދު ނޭނގޭ." ފަނޑިޔާރު ފްރޭންކް ވިދާޅުވިއެވެ.
"363 މަހަށްވުރެ ކުޑަ ހުކުމެއް އިއްވުން ވާނީ ގާނޫނަށް އިހުތިރާމުނުކުރުން ކަމުގައި." ހުކުމް އިއްވަވަމުން ފަނޑިޔާރު ވިދާޅުވިއެވެ.
ހުކުމް އިއްވުމުގެ ކުރިން މުޖުރިމް ހެރީ ވަނީ ކުރު ބަޔާނެއް ދީފައެވެ. އޭނާ ބުނިގޮތުގައި އޭނާގެެ ހަޔާތުގެ 47 އަހަރު ހޭދަކުރީ އުފާވެރިކަމުގައެވެ. އަނެއް ތިން އަހަރު ކަންވެ ދިޔަ ގޮތާމެދު އޭނާ ފަނޑިޔާރަށް ކުރާނެ ޝަކުވާއެއް ނެތެވެ. އަދި އޭނާގެ ހަމަލާގެ ސަަބަބުން ބިރުވެރިކަމެއްގެ ތެރޭގައި އުޅެން ޖެހުނު މީހުން ކަަލާނގެ ހެޔޮގޮތް މެދުވެރިކުރެއްވުމަށް ވެސް އޭނާ ވަނީ އެދިފައެވެ.
"އަހަރުމެން އުއްމީދު ކޮށްގެން ތިބީ އުމުރުދުވަހުގެ ޖަލު ހުކުމަކަށް. އެހެންނަމަވެސް، މިއީވެސް އަހަރުމެންނަށް ގަބޫލުކުރެވޭ ހުކުމެއް." ކޯޓުގެ ހުކުމަށް ފަހު، ދާރުލް ފާރޫޤުގެ އިސް ބޭފުޅެއް ކަމުގައިވާ ޚާލިދު ޢުމަރު ވިދާޅުވިއެވެ.