އެމެރިކާގެ ނެޝްވިލްގައި ބާރުގަދަ ގޮވުމެއް

ނެޝްވިލްގައި އެެއްޗެއް ގޮވި ސަރަހައްދު

އެމެރިކާގެ ޓެނަސީ ސްޓޭޓްގެ ނަޝްވިލްގައި ކްރިސްމަސް ދުވަހު ފަތިހު ބާރުގަދަ ގޮވުމެއް ގޮވައިފިއެވެ. ނެޝްވިލްގެ މެދުތެރޭގައި ބޮން ގޮވި ހިސާބަކީ ފިހާރަތާއި، ބާތަކާއި، ރެސްޓޯރަންޓްތައް ގިނަ ސަރަހައްދެކެވެ. އެހެންނަމަވެސް، އެ ވަގުތު އެ ސަރަހައްދު މުޅިން ހޮސްކޮށެވެ.

ތިން މީހަކަށް އަނިޔާވި މި ގޮވުމުގެ ބާރުގަދަ ކަމުން ކައިރީގައި ހުރި އިމާރާތްތައް ގުޑައި ގިނަ އިމާރާތްތަކެއްގެ ބިއްލޫރިތައް ތަޅައިގެން ގޮސްފައި ވެއެވެ. މި ހާދިސާގެ ތަހުގީގާ ހަވާލުވި ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ބުނީ ގަސްްތުގައި ކޮށްފައިވާ ކަމެއް ކަމަށް ބެލެވޭ ކަމުގެއެވެ.

އެެއްޗެއް ގޮވުމުގެ ކުރިން، ރިކްރިއޭޝަނަލް ވެހިކަލެއް، 15 މިނެޓް ތެރޭގައި ބޮމެއް ގޮވާނެކަމުގެ އިންޒާރު ދޭ ގޮވުމެއް އިއްވަމުން އެސަރަހައްދުން ދަނިކޮށް ފުުލުހުން އެ އުޅަނދު ހުއްޓުވަން އުޅުމުން ފުލުހުންނާ ދިމާއަށް ބަޑިޖަހާފައިވާކަމުގައި މެޓްރޯ ނެޝްވިލް ޕޮލިސް ޗީފް ޖޯން ޑްރޭކް ވިދާޅުވިއެވެ. ފުލުހުން ވަނީ އެ ސަރަހައްދުގެ އިމާރާތްތައް ހުސްކޮށްފައެވެ.

އުޅަނދު ގޮވި ހިސާބުގައި ހުރި ސީސީޓީވީ ކެމެރާއަކުން ރިކޯޑްކޮށްފައިވާ ވީޑިއޯއެއް މީސްމީޑިޔާގައި ދައުރުވަމުން ދާއިރު، ގޮވުމުގެ ހިނދުކޮޅެއް ކުރިން "މި މެސެޖް އަޑުއިވޭ ކަމުގައި ވާނަމަ، އަވަހަށް މިތަން ދޫކޮށްދޭ" މިހެން ގޮވާއަޑު އެ ވީޑިއޯއިން އިވެއެވެ.

މި ހާދިސާ ތަހުގީގުކުރުމުގައި ހަރަކާތްތެރިވާ ބައެއް އޮފިޝަލުންނާ ހަވާލާދީ އެސޯޝިއޭޓެޑް ޕްރެސްއިން މިއަދު ހެނދުނު ބުނެފައިވާ ގޮތުގައި ބޮން ގޮވި ސަރަަަހައްދުން އިންސާނެއްގެ ހަށިގަނޑުގެ ބައިތައް ވަނީ ފެނިފައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މި ގޮވުމުގައި އެމެރިކާގައި މީގެ ކުރިން ދެވުނު ހަމަލާތަކުގައި ބޭނުންކޮށްފައި ނުވާ މިންވަރަށް ގޮވާތަކެތި ބޭނުންކޮށްފައި ވެއެވެ.

މިއީ ކޮން ބައެއްގެ އަމަލެއްކަން އަދި ދެނެގަނެވިފައި ނުވިނަމަވެސް، އެމެރިކާގެ ބައެއް ނޫސްތަކުން ބުނާ ގޮތުގައި ރައީސު ޓްރަމްޕްގެ ސިޔާސަތުތަކުގެ ސަބަބުން އެމެރިކާގެ ހަރުކަށި ކަނާތުފިޔައިގެ ހަތިޔާރުއެޅި ޖަމާއަތްތަކުގެ ހަރަކާތްތައް ވަނީ އިތުރުވާން ފަށާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.