ޔަމަނުގެ މެދުތެރޭ ރަށެއް ކަމުގައިވާ މައުރިބު ހިފުމަށް ޙޫޡީ ހަނގުރާމަވެރިން ދެމުންދާ ހަމަލާތައް ވަރުގަދަވެ އިއްޔެގެ ހަމަލާތަކުގައި 65 މީހުން މަރުވެއްޖެއެވެ. ތެލުގެ މުއްސަނދިކަން ލިބިފައިވާ ސަރަހައްދުގައި އޮތް މައުރިބަކީ މިހާރު އެ ސަރަހައްދުގެ ބޮޑެތި ރަށްތަކުގެ ތެރޭން ބައިނަލްއަގުވާމީ ގޮތުން ގަބޫލުކުރާ ޔަމަނުގެ ސަރުކާރުގެ ބާރުގެ ދަށުގައި އޮތް ހަމައެކަނި ރަށެވެ.
އިއްޔެއަކީ ފާއިތުވި ޖޫން މަހުގެ ތެރޭގައި ޙޫޘީން މައުރިބަށް ދިން ހަމަލާގައި 111 މީހުން މަރުވި ފަހުން މައުރިބުގެ ހަނގުރާމައިގައި އެންމެ ގިނަ މީހުން މަރުވި ދުވަހެވެ. ފާއިތުވި ފެބްރުވަރީ މަހުއްސުރެ ޙޫޘީން ގެންދަނީ އެރަށް ހިފުމަށް ޙަމަލާދެމުންނެވެ.
"ފާއިތުވި 48 ގަޑިއިރުގެ ތެރޭގައި ޙޫޘީ ބާޣީންގެ 43 މީހުން މަރުވެފައިިވާއިރު، ސާރުކާރަށް ތާއީދުކުރާ ސިފައިންގެ 22 މީހުން މަރުވެ، އިތުރު 50 މީހުން ޒަޚަމްވެފައިވޭ." ސަރުކާރުގެ އަސްކަރީ އޮފިޝަލަކު މައުލޫމާތުދެއްވިއެވެ. ސިއްހީ އަދި އަސްކަރީ އެހެން މަސްދަރުތަކުންވެސް ވަނީ މި އަަދަދުތައް ކަށަވަރުކޮށްދީފައެވެ. ބައެއް ޚަބަރުތައް ބުނާގޮތުގައި ޙޫޘީ ހަނގުރާމަވެރިންގެ ގިނަ މީހުން މަރުވެފައި ވަނީ މައުރިބުގެ ދެކުނު ފަރާތުން ހަނގުރާމަވެރިން ހަމަލާތައް ވަރުގަދަކުރަން ފެށުމާއެކު، ޔަމަނުގެ ސަރުކާރަށް ތާއިދުކުރާ އަރަބި ކޯލިޝަނުގެ ހަނގުރާމަމަތީ މަތިންދާބޯޓުތަކުން އެމީހުންނަށް ހަމަލާދިނުމުންނެވެ.
އީރާނުގެ ތާއީދާއެކު ހަނގުރާމަކުރަމުންދާ ޝީޢާ ހަނގުރާމަވެރިން ޔަމަނުގެ ސަރުކާރު ވައްޓާލައި، ޔަމަނު ހިފުމަށް ކުރަމުންދާ ހަނގުރާމައިގައި ފާއިތުވި އާދީއްތަދުވަހު ހަނގުރާމަވެރިން ވަނީ އުތުރުގެ ލަހިޖް ޕްރޮވިންސުގެ އަލްއަނަދު އަސްކަރީ ވައިގެ މަރުކަޒަަށް ޑްރޯނުން ހަމަލާދީ ސަރުކާރު ސިފައިންގެ 30 މީހުން މާރާލާފައެވެ. އަލްއަނަދުއަކީ ޔަމަނުގެ އެންމެ ބޮޑު އަސްކަރީ ވައިގެ މަރުކަަޒެވެ.
ސައޫދީން އިސްވެ އޮވެ އުފައްދާފައިވާ އަރަބި ކޯލިޝަނުގެ އަސްކަރީ މަދަދާއެކު ޔަމަނުގެ ސަރުކާރުން ދަނީ 2014 ވަނަ އަހަރުއްސުރެ ޙޫޘީންނާ ހަނގުރާމަކުރަމުންނެވެ. ހަނގުރާމަ ނިމުމުގެ ކޮޅުމަތި އަދިވެސް ފެނިފައި ނުވާއިރު، އދ.އާއި އެމެރިކާއިން ވެސް ދަނީ ހަނގުރާމަ ހުއްޓުވޭތޯ މަސައްކަތްކުރަމުންނެވެ.
ޙޫޘީން ބުނަމުންދަނީ ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާނީ ސައޫދީ ކޯލިޝަނުން ހިސާރުކޮށް ބަންދުކޮށްފައިވާ ސަންއާ އެއާޕޯޓު ހުޅުވުމުން ކަމުގައެވެ. ސަންއާއަކީ ޔަމަނުގެ ވެރިރަށެވެ. އެރަށް މިހާރު އޮތީ ޙޫޘީންގެ ބާރުގެ ދަށުގައެެވެ. ޔަމަނު ސަރުކާރުން މިހާރު ވަގުތީ ގޮތުުން ވެރިކަން ހިންގަމުން ދަނީ ދެކުނުގެ ރަށެއް ކަމުގައިވާ އަދަންގައެވެ.
ހަނގުރާމައިގެ ސަބަބުން ޔަމަނުގެ އެތައް މިލިއަން ބަޔަކު ގެދޮރު ދޫކޮށް ހިޖުރަކޮށްފައި ވާއިރު، %80 މީހުން ކައިބޮއި އުޅެނީ ބޭރުން ލިބޭ އެހީންނެވެ.