ޠާލިބާނުންގެ ލަޝްކަރެއް ޕަންޖްޝޭރް ވާދީއަށް ފޮނުވައިފި

ޕަންޖްޝޭރް ވާދީގައި ޠާލިބާނުންނާ ދެކޮޅަށް ރުކުރުވާލާ ލަޝްކަރުގެ ކޮމާންޑަރު އަޙްމަދު މަސްޢޫދު

އަފްޣާނިސްތާނުގެ ސަރަހައްދުތަކުގެ ތެރެއިން ޠާލިބާން ޖަމާއަތުގެ ބާރުގެ ދަށުގައި ނެތް މަދު ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ޕަންޖްޝޭރް ވާދީއަށް "އެތައް ސަތޭކަ ހަނގުރާމަވެރިންގެ" ލަޝްކަރެއް ފޮނުވައިފި ކަމުގައި އެ ޖަމާއަތުން ބުނެފިއެވެ.

އެ ޖަމާއަތުގެ ޓުވިޓާގައި އިއްޔެ ބުނެފައިވާ ގޮތުގައި ޕަންޖްޝޭރް ވާދީއަށް ލަޝްކަރެއް ފޮނުވަނީ އެ ސަރަހައްދުގެ ވެރިން ސުލްހަވެރިގޮތުގައި އެ ސަރަހައްދު އެ ޖަމާއަތާ ހަވާލުކުރަން ދެކޮޅު ހަދާތީ އެ ސަރަހައްދު ހިފަންވެގެންނެެވެ.

ޠާލިބާނުން ވެރިރަށް ކާބުލް ހިފައި އަފްޣާން ސަރުކާރާ ހަވާލުވުމާ ގުޅިގެން، އެ ޖަމާއަތާ ދެކޮޅު ފަރާތްތަކުން ދަނީ ޕަންޖްޝޭރް ވާދީއަށްް ޖަމާވަމުންނެވެ. އެ ވާދީ ޖަމާވާ ހަނގުރާމަވެރިންގެ އިސްވެރިޔަކަށް ހުރީ ހަނގުރާވެރި ކޮމާންޑަރު އަޙްމަދު މަސްޢޫދެވެ. އޭނާއަކީ ރަޝީޔާ ސިފައިިން އަފްޣާނިސްތާނުން ބޭރުކުރަން ހަނގުރާމަކުރި މުޖާހިދުންްގެ އެންމެ އިސް އެއް ކޮމާންޑަރު އަޙްމަދު ޝާހް މަސްޢޫދުގެ ދަރިއެކެވެ.

ޠާލިބާނުންނާ ދެކޮޅު ހަނގުރާމަވެރިން އެކަތިގަނޑަކަށް ހަދައި އެ ޖަމާއަތާ ދެކޮޅަށް ސަފުތައް ރުކުރުވާލުމުގައި އަޙްމަދު މަސްޢޫދުއާއެކު އިސްކޮށް އުޅުއްވަނީ އަފްޣާނިސްތާނޫ ދޫކުރައްވައި ފިއްލެވި ރައީސު އަޝްރަފް ޣާނީގެ ނާއިބަކަށް ހުންނެވި އަމްރުﷲ ޞާލިޙުއެވެ. އޭނާ ވާނީ ޠާލިބާނުންނަށް އަމާންނުދެއްވާނެކަަމަށް ވިދާޅުވެ އޭނާއަކީ އަފްޣާނިސްތާނުގެ "ވަގުތީ ރައީސު" ކަމުގައި އަމިއްލަފުޅަށް އިއުލާންކުރައްވާފައެެެވެ.

ކާބުލްގެ އުތުރުގައި އޮންނަ ޕަންޖްޝޭރް ވާދީއަކީ ޠާލިބާން ޖަމާއަތުން އަފްޣާނިސްތާނުގައި 1996 އިން 2001 އަށް ވެރިކަން ކުރި އިރުވެސް އެ ޖަމާއަތުގެ ބާރުގެ ދަަށަށް ނުގޮސް އޮތް ސަރަހައްދެކެވެ. އޭރު އެއީ ޠާލިބާނުންނާ ދެކޮޅަށް ހަނގުރާމަކުރި 'އުތުރުގެ އިއްތިހާދު' ގެ މައި މަރުކަޒެވެ. އޭރު އެ އިއްތިހާދުގައި ހިމެނުނު ފަރާތްތަކުން މިހާރުވެސް ތިބީ ޠާލިބާނުންނަށް ބޯ ލަނބާ ގޮތަކަށް ނޫނެވެ. ޚަބަރުތައް ބުނާ ގޮތުގައި 10 ހާހަށްވުރެ ގިނަ ހަނގުރާމަވެރިން މިހާރު ވަނީ އެ ވާދީއަށް ޖަމާވެފައެވެ

ލަޝްކަރެއް އެއްކުރި ނަމަވެސް ކޮމާންޑަރު އަޙްމަދު މަސްޢޫދު ހުރީ ޠާލިބާނުންނާ ވާހަކަދައްކަން ތައްޔާރަށެވެ.

"އަހަރުމެން ބޭނުންވަނީ ކުރިއަށް ދެވެން އޮތް ހަމައެކަނި މަގަކީ މަޝްވަރާގެ މަގު ކަމުގެ ހަގީގަތް ޠާލިބާނުން ގަބޫލުކުރަން." ބޭރުގެ ޚަބަރުފަތުރާ ވަސީލަތަކަށް ދިން ބަސްދީގަތުމެއްގައި މަސްޢޫދު ބުނެފައި ވެއެވެ.

އެެހެންނަމަވެސް، އޭނާ ބުނި ގޮތުގައި ޠާލިބާނުން ގަދަބާރުން ޕަންޖްޝޭރް ވާދީއަށް ވަންނަން މަސައްކަތްކޮށްފިނަމަ، އޭނާގެ ހަނގުރާމަވެރި ތިބީ ތައްޔާރަށެެވެ.

"އެމީހުން (ހަނގުރާމަވެރިން) ބޭނުންވަނީ (ވާދީ) ދިފާއުކުރަން. ހަނގުރާމަކުރަން. ޚުދުމުޚުތާރު ވެރިކަމަކާ ދެކޮޅަށް ނުކުންނަން." މަސްޢޫދު ބުނެފައި ވެއެވެ.

އަޙްމަދު މަސްޢޫދު ވަނީ ހުރިހާ ފަރާތްތަކެެއް އެކުލެވޭ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވައިލުމަށް ޠާލިބާނުންނަށް ގޮވައިލާފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.