އަފްޣާނިސްތާނު ސިފައިންެގެ ހެލިކޮޕްޓަރުތަކުން އުތުރުގެ ޕްރޮވިންސެއް ކަމުގައިވާ ކުންދޫޒްގެ މަދަރުސާއަކަށް ދިން ހަމަލާއެެއްގައި 70 މީހުން މަރުވެ 30 މީހުން ޒަޚަމްވެެއްޖެއެވެ. މަރުވި މީހުންގެ ތެރޭގައި ކިޔަވާކުދިން ހިމެނޭ ކަމަށް އެއަވަށުގެ މީހުންނާ ހަވާލާދީ ޚަަބަރުތައް ބުނެއެވެ.
އެ މަދަރުސާ ހުންނަ ދަަޝްތޭ އާރްޗީ ޑިސްޓްރިކްޓްގެ ޑިސްޓްރިކްޓް ގަވަރުނަރު ނަސްރުދީން ސާދީ ވިދާޅުވީ ހަމަލާ ދިނީ މިސްކިތަކަށް ކަމުގައެވެ. އަދި އެވަގުތު އެތަނުގައި އޮތް ދީނީ އެއްވުމަކަށް ގާތްގަނޑަކަށް 1000 މީހުން ހާޒިރުވެފައި ތިބިކަމުގައެވެ. ފޯނުުން މައުލޫމާތު ދެމުން އެރަށުން ވާހަކަ ދެއްކި މީހުން ބުނީ އެ އެއްވުން އޮތް ތަނަކީ މިސްކިތެއްގެ އިތުރަށް މަދަރުސާއެއްގެ ގޮތުގައި ވެސް ބޭނުންކުރެވޭ ތަނެއް ކަމުގައެވެ. އެބައިމީހުން ބުނި ގޮތުގައި އެވަގުުތު އެތަނުގައި ކުރިއަށް ދިޔައީ މަދަރުސާ ނިންމި ކުދިންނަށް ސަނަދު ދިނުމުަގެ ހަފުލާއެެކެވެ. އަދި އެ ހަފުލާއަށް ޠާލިބާނުންގެ އިސް ބައެއް މީހުން ވެސް ގޮސްފައި ތިބީއެވެ.
ސަރުކާރުގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނީ އެތަނުގައި ޠާލިބާނުންގެ އިސް ކޮމާންޑަރުން ތިބިކަމަށާއި، ޙަމަލާ ދިނީ ކޮމާންޑަރުންގެ ބައްދަލުކުވުމަކަށް ކަމަށެެވެ.
ނަމަވެސް އެ އަވަށުގެ މީހުން ބުނީ އެތަނުގައި ހިނގަމުން ދިޔައީ ދީނި އެއްވުމެއްކަމަށާ، ޠާލިބާނުންވެސް އެއެއްވުމަށް ހާޒުރުވެ ތިބި ކަމަށެވެ. "ގާތްގަނޑަކަށް މެންދުރު 12 ޖެހިއިރު، ބޯމަތިން ބޯޓުތައް އުދުހެން ފެށުމުން ކުދިން ހަޅޭއްލަވަން ފެށި 'މިފަހަރު އަހަރުމެންގެ ބޮލަށް ބޮން އަޅާނެއޭ' އެހެންނަމަވެސް ހަރު މީހުން އެކުދިން ގާތުގައި ބުނީ 'މަޑުން ތިބޭށޭ. އެެއްވެސް ކަމެއް ނުވާނެއޭ"، ދެން އިރުކޮޅަކުން ފެނުނީ ބޮން އެޅިތަން." އެރަށުން ވާހަކަދެއްކި މުޙައްމަދު އިސްޙާޤު ބުންޏެވެ. "އަހަރެންނަށް އެތަނުން ސަލާމަތްވެވިއްޖެ. އެހެންނަމަވެސް ގިނަބަޔަކު މަރުވެ ޒަޚަމްވި. އެތައް ބަޔަކު ބިންމައްޗަށް ވެއްޓިފައި ތިއްބާ ފެނުނު." އޭނާ އިތުރަށް ބުންޏެވެ.
ޠާލިބާނުން ނެރުނު ބަޔާނެއްގައި މަދުރަސާއަށް ހަމަލާ ދިންވާހަކަ ބުނިނަމަވެސް ކޮމާންޑަރުން އެތަނުގައި ތިބި ވާހަކަ ބުނެފައެއް ނުވެއެވެ. އެބަޔާނުގައި ބުނެފައިވާ ގޮތުގައި ހަމަލާދިނީ އިލްވެރިންނާއި، އާއްމުންގެ 150 މީހުން މަރުވެފައި ވެއެވެ. އޭގެތެރޭގައި ގިނައީ ކުޑަކުދިންނެވެ.
އަނެއްކޮޅުން އަފްޣާން އަސްކަރިއްޔާއިން ވަނީ އެހަމަލާގެ ސަބަބުން އާއްމުން މަރުވި ކަމަށް ދެކޮޅުހަދާފައެވެ. އަސްކަރިއްޔާގެ ބަޔާނުގައި ބުނީ ހަމަލާ ދިނީ 'ޠާލިބާނުންގެ ތަމްރީނު މަރުކަޒަކަށް' ކަމުގައްޔާއި މަރުވީ ޠާލިބާން ހަނގުރާމަވެރިން ކަމުގައެވެ.
އެމެރިކާ ސިފައިން ބުނެފައިވަނީ އެ ހަމަލާގައި އެމީހުންގެ ބައިވެރިވުމެއް ނުވާކަމުގައެވެ.