ލެބެނާނުގައި އެތައް މިލިއަން ބަޔަކު ފެނަށް ޖެހިދާނެ: ޔުނިސެފް

ލެބެނާނުގެ ވެރިރަށް ބޭރޫތުގައި މީހަކު ފެންއަޅަން ހުސް ފުޅިތަކެއް ހިފައިގެން ދަނީ

ލެބެނާން (ލުބްނާން) ގައި އެތައް މިލިއަން ބަޔަކަށް ބޭނުންވާ ބޯފެން ނުލިބި ފެނަށް ޖެހިދާނެ ކަމުގައި އދ. ކުޑަކުދިންނާ ބެހޭ ޖަމްއިއްޔާ (ޔުނިސެފް) އިން ބުނެފިއެވެ.

"އަވަސް ފިޔަވަޅުތަކެއް ނާޅައިފިނަމަ، ލެބެނާންގެ ކަންކޮޅުތަކުގައި 4 މިލިއަނެެއްހާ މީހުން -ޚާއްސަކޮށް ނުރައްކަލަށް ހުށަހެޅިފައިވާ ކުޑަކުދިންނާއި އާއިލާތައް- ވަނީ ލިބޭ ފެން ނުރައްކާތެރި ދަރަޖައަކަށް މަދުވުން ނުވަތަ އެއްގޮތަކަށްވެސް ފެން ނުލިބުމުގެ ބިރާ ކުރިމަތިލާން ޖެހިފަ." ޔުނިސެފްގެ އެގްޒެކަޓިވް ޑިރެކްޓަރު ހެންރިއެޓާ ފޯރޭ އިއްޔެ ނެރުއްވި ބަޔާނެއްގައި ވެއެވެ.

ފާއިތުވި ޖުލައި މަހު ޔުނިސެފުން އިންޒާރުދީފައިވާ ގޮތުގައި، މި ހޫނު މޫސުމުގައި ލެބެނާނުގެ ރައްޔިތުންގެ %71 މީހުން ފެނަށް ޖެހުމަކީ އެކަށީގެންވާ ކަމެކެވެ.

ފޯރޭ އިތުރަށް ފާހަގަކުރެއްވި  ގޮތުގައި ދިގުލައިގެން ގޮަސްފައިވާ ކަރަންޓު ނުލިބުމުގެ މައްސަލައިގެ ސަބަބުން ލެެބެނާނުގެ ސިއްހީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނަށް ބޭނުންވާ ސާފު ބޯފެން ލިބުމަށް ވަނީ ދަތިތަކެއް ކުރިމަތިވެފައެވެ.

"ލެބެނާނުގައި ކޮވިޑް-19 ގެ ކޭސްތައް ގިނަވެގެން ދިއުމުގެ އިތުރަށް، ފެނުގެ ޒަރީއާއިން ފެތުރޭ ބަލިތައް އިތުރުވެގެން ދިއުމުގެ ފުރަސަތު އެބައޮތް." ފޯރޭ ވިދާޅުވިއެެވެ. އޭނާ ވަނީ ފެނާއި އަސާސީ އެހެން ޚިދުމަތްތައް ރައްޔިތުންނަށް ލިބޭފަދަ ގޮތަކަށް އިސްލާހުތައް ގެނައުމަށް ލެބެނާނުގައި އަވަހަށް ސަރުކާރެއް އެކުލަވާލުމަށް ގޮވައިލައްވާފައެވެ.

ލެބެނާން މިހާރު އޮތީ ބޮޑު އިގުތިސާދީ ކާރިސާއެއްގެ ތެރޭގައެވެ. ލެބެނާނުގެ ފައިސާ، ލީރާގެ އަގު ވަނީ އެމެރިކާ ޑޮލަރާ އަޅާބަލާއިރު، ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ރައްޔިތުންނަށް ދިމާވަމުންދާ ބޮޑެތި ދަތިތަކުގެ ސަބަބުން ރައްޔިތުން ދަނީ މަގުތައް މައްޗަށް ނުކުމެ އިހުތިޖާޖުކޮށް ހަމަނުޖެހުން ހިންގަމުންނެވެ.

2020 ވަނަ އަަަހަރުގެ އޮގަސްޓު މަހުގެ 4 ވަނަ ދުވަހު ބޭރޫތުގެ ބަނދަރުގައި ގޮވި ބިޔަ ގޮވުމުގެ 6 ދުވަސް ފަހުން ބޮޑުވަޒީރު ޙައްސާން ދިޔާބު ވަނީ އިސްތިއުފާދެއްވާފައެވެ. އޭގެ ފަަހުން ލެބެނާނުގައި އަދިވެސް ސަރުކާރެއް އެކުލަވާލެވިފައި ނުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.