ލެބެނާން އިންދިރާސް!

މުޒާހަރާތަކުން ހެއު ބަދަލެއް އަދި ނުފެނޭ

ލެބެނާންގެ ޖެހިލުންކުޑަ ރައްޔިތުން ކުރި ވަރުގަދަ މުޒާހަރަތަކުން އެބައިމީހުން ދެ އަހަރުދުވަހުގެ ތެރޭގައި ދެ ބޮޑުވަޒީރުންގެ ވެރިކަން ނިމުމަކަށް ގެނެސްފިއެވެ.

ލެބެނާން ގެ ބޮޑު ވަޒީރަކަށް ހުންނެވި ސަޢުދު ހަރީރީ 2019 ގެ އޮކްޓޫބަރ މަހުގެ ފަހު ކޮޅު އިސްތިއުފާދެއްވީ  ގައުމުގެ ހާލަތާމެދު ރައްޔިތުން ހިތްހަމަ ނުޖެހިގެން މަގުމައްޗަށް ނުކުމެ ކުރި ވަރުގަދަ މުޒާހަރާތަކަކާ ގުޅިގެންނެވެ.

އޭނާ އިސްތިއުފާ ދެއްވަމުން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އެއްވެސް މީހަކު ގައުމަށްވުރެ ބޮޑު ނުވާނެކަމަށާއި ގައުމާމެދު ފަޚުރުވެރިވެ ވަޑައިގަންނަވާކަމަށެވެ. އަދި އޭނާއާ ދެކޮޅަށް މުޒާހަރާކުރަމުން ދިޔައީ ގައުމުގެ ދުޝްމަނުންކަމަށެވެ.

ސަޢުދު ހަރީރީއަށްފަހު ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި ޙައްސާން ދިޔާބު ވެސް ވަނީ ރައްޔިތުންގެ ނުރުހުމާއި މުޒާހަރާތަކަށް ކެތް ނުކުރެއްވިގެން މި އޮގަސްޓު މަހުގެ ނުވަވަނަ ދުވަހުގެރޭ އިސްތިއުފާ ދެއްވާފައެވެ.

ޙައްސާނު ވެސް އިސްތިއުފާދެއްވަމުން ދެއްކެވި ވާހަކަފުޅުގައި ބަދުނާމާއި އިލްޒާމު އެޅުއްވީ އެހެން ބޭބޭފުޅުންގެ އިސްތަށިފުޅުގައެވެ. ގައުމަށްޓަކައި ޚިދުމަތެއް ކުރެވެން ނެތީ ކޮރަޕްޓް ބޭފުޅުންގެ ސަބަބުން ކަމަށް ދޭހަވާގޮތަށް އޭނާ ވެސް ވާހަކަފުޅު ދެއްކެވިއެވެ. އެކަމަކު ރައްޔިތުން ކުށްވެރިކުރަމުން ދިޔައީ ސަރުކާރެވެ.

ސަރުކާރުގެ ސިޔާސަތާ ދެކޮޅަށް މުޒާހަރާކުރަމުން ދިޔަ އެތައްހާސް މީހުން ފާލުން ނެއްޓުނީ މި އޮގަސްޓު މަހުގެ ހަތަރުވަނަ ދުވަހުގެރޭ އިރާކޮޅު ލެބެނާންގައި ހިނގި ވަރުގަދަ ގޮވުމުގެ އަޑުފަށްގަނޑަށްފަހު ރައްޔިތުން ނިކުތް މުޒާހަރާތަކުގައެވެ.

ސަރުކާރުން ބާރުގެ ބޭނުންކޮށްގެން މުޒާހަރާތައް ރޫޅާލަން މަސައްކަތް ކުރިއެވެ. ނަމަވެސް ލެބެނާންގެ ސަލާމަތީ ބާރުތަކަށް މުޒާހަރާ ކުރަމުން ދިޔަ ރައްޔިތުން މައިތިރިއެއް ނުކުރެވުނެވެ. ކަރުނަގޭސް ޖަހައި މުގުރުން ތަޅައި މައިތިރިއެއް ނުކުރެވުނެވެ. އެންމެ ފަހުން "ކޮރަޕްޝަނޭ ކޮރަޕްޝަނޭ" ވިދާޅުވެ ރައްޔިތުންގެ ކޮޅަށް ޖެހިވަޑައިގަންނަވާކަމަށް ދޭހަވާ އިބާރާތްތަކަކުން ވާހަކަފުޅު ދެއްކެވުމަށްފަހު ލެބެނާންގެ ބޮޑު ވަޒީރު ޙައްސާނު ދިޔާބު މަގާމުން އިސްތިއުފާ ދެއްވިއެވެ.

ބޮޑުވަޒީރަށްވުރެ ކުރިން އޭނާގެ ކެބިނެޓުގެ ތިން ވަޒީރަކު އިސްތިއުފާދެއްވިއެވެ.

ފުރަތަމަ އިސްތިއުފާ ދެއްވީ އިންފޯމޭޝަން މިނިސްޓަރ މަނާލް އަބްދުއްސަމަދެވެ. އޭނާ އިސްތިއުފާ ދެއްވިފަހުން ޖަސްޓިސް މިނިސްޓަރ އާއި އެންވަޔަރަންމަންޓް މިނިސްޓަރ ވެސް އިސްތިއުފާ ދެއްވިއެވެ.

އިސްތިއުފާދެއްވި އިންފޯމޭޝަން މިނިސްޓަރ މަނާލް: މާފަށް އެދިވަޑައިގެންނެވި

އިންފޯމޭޝަން މިނިސްޓަރ އިސްތިއުފާ ދެއްވީ ކޮރަޕްޓް ސަރުކާރެއްގައި މަސައްކަތް ކުރައްވަން ބޭނުންފުޅުނުވާކަމަށް ވިދާޅުވެފައެވެ.

ރައްޔިތުން ބޭނުންވާ ވަރަށް ޚިދުމަތް ނުކުރެއްވުނީތީ މިނިސްޓަރ މަނާލް ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގަތެވެ.

ބޮޑު ވަޒީރު އިސްތިއުފާ ދެއްވުމުގެ ކުރިން ލެބެނާނުގެ ގާނޫނު ހަދާ މަޖިލީހުގެ ނުވަ ބޭފުޅަކު ވެސް މަގާމުން އިސްތިއުފާ ދެއްވިއެވެ.

މެދުއިރުމަތީގެ ގައުމެއް ކަމުގައިވާ ލެބެނާންގެ  އިރުމައްޗާއި އުތުރު ސަރަހައްދުން ގުޅެނީ ސިރިޔާއާއެވެ. ދެކުނުން ގުޅެނީ މުސްލިމުންނަށް އަނިޔާވެރި އިޒުރޭލާއެވެ.  ހުޅަނގުގައި އޮތީ މެޑިޓަރޭނިއަން ކަނޑެވެ. ކައިރީގައި އޮތީ ސައިޕްރަސްއެވެ.

އިޒުރޭލުން ބޭނުން އިރަކު ލެބެނާނަށް އަރައި ތަޅައި ސުންނާފަތިކޮށް ހަދައެވެ. ބޮމާއި މިސައިލުން ލެބެނާން ފުނޑުފުނޑުކޮށް ހަދައެވެ. އީރާނުގެ ބާރާއި ނުފޫޒު ހިނގާ އިންތިހާއަށް ބާރުގަދަ ޖަމާއަތްތައް ލެބެނާނުގައި އެބައުޅެއެވެ. ހިޒުބުﷲއަކީ ދުނިޔޭގައި އޮތް ހަތިޔާރު އެޅި އެންމެ ނުރައްކައުތެރި އަދި އެންމެ ބާރުގަދަ ޖަމާއަތެވެ.

ލެބެނާނުގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި އެ ގައުމުގެ ސިޔާސީ މީހުން އުޅެނީ އަމިއްލަ ފައިދާއަށްޓަކައެވެ. ރައްޔިތުންނަށް ފައިދާ ހުރި މަޝްރޫޢުތަކަށްވުރެ އެމީހުން ހިންގާ ކޮރަޕްޝަންގެ މަޝްރޫޢުތައް ބޮޑެވެ. ގައުމު އޮތީ އުމަގުވެފައި އޮތް ފާރުގަނޑެއްގެ ގޮތުގައެވެ.

ގައުމުގައި ދީނީ އެއްބައިވަންތަކަމެއްނެތެވެ. މަޒުހަބުތަކުގެ ތަފާތާއި ގަބީލާވަންތަކަން އިންތިހާއަށް ބޮޑެވެ.

ލެބެނާނަކީ ކުޑަ ގައުމެކެވެ. އާބާދީ މަދު ގައުމެކެވެ. އާބާދީގައި ހިމެނޭ 6.8 މިލިއަން މީހުންގެ ތެރޭގައި ގިނައީ މުސްލިމުންނެވެ. ސުންނީ މުސްލިމުންނާއި ޝީޢީ މުސްލިމުންނެވެ. ދެން ކްރިސްޓިއަނުންނާއި ދުރްޒީންނާއި ޔަހޫދީންނެވެ.

ކުޑަކުޑަ ނިކަމެތި ލެބެނާނުގައި ފަލަސްތީނުގެ ތިން ލައްކައަށް ވުރެ ގިނަ ރެފިއުޖީން ތިބުމަކީ ގައުމަށް ދިމާވެފައިވާ ވަރަށް ވޭން ބޮޑު މައްސަލައެކެވެ.

ބޮޑުވަޒީރު ޙައްސާންގެ އިސްތިއުފާއާއި ލެބެނާންގެ ބަނދަރު ގޮވުމުގެ މައްސަލައިގައި އުފެދުނު އުދާހާ ބޮޑު ގުޅުމެއްވެއެވެ.

މިހާތަނަށް ލިބިފައިވާ ވާ މައުލޫމާތުތަކަށް ބަލާއިރު ބަނދަރު ގޮވި ހާދިސާގައި 200 އެއްހާ މީހުން މަރުވެފައިވާއިރު  އަދިވެސް އެތައް ބަޔަކު ގެއްލިގެން ހޯދަމުން އެބަދެއެވެ. އެއިން މީހަކު ދިރިހުއްޓާ ފެނުނާނެކަމަކަށް އުއްމީދެއް ނުކުރެވެއެވެ. އަދި އެހާދިސާގައި ހަ ހާހަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

ލެބެނާނުގެ ރައްޔިތުން ގަބޫލުކުރާ ގޮތުގައި ބަނދަރު ގޮވި ހާދިސާ ހިނގީ ގުދަންކޮށްފައި ހުރި ކެމިކަލްތަކުގެ ސަބަބުންނެވެ. އަދި އެތަކެތި ގުދަން ކޮށްފައި ބެހިއްޓިފައި ހުރީ ނާޖާއިޒު ގޮތެއްގައެވެ. އެއީ ވެރިން ހިންގި އިންތިހާއަށް ގެއްލުން ބޮޑު ކޮރަޕްޝަނެކެވެ. އެމައްސަލައާ ގުޅިގެން ކަސްޓަމާއި ބަނދަރުގެ ބައެއް އިސް މީސް މީހުން ވަނީ ބަންދުކޮށްފައެވެ. ދުވަސްކޮޅަކުން އިވޭނީ އެމީހުން ދޫކޮށްލާ ޚަބަރެވެ.

ދުނިޔޭގެ ގައުމުތަކުން ގެންދަނީ ލެބެނާނަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ދުނިޔޭގެ ވަރުގަދަ ގައުމުތަކުގެ ލީޑަރުން ގެންދަވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ މި ނުރައްކާތެރި އަދި ދަތި ދުވަސްވަރު ވެސް ލެބެނާން ބިނާކުރުމަށް އެހީތެރިވުމަށް ތައްޔާރުވަމުންނެވެ. އެކަމުގައި އެންމެ އިސް ދައުރެއް އަދާކުރައްވަމުން ގެންދަވަނީ ފަރަންސޭސި ރައީސް އިމާނުއެލް މެކްރޯންއެވެ. އޭނާއަކީ ލެބެނާނުގެ އާދަޔާ ޚިލާފު އެކުވެރިއެކެވެ. އަދި އެމެރިކާގެ ރައީސް ޓްރަމްޕްވެސް އަދަދެއް ވިދާޅުނުވިޔަސް ބޮޑު އެހީއެއް ވެދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވެއެވެ.

ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަނީ: ރައްޔިތުން ބޭނުންވީ ގޮތަށް ބޮޑު ވަޒީރު އިސްތިއުފާދެއްވި

ލެބެނާންއަށް އެހީތެރިކަން ދޭނެކަމަށް ވައުދުވި ގައުމުތަކުން 300 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދޭން ވައުދުވީއިރު ބަނދަރު ސަރަހައްދު ގޮވުމުގެ ހާދިސާގައި ގައުމަށް ފަސް ބިލިއަން ޑޮލަރުގެ ގެއްލުމެއް ވެފައިވާކަމަށް އަންދާޒާ ކުރެވެއެވެ. އެހެންކަމުން އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރެވޭ 300 މިލިއަން ޑޮލަރ ހުނވަނދަކަށް ވެސް ނުވާނެއެވެ. އަދި އެ 300 މިލިއަން ޑޮލަރ ލެބެނާނަށް ފޯރާނީ ކޮން ދުވަހަކުންކަން ލަފާކުރަން ވެސް ނޭނގެއެވެ.

ސަރުކާރުން ބުނަނީ އެ ގޮވުމަކީ ބަނދަރު ސަރަހައްދުގައި ގުދަންކޮށްފައި ހުރި އެމޯނިއަމް ނައިޓްރޭޓް ގޮވުމުގެ ސަބަބުން ހިނގި ހާދިސާއެއްކަމުގައެވެ. އެ ހާދިސާގެ މިނިވަން ތަހުގީގެއް ކުރެވެމުން އެބަދެއެވެ.

ބޭރޫތު ބަނދަރު ގޮވުމުގެ ހާދިސާ ސިޔާސީ ނުކުރުމަށް އީރާނުން ވަނީ ގޮވާލާފައެވެ. އަދި ލެބެނާނާ ދެކޮޅަށް އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށް ވެސް އީރާނުން ވަނީ ގޮވާލާފައެވެ.

ސަރުކާރުން ރައްޔިތުންނަށް ދެމުންދާ ޚިދުމަތާމެދު ހިތްހަމަނުޖެހިގެން ލެބެނާންގެ އެތައް ހާސް ބަޔަކު މަގުމައްޗަށް ނިކުމެ ކުރަމުންދިޔަ މުޒާހަރާތަކާ ގުޅިގެން ބޮޑު ވަޒީރު ޙައްސާން އިސްތިއުފާދެއްވުމުން މުޒާހަރާތަކަށް ލުޔެއް ލިބިގެން ހިނގައްޖެއެވެ. ދެން އޮތީ އައު ސަރުކާރެއް ރައްޔިތުންނަށް ޚިދުމަތް ކުރަންފެށުމެވެ.

އެކަމަކު ބަނޑަށް ޖެހިފައިވާ ލެބެނަންގެ ފަގީރު ރައްޔިތުންނަށް ކާންދީ ބޯންދީ ވަޒީފާދީ ފެތިފައިވާ ދަރަނީގެ ކަނޑުން އަރައިގަނެ އިގުތިސާދު ކޮޅަށް ޖަހައި ގައުމުން ކޮރަޕްޝަނާއި ފަސާދައާއި ނާމާންކަން ނައްތާލުމަކީ ހަސްފަސްނެތިފައިވާ ލެބެނާންގެ އައު ސަރުކާރަށް ފަސޭހައިން ކުރެވޭނެ ކަމެއްނޫނެވެ.

ލެބެނާންގެ މުޒާހަރާތަކުން ހެއު ބަދަލެއް އަދި ނުފެނެއެވެ. ފެންނަނީ ގައުމު އިންދިރާސްވަމުން ދާތަނެވެ.

މުޙައްމަދު ސަޢީދު މޫސާ ވަޖުދީ
މުޙައްމަދު ސަޢީދު މޫސާ ވަޖުދީއަކީ ނޫސްވެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ތަޖުރިބާކާރު ނޫސްވެރިއެކެވެ. ގައުމީ އިނާމާއި އަދި އެހެނިހެން ޝަރަފުވެރި އިނާމު ހޯއްދަވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.