މެލޭޝިޔާގެ ބޮޑުވަޒީރު ޓާން ސްރީ މުޙްޔިއްދީން އޭނާގެ އިސްތިޢުފާ މެލޭޝިޔާގެ ރަސްގެފާނަށް މިއަދު ހުށަހަޅުއްވައިފިއެެވެ. އޭނާ އިސްތިއުފާ ހުށަހަޅުއްވާފައި ވަނީ މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ޝާހީ ގަނޑުވަރަށް ވަޑައިގެން ސުލްޠާން ޢަބްދުﷲ އަޙްމަދު ޝާހުގެ ފައިންޕުޅު ދުށުމަށް ފަހުގައެވެ.
މިއަދު މެންދުރު ފަހު 3 ޖެހިއިރު (ރާއްޖޭ ގަޑިން މެންދުރު 12 ޖެހިއިރު) ޓީވީ މެދުވެރިކުރައްވައި ގައުމާ މުޚާޠަބަކުރައްވަމުން އޭނާ އޭނާ އިސްތިއުފާދެއްވިކަން ކަށަވަރުކޮށްދެއްވުމަށް ފަހު މުޙްޔިއްދީން ވިދާޅުވީ އޭނާގެ ސަރުކާރު ދެމެެހެއްޓޭތޯ އޭނާއަށް ކުރެއްވެން އޮތް ހުރިހާ މަސައްކަތެއް ކުރެއްވި ކަމުގައެވެ. އެހެންނަަމެވެސް، އޭނާގެ ކޯލިޝަނުގައި ހިމެނޭ އެންމެ ބޮޑު ޕާޓީ އަމްނޯ (ޔުނައިޓެޑް މެލޭ ނޭޝަނަލް އޮގަނައިޒޭޝަން) ގެ 15 މެންބަކަރު އެބޭފުޅުންގެ ތާއީދު އަނބުރާ ގެންދެވުމުން އިސްތިއުފާދެއްވުން ނޫންގޮތެއް އޭނާއަށް ނެތުނީ ކަމުގައެވެ.
މުޙްޔިއްދީން ޔާސީން އިސްތިއުފާދެއްވާފައިވާން ޝާހީ ގަންޑުވަރުންވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. މެންދުރުފަހުގެ ވަގުތެއްގައި ގަނޑުވަރުން ނެރުއްވި ބަޔާނެއްގައި ވާގޮތުން ރަސްގެފާނު އާ ބޮޑުވަޒީރަކު އައްޔަންކުރައްވަންދެން މުޙްޔިއްދީ ވަގުތީ ގޮތުން ބޮޑުވަޒީރުކަމުގައި ދެމިހުންނަވާނެއެވެ.
ބަޔާނުގައި ސުލްޠާން ޢަބްދުﷲ ވިދާޅުވެފައިވާ ގޮތުގައި މެލޭޝިޔާ ރައްޔިތުންގެ ސަލާމަތާއި، އިޖުތިމާއީ ހަމަޖެހުމަށް ބަލާއިރު، އަވަސް އިންތިޚާބެއް ބޭއްވުމަކީ އެންމެ ރަނގަޅު ހައްލެއް ނޫނެވެ.
ބޮޑުވަޒީރު މުޙްޔިންދީންގެ އިސްތިއުފާއާއެކު މެލޭޝިޔާ އަނެއްކާވެސް މިވަނީ ސިޔާސީ ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓިފައެވެ. އޭނާގެ ކޯލިޝަނުގެެ ތެރޭގައި ބޮޑުވަޒީރުކަމަށް އުއްމީދުކުރައްވާ ބޭފުޅުން ތިއްބެވި އިރު، އިދިކޮޅު ލީޑަރު އަންވަރު އިބްރާހީމްވެސް ހުންނެވީ އެމަގާމަށް ވަޑައިގަތުމަށް ބޭނުންފުޅުވެފައެވެ.
ގާނޫނުހަދާ މަޖިލީހުގައި އަޣުލަބިއްޔަތު އޮތްކަން ރަސްގެފާނު ޢަބްދުﷲއަށް ޔަގީންކޮށްދެއްވާ ބޭފުޅަކާ ސަަރުކާރެއް އެކުލަވާލުމުގެ މަސްއޫލިއްޔަތު ހަވާލުކުރައްވާނެއެވެ.