ޙަރަމްފުޅުގެ އެންމެ އިސް ދެ މަގާމަކަށް ފުރަތަމަ ފަަހަރަށް އަންހެން ބޭފުޅުން ހަަަމަޖައްސަައިފި

މައްކާގެ މަސްޖިދުލް ޙަރާމް (މައްކާގެ ޙަރަމްފުޅު) އަދި މަދީނާގެ މަސްޖިދުއް ނަބަވީގެ ކަންކަން ބަލަހައްޓާ އިދާރާ، ޖެނެރަލް ޕްރެޒިޑެންސީ ފޯ ދި އެފެއާޒް އޮފް ޓޫ ހޯލީ މޮސްކްސްގެ އިސް މަގާމުތަކަށް ގެނައި ބަދަލުގައި އެ އިދާާރާގެ އިސް ދެ މަގާމަކަށް އަންހެން ބޭފުޅުން ހަމަޖައްސައިފިއެވެ. މިއީ އެ މަގާމުތަކަަށް އަންހެން ބޭފުޅުން ހަމަޖެއްސި ފުރަތަމަ ފަހަރެވެ.

އަންހެން ދެބޭފުޅުން ހަމަޖައްސަވާފައިވަނީ އެ އިދާރާގެ ރައީސު ފަޟީލަތުއް ޝައިޚް ޑރ. ޢަބްދުއްރަޙްމާން ބިން ޢަބްދުލްޢަޒީޒް އައްސުދައިސްގެ ދެ ނާއިބުންނަށެވެ. އެބޭފުޅުންނަކީ ޑރ. ފާޠިމާ ބިންތި ޒައިދް އައްރަޝޫދުއާއި ޑރ. އަލްޢަނޫދް ބިންތި ޚާލިދް އަލްޢަބޫދުއެވެ. ޝައިޚް ސުދައިސްގެ ނާއިބުންނަށް ތިއްބަވަނީ ހަތަރު ބޭފުޅުންނެެވެ. އެހެންކަމުން، ނާއިބުންގެ ގޮތުގައި މިހާރު ތިއްބަވާނީ ފިރިހެން ދެ ބޭފުޅުންނާއި، އަންހެން ދެ ބޭފުޅުންނެވެ.

ދެ ޙަރަމްފުޅުގެ ކަންކަން ބަލަަހައްޓާ އިދާރާގެ ރައީސު ފިޔަވައި އެންމެ މަތީ މަގާމަށް އަންހެން ބޭފުޅުން ހަމަޖެއްސިއިރު، ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންގެ 'ވިޝަން 2030' ސިޔާސަތުގައި ސައޫދީ އަރަބިއްޔާގައި އަންހެނުން ބާރުވެރިކޮށް، އިސް މަގާމުތަކުގައި އަންހެނުން ގިނަކުރުން ހިމެނޭކަން ފާހަގަކުރެވެއެވެ.

ޑރ. ފާޠިމާ އައްރަޝޫދަކީ މައްކާގެ އުއްމުލްޤުރާ ޔުނިވަސިޓީން ޙަދީޘު އިލްމުން ޕީއެޗްޑީ ހައްދަވާފައިވާ ބޭފުޅެކެވެ. އޭނާވަނީ 2014 ވަނަ އަހަރުން ފެށިގެން ޙަރަމްފުޅު ބަލަހައްޓާ އިދާރާގެ އެކި މަގާމުތައް ފުރުއްވާފައެވެ. ޑރ. އަލްޢަނޫދް އަލްޢަބޫދަކީ ހަމަ އެ ޔުނިވަސިޓީން އިސްލާމީ ޝަރީޢަތުގެ ރޮނގުން ޕީއެޗްޑީ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

ޙަރަމްފުޅުގެ ކަންކަން ބެލެހެއްޓުމުގައި އަންހެނުންގެ ދައުރު ފުޅާކުރުމުގެ ގޮތުން 2018 ވަނަ އަހަރު ޙަރަމްފުޅު ބަަލަހައްޓާ އިދާރާގެ އެކި މަގާމުތަކަށް 41 އަަންހެނުން އައްޔަންކޮށްފައި ވެއެވެ.

މަސައްކަތުގެ ދާއިރާއަަށް އަންހެނުން ނެރުއްވުމަށް ސައޫދީ ވަލީއަހުދު ކުރައްވާ މަސައްކަތްޕުޅުގެ ނަތީޖާއެއްގެ ގޮތުން އެގައުމުގައި ވަޒީފާ އަދާކުރާ އަންހެނުން ފާއިތުވި 5 އަހަރު ވަރަށް ބޮޑަށް އިތުރުވެފައިވާކަން ފާހަގަކޮށްލެއެވެ.

2015 ވަނަ ސައޫދީ އަރަބިއްޔާގައި ވަޒީފާ އަދާކުރާ އަންހެނުންގެ ގޮތުގައި ތިބީ 8 ލައްކަ 16 ހާސް އަންހެނުންނެވެ. ފާއިތުވި 2020 ވަނަ އަހަރު ފެށުނުއިރު ވަޒީފާ އަދާކުރާ އަންހެނުންގެ އަދަދު ވަނީ 1.03 މިލިއަނަށް އަރާފައެވެ. އެއީ މަސައްކަތްތެރިންގެ ޖުމްލަ އަދަދުގެ %35 އެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.