ޑީއާރް ކޮންގޯގައި ތެޔޮ ލޮރީއެއް އެކްސިޑެޓުވެ 30 މީހުން މަރުވެއްޖެ

2018 ވަނަ އަހަރު ހިނގި އެކްސިޑެންޓުގައި އަނދާފައިވާ ތެޔޮ ލޮރީ

އެފްރިކާގެ މެދުތެރޭގައި އޮންނަ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރް ކޮންގޯ) ގައި ތެޔޮ އުފުލާ ލޮރީއަކާއި ބަހެއް އެކްސިޑެންޓުވުމުގެ ސަބަބުން 30 މީހުން މަރުވެއްޖެއެެެވެ.

ފުލުހުންގެ ފަރާތުން މައުލޫމާތު ދިން ގޮތުގައި އާދީއްތަ ދުވަހުގެރޭ އެ ގައުމުގެ ހުޅަނގުގައި ހިނގި މި ހާދިސާގައި ރޯވި ބޮޑު އަލިފާންގަނޑުގެ ސަބަބުން ބަސް ވަނީ އަނދައިގެން ގޮސްފައެވެ.

ފުލުހުންގެ އެހެން މަސްދަރަކުން މައުލޫމާތުދިން ގޮތުގައި އަލިފާންގަނޑު ނިއްވާލެވުނު އިރު ގިނަ މީހުންގެ ހަށިތައް ވަނީ މުޅިން އަދައިގެން ގޮސްފައެވެ. ސަލާމަތުން ނެގުނު ހަށިތަކުގެ ބައިތައް ވަނީ އިހުތިރާމާއެކު ކިބުކާ އަވަށުގައި ވަޅުލާފައެެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައި ވަނީ ހައިވޭ 1 ގައި ވެރިރަށް ކިންޝާސާއާއި 80 ކިލޯމީޓަރު ދުރުގައި އޮންނަ ކިބުކާ އަވަށުގައެވެ.

މަގުމަތީގައި ދުވަސްވެ ބާވެފައިވާ އަދި ސަލާމަތީ ކަންކަން ފުރިހަމަނުވާ އުޅަނދުތައް ގިނަ ޑީއާރް ކޮންގޯގައި މިފަދަ ނުރައްކާތެރި ހާދިސާތައް ހިނގުމަކީ އާއްމު ކަމެކެވެ. އޭގެ އިތުރަށް މަގުތަކުގެ ހާލަތު ގޯސްވުމާއި، ރަނގަޅަށް ތަމްރީނުވެފައި ނުވާ ޑްރައިވަރުން ގިނަވުމާއި ބޮއެގެން ތިބެ ދުއްވާ ޑްރައިވަރުން ގިނަވުމަކީވެސް އެކްސިޑެޓް ގިނަވުމުގެ ސަބަބުތަކެވެ.

2018 ވަނަ އަހަރު ހިންގި ތެޔޮ ރޯވުމުގެ ހާދިސާގައި 53 މީހުން މަރުވެފައި ވާއިރު، 2010 ވަނަ އަހަރު ތެޔޮ ލޮރީއެއް ފުރޮޅާލުމުގެ ސަބަބުން ހިނގި އެކްސިޑެންޓުގައި 230 މީހުން މަރުވެފައި ވެއެެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.