ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގައި ބޭއްވުނު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވީ އިދިކޮޅު ޔުނިއަން ފޯ ޑިމޮކްރަސީ އެންޑް ސޯޝަލް ޕްރޮގްރެސްގެ ކެންޑިޑޭޓު ފެލީޒް ޝިސެކޭޑީ ކަމަށް އެގައުމުގެ އިލެކްޓޯރަލް ބޯޑުން އިއުލާންކޮށްފިއެވެ.
ބުދަ ދުވަހުގެރޭ ދަންވަރު 3 ޖެހިއިރު އިލެކްޓޯރަލް ބޯޑުގެ ވެރިޔާ ކޯނިއެލް ނަންގާ އިއުލާންކުރެއްވި ނަތީޖާ ގަބޫލުކުރެއްވުމަށް އިދިކޮޅު އަނެއް ލީޑަރު މާޓީން ފަޔޫލޫ ވަނީ ދެކޮޅު ހައްދަވާފައެވެ. 30 ޑިސެންބަރުގައި ބޭއްވި އިންތިޚާބުގެ ކުރިން ނެގުނު ޚިޔާލު ހޯދުމުގެ ވޯޓުތަކުގައި ކުރީގައި އުޅުއްވީ ފަޔޫލޫއެވެ.
އިލެކްޓޯރަލް ބޯޑުން އިއުލާންކުރި ނަތީޖާއިން ދައްކާ ގޮތުގައި ޝިސެކޭޑީ ވަނީ އިންތިޚާބުގައި ވޯޓުލީ 18 މިލިއަން މީހުންގެ ތެރެއިން 38.57 އިންސައްތަ މީހުންގެ ތާއީދު ހޯއްދަވާފައެވެ. ޝިސެކޭޑީއަށް 7 މިލިއަނަށްވުރެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އިރު ފަޔޫލޫއަށް ހޯއްދުވުނީ 6.4 މިލިއަން ވޯޓެވެ. ދިގުމުއްދަތަކަށް ކޮންގޯގެ ވެރިކަމުގައި ހުންނެވި، މިހާރުގެ ރައީސު ޖޯޒެފް ކަބީލާގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓު އިމާނުއެލް ރަމަޒާނީ ޝަދަރީއަށް ލިބިވަޑައިގަތީ 4.4 މިލިއަން ވޯޓެވެ.
ޝިސެކޭޑީ ރައީސުކަމާ ހަވާލުވެވަޑައިގަތުން ވާނީ ޑރ ކޮންގޯ މީގެ 59 އަހަރު ކުރިން މިނިވަންވުމަށްފަހު އިންތިޚާބަކުން ވެރިކަން ބަދަލުވާ ފުރަތަމަ ފަހަރު ކަމުގައެވެ.
2001 ވަނަ އަހަރުއްސުރެ ކޮންގޯގެ ރައީސު ކަމުގައި ހުންނެވި ޖޯސެފް ކަބީލާ ވަނީ އައު ދައުރަކަށް ކުރިމަތި ނުލެއްވުމަށް ނިންމަވާފައެވެ. 2016 ވަނަ އަހަރު އޭނާގެ ރިޔާސީ ދައުރު ހަމަވުމަށް ފަހުވެސް އިންތިޚާބު ނުބާއްވަވައި ލަސްކުރެއްވުމާއެކުވެސް، އޭނާ ކުރިމަތި ނުލެއްވީ ސަރަހައްދީ ބާރުތަކުގެ ފިއްތުންތަކުގެ ސަބަބުން ކަމުގައި ބުނެވެއެވެ.
1960 ވަނަ އަހަރު ބެލްޖިއަމްގެ އަތްދަށުން މިނިވަންވި ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ނަން 1971 އިން ފެށިގެން 1997 އޮތީ ރިޕަބްލިކް އޮފް ޒަޔަރގެ ގޮތުގައެވެ. 1997 ވަނަ އަހަރު އަނެއްކާވެސް ގައުމުގެ ނަންވަނީ ކުރިން އޮތް ގޮތަށް ބަދަލުވެފައެވެ.