ތުރުކީގެ ޖަންގަލީގައި ރޯވެ އަނދަމުން އަލިފާން ނުނިވި 6 ދުވަސް، މިހާތަނަށް 8 މީހަކު ވަނީ މަރުވެފައި

މުގްލާ ސަރަހައްދުގެ މަރްމަރިސްގެ ގެސްޓް ހައުސްއެއް އަދާފައި

ތުރުކީ ދެކުނު ފަރާތު އައްސޭރީފަށުގެ ޖަންގަލީގައި 100 އަށްވުރެ ގިނަ އަލިފާންގަނޑު ރޯވެ އަނދަމުން ދާތާ ފަސް ދުވަސް ވެފައިވާއިރު، މި އަލިފާނުގެ ސަބަބުން މިހާތަނަށް 8 މީހަކު ވަނީ މަރުވެފައެވެ. ގިނަ އަލިފާންގަނޑުތަކެެއް ކޮންޓުރޯލުވެފައި ވީ ނަމަވެސް އެގައުމުގެ ފަތުރުވެރިކަމުގެ ސަހަރަހައްދުތަކަށް އަލިފާން ފެތުރިދާނެ ކަމުގެ ބިރު މިހާރު ވަނީ ބޮޑުވެފައެެވެ.

ރައީސު ރަޖަބް ޠައްޔިބް އެރްދޮޣާން ވަނީ އަނދަމުންދާ ސަރަހައްދުތަކަކީ ކާރިސާގެ ސަރަަހައްދުތަކެއް ކަމުގައި ކަނޑައަޅުއްވާފައެވެ.

މިނިސްޓަަރ އޮފް ފޮރެސްޓްރީ އެންޑް އެގްރިކަލްޗާ ބަކިރް ޕަކްދަމިރްލީ އިއްޔެ ވިދާޅުވި ގޮތުގައި 107 އަލިފާންގަނޑު ކޮންޓުރޯކުރެވިފައި ވީނަމަވެސް، ފަތުރުވެރިކަމުގެ ސަރަހައްދުތައް ކަމުގައިވާ އަންޓާލިޔާ އަދި މުގްލާގައި 5 އަލިފާންގަނޑެއް އަދިވެސް ދަނީ އަނދަމުންނެވެ. އެ ސަރަހައްދަތަކުގެ ހޮޓެލްތަކަަށާއި، ގެތަކަށް އަލިފާން ފެތުރިދާނެ ކަމުގެ ނުރައްކާ ބޮޑުވެގެން މިހާރު ވަނީ ފަތުުރުވެރިން ހުސްކޮށްފައެވެ.

މަޝްހޫރު ރިސޯޓް ރަށްތައް ކަމުގައިވާ މަނަވްގަޓް އަސދި މަރްމަރިސް ކައިރީގައި ރޯވެފައިވާ އަލިފާން އަދިވެސް ކޮންޓުރޯލުނުކުރެވެއެވެ. ހުޅަނގު ދެކުނު ތުރުކީގައި އޮންނަ އެންމެ މަޝްހޫރު ރިސޯޓް ކަމުގައިވާ ބޮޑްރުމް ގައި ރޯވެފައިވާ އަލިފާންގަނޑުވެސް އަދިވެސް ދަނީ އަނދަމުންނެވެ.

ބައެއް ސަރަހައްދުތަކުގެ ދަނޑުވެރިންނަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ. ޖަނަވާރުވެސް ވަނީ ގިނަ އަދަކަށް މަރުވެފައެވެ.

"ޖަނަވާރުތައް ވަނީ ރޯވެ އަނދާފައި. ހުރިހާ އެެއްޗެއް ދަނީ އަނދަމުން. އަހަރުމެންގެ ބިމާއި، އަަހަރުމެންގެ ގެތަކާއި، އަަހަރުމެންގެ ޖަނަވާރުތައް. ދެން އަހަރުމެންގެ އަތުގަ އޮތީ ކޮން އެއްޗެއް." އަލިފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ އެއް ރަށް، ކަޖަރްލާރްރެ ވަޒަންވެެރިއަކު ނޫސްވެރިއަކަށް އެ އަވަށުގެ ހާލު ކިޔައިދެމުން ބުންޏެވެ.

އަލިފާނުގެ ހާލަތާ ބެހޭ  ގޮތުން ތުރުކީ ސަރުކާރުގެ އޮފިޝަލުން އެންމެ ފަހުން ދެއްވި މައުލޫމާތަށް ބަލާއިރު، 35 ޕްރޮވިންސެއްގައި ރޯވެ އަނދަމުންދާ 129 އަލިފާންގަނޑުގެ ތެރޭން މިހާތަނަށް 122 އަލިފާންގަނޑު ވަނީ ކޮންޓުރޯލުކުރެވިފައެވެ.

ޔޫރަޕިއަން ކޮމިޝަންގެ އެމަޖެންސީ ރެސްޕޮންސް ކޯޑިނޭޓަރު ޖަނެޒް ލެނާރްކިޗް ވިދާޅުވިގޮތުގައި ތުރުކީގައި ރޯވެ އަނދަމުންދާ އަލިފާން ކޮންޓުރޯލުކުރުމުގެ މަސައްކަތުގައި އެހީތެރިވުމަށް އެ ކޮމިޝަނުން ވަނީ އަލިފާން ނިއްވުމުގައި ބޭނުންކުރާ ތިން މަތިންދާބޯޓު ފޮނުވުމަށް ނިންމާފައެވެ. އޭނާ ވިދާޅުވީ އަލިފާނުގެ ހާދިސާއާ ކުރިމަތިލުމުގައި ޔޫރަޕިއަން ޔުނިއަން (އީޔޫ) އިން އޮތީ ތުރުކީއާއެކުގައެވެ.

ތުރުކީ ސަރުކާރުން ތުހުމަތުކުރާ ގޮތުގައި އެގައުމުގެ ޖަންގަލީގައި އަނދަމުންދަނީ ބަޔަކު ގަސްތުގައި ރޯކޮށްފައިވާ އަލިފާނެވެ. އަދި ސަރުކާރުން ތުުހުމަތުގެ އިނގިިލި ދިއްކުރަނީ ތުރުކީ ވަކިވެގަތުމަށް މަސައްކަތްކުރާ ކުރުދީންގެ ކާރޑިސް ވާކާސް ޕާޓީ (ޕީކޭކޭ) ގެ ހަނގުރާމަވެރިންނަށެވެ. އަދި އެކަމުގެ ރައްދެއްގެ ގޮތުގައި ތުރުކީން ވަނީ ޕީކޭކޭގެ ހަނގުރާމަވެރިންގެ މަރުކަޒުތަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއްވެސް ދީފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.