ދަންމަރު: ކަމެއް ނުކޮށް ހުރުންް

އިސްލާމީ ދެވަނަ ޚަލީފާ ސައްޔިދުނާ ޢުމަރު ރަޟިޔަﷲ ޢަންހު، އެކަލޭގެފާނަށް ރަނގަޅު ކަމަށް ފެނިވަޑައިގަންނަވާ ބޭކަލުންގެ ވާހަކަފުޅު ދައްކަަވަމުން ވަޑައިގެން އެއިން ބޭކަލަކު އެއްވެސް މަސައްކަތެއް ނުކުރައްވާ ހުހަށް ހުންނަވާ ކަން އެނގިވަޑައިގަތީމާ ނުރުހިވަޑައިގެން އެ ވާހަކަފުޅު ދައްކަވައި ހައްދަވަ އެވެ. އެއްވެސް މަސައްކަތެއް ނުކުރައްވާ ބޭކަލަކީ ތިމަން ކަލޭގެފާނުގެ ކުރިފުޅުމަތީގައި އެއްވެސް އަގެއް ނެތް ބޭކަލެކޭ ވިދާޅު ވެއެވެ.

ކަމެއް ނުކޮށް ހުހަށް ހުރުމާ ބެހޭ ގޮތުން ކޮންމެ ގޮތަކަށް ދެކެވަޑައިގަތް ނަމަވެސް އެއީ ނުބައި ގޮތެއް ކަމަށް އެއްބަސްވެ ވަޑައިގަންނަވާށެވެ. ތިމާ އަށް ލިބިފައިވާ ޤާބިލިއްޔަތާއި ހުނަރުގެ ބޭނުން ނުކުރާ މީހަކީ ދިރިއުޅުމާ ކުރިމަތިލާން ނުފުދޭ މީހެކެވެ. ކިޔަވަން ބޭނުން ނުވާ ކުއްޖަކަށް ނުވަތަ ނުކިޔަވާ ކުއްޖަކަށް ތަޢުލީމެއް ލިބުމަކީ ނުވަތަ އޭނާގެ ސިކުނޑި އެކަށީގެންވާ ގޮތަކަށް ތަރައްޤީ ވަމުން ދިއުމަކީ ވާނޭ ކަމެއް ނޫނެވެ. އެ ފަދަ ކުއްޖަކު އެންމެ ފަހުން ފޭލި ވާނީ އެވެ. ނަތީޖާ އަކީ ވަޒީފާ އާއި ކުރިއަށް ދިއުމުގެ ފުރުޞަތަށް ބޭނުންވާ ކަރުދާސް އޭނާގެ އަތުގައި ނެތުމެވެ. ވުމާއެކު އޭނާ އަށް ޖެހޭނީ ބިކަ ހާލުގައި ތެޅި ތެޅި ހުންނާށެވެ. މީހަކު މޮޅަށް ކިޔަވައިގެން ނުކުތީމާ އޭނާގެ ވާޖިބު ނުވަތަ މަސްއޫލިއްޔަތު ފުރިހަމަ ވީއެއް ނޫނެވެ. ދެން ކުރަން ޖެހޭ ކަމަކީ ދިރިއުޅުން ތަނަވަސް ކުރަން ގަދަ އަޅައި މަސައްކަތް ކުރުމެވެ. ބައެއް މީހުން ކިޔަވައިގެން މަތީ ފާސް ނަގައިގެން އައިސް ރަނގަޅު ވަޒީފާއެއް ލިބެންދެން އެއްވެސް ކަމެއް ނުކޮށް އެބަ ތިބެއެވެ. އެކަމަކު މިއީ ރަނގަޅު ގޮތެއް ނޫނެވެ. ތާއަބަދު އިންތިޒާރުގައި ތިބުމަކީ ކޮށްގެން ވާނޭ ކަމެއް ނޫނެވެ.

ބައެއް މީހުން ކަމެއް ނުކޮށް ހުހަށް ތިބެނީ އެ މީހުންގެ ބޮލުގައި އެޅިފައިވާ މާލީ ޒިންމާއެއް ނޯންނާތީ އެވެ. ވާރުތައިން މުދަލާއި ފައިސާ ލިބިފައިވާ މީހުންނަކީ މި ދެންނެވުނު ފަދަ ކަންނެތް ކަމެއްގެ ތެރެއަށް ވަރަށް ފަސޭހައިން ވެއްޓިގެންދާ ބައެކެވެ. މި ފަދަ މަރުހަލާ އަކަށް ވެއްޓިގެންދާ މީހާ ވިސްނާލަން ޖެހޭ ކަމެއް އެބަ އޮތެވެ. އެއީ ކަމެއް ނުކުރާ މީހަކީ ނެތް މީހެއް ކަމެވެ. އެ މީހެއްގެ ދިރިއުޅުމަށް ކަންނެތްކަން ވައްދައިފި މީހަކީ ދިރި ހުއްޓަސް މަރު ވެއްޖެ މީހެކެވެ.

ދިރިއުޅުން ފަހި ކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަން ޖެހޭ އެއް ކަމަކީ ކޮންމެވެސް ވަޒީފާއެއް ހޯދައިގެން މަސައްކަތް ކުރަން ފެށުމެވެ. ތިމާ އަކީ އެހެން މީހުންނަށް ޖެހޭ ނަފްސާނީ، އިޤްތިޞާދީ ބުރައަކަށް ނުވެ ވޭތޯ މަސައްކަތް ކުރުމެވެ. ތިމާ އަކީ މާލީ ތަނަވަސް ކަމެއް ލިބިފައިވާ މީހަކަށް ވަނީ ނަމަ މިހާރު ހުރި ފެންވަރަށް ވުރެ މަތީ ފެންވަރަކަށް ދެވޭތޯ މަސައްކަތް ކުރަން ވީއެވެ. ބަޔަކަށް ފައިދާ ހުރި މަސައްކަތްތަކެއް ކޮށް، ތާއަބަދު ބިނާ ކުރުވަނިވި ގޮތަކަށް އަވަދިނެތި އުޅެވޭނޭހެން ދިރިއުޅުން ބައްޓަން ކުރަން ވީ އެވެ. ވާޖިބު އަދާ ކުރުމުގެ ޚިޔާލު ބޮލުގައި ނެތް މީހަކީ ހަމައެކަނި ދުނިޔޭގައި އުޅޭ މީހެކެވެ. ގިނަ ވެފައިވާ ބޮލެކެވެ. އޭނާ އަކީ ދިރިއުޅުމުގެ ޙަޤީޤަތާ ވަރަށް ދުރުގައި އުޅޭ މީހެކެވެ. އެންމެ ފަހުން ގޮސް އޭނާ އަށް ޖެހޭނީ މުޅި މުޖުތަމަޢާ ވަކި ވާށެވެ. މިހައި ތަނަށް ދުނިޔޭގައި މޮޅު ނަމާއި، ޤަދަރާއި، ޢިއްޒަތް ހޯދާފައި މީހުންގެ ތެރޭގައި ކަންނެތް މީހަކު އުޅެފައެއް ނެތެވެ.

މުސްކުޅި ބަހެއްގައި އޮންނަ ފަދައިން ޝައިޠާނާ އެންމެ އަވަހަށް ހާލި ހަދަނީ ކަންނެތް ސިކުނޑީގައެވެ. (ތަރުޖަމާއެއް)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.