ޕާކިސްތާނުން ދިވެހިރާއްޖެއަށް 5.9 މިލިއަން ރުފިޔާގެ އެހީއެއް ދީފި

ޕާކިސްތާނު ސަރުކާރުން ދިވެހިރާއްޖެއަށް 5.9 މިލިއަން ރުފިޔާގެ ފައިސާގެ އެހީއެއް ދީފިއެވެ. ޕާކިސްތާނުން ވެދިން މި އެހީއަކީ ސާރކް ކޯވިޑް-19 އެމަޖެންސީ ފަންޑުގެ ތެރެއިން ސީދާ ޕާކިސްތާނުގެ ސަރުކާރުން ފޯރުކޮށްދިން އެހީއެކެވެ. މި ފައިސާ ދިވެހި ސަރުކާރާ ހަވާލު ކުރެއްވީ މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ޕާކިސްތާނުގެ ހައި ކޮމިޝަނަރ ވައިސް އެޑްމިރަލް (ރިޓަޔަރޑް) ޢަޠަރް މުޚްތާރެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެހީއާ ހަވާލުވެވަޑައިގަތީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝަހިދު ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ނަންފުޅުގައްޔާއި ދިވެހިރާއްޖޭގެ ރައްޔިތުންގެ ނަމުގައި ޕާކިސްތާނުގެ ބޮޑު ވަޒީރު ޢިމްރާން ޚާނަށާއި ޕާކިސްތާނުގެ ސަރުކާރަށް ޝުކުރު އަދާކުރައްވައިފައެވެ. މި އެހީން ދައްކައިދެނީ ޕާކިސްތާނުން ދިވެހިރާއްޖެޔާ މެދު ބަހައްޓާ ޚާއްސަ ގުޅުން ކަމުގައްޔާއި މީގެ ކުރިން މިދިޔަ ޖޫން މަހުގެ 29 ވަނަ ދުވަހު ޕާކިސްތާނުން ވެދިން އެހީވެސް ފާހަގަ ކުރައްވާ ކަމަށް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ. އަދި ޕާކިސްތާނަކީ ދިވެހިރާއްޖޭގެ ތަރައްގީގައި މުހިއްމު ދައުރެއް އަދާކުރާ ބައިވެރިއެއް ކަމުގައިވެސް ޝާހިދު ވިދާޅުވިއެވެ.

ޕާކިސްތާނުގެ އެމްބެސެޑަރު ދެއްކެވި ވާހަކަފުޅުގައި ޢަބްދުﷲ ޝާހިދު އަލިފުދާނުގެ އާއްމު މަޖިލީހުގެ ރައީސް ކަމަށް ހޮވިވަޑައިގެންފައި ވާތީ އެމަނިކުފާނަށް ތަހުނިޔާ ވިދާޅުވިއެވެ. އެމަނިކުފާނުގެ ޒައާމަތުގައި ދުނިޔޭގެ ސުލްހައާއި އަމަންއަމާންކަމަށް ފަގހި ބަދަލުތަކެއް އަންނާނޭ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށްވެސް އެމްބެސެޑަރު ވިދާޅުވިއެވެ.

ޚާރިޖީ ވުޒާރާގައި އޮތް މި ރަސްމިއްޔާތުގައި ޕާކިސްތާޏުގެ ޑެޕިއުޓީ ހެޑް އޮފް ދަ މިޝަން ޒުލްޤަރްނައިނި އަޙްމަދާއި ދިވެހިރާއްޖޭގެ މިނިސްޓަރ އޮފް ސްޓޭޓް ފޯރ ފޮރިންގ އެފެއާޒް އަޙްމަދު ޚަލީލާއި ފޮރިންގ ސެކްރެޓަރީ ޢަބްދުލްޣަފޫރު މުޙައްމަދާއި ސެކްރެޓަރީ މަލްޓިލެޓެރަލް ޑޮކްޓަރ ޙާލާ ޙަމީދު ބައިވެރިވެވަޑައިގަތެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.