ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު 2 އޯގަސްޓް ގެ ނިޔަލަށް އިތުރުކޮށްފި

ކޯވިޑް 19 އާލަމީވަބާ އާ ގުޅީގެން ރާއްޖޭގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.

ރަށުތެރެއަށް ކޯވިޑް ފެތުރެން ފެށޫމާއެކު ރާއްޖޭގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައެވެ. ފުރަތަމަ އިއުލާނުކުރީ 12 މާޗް 2020 ގައެވެ. އޭގެ ފަހުން މުއްދަތު އިތުރުކުރަމުން ގެންދިޔައީއެވެ. މި ފަހަރު މުއްދަތު އިތުރު ކޮށްފައި ވަނީ 2 އޯގަސްޓް 2021 ގެ ނިޔަލަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމަށް ފަހު ބަލި ފެތުރޭ ރަށްރަށް ފުރަބަންދުކުރުމާއި ވިޔަފާރިތައް ބަންދު ކުރުމާއި ބޭރަށް ނުކުމެ އުޅުން ފަދަ ފިޔަވަޅުތައް ސަރުކާރުން ގެންދަނީ އަޅަމުންނެވެ. މިހާރު ރާއްޖޭގެ ބައެއް ރަށްރަށް ވަނީ ފުރަބަންދުކޮށްފައެވެ.

މާލޭގައި އެންމެ ފަހުން ބޭރަށް ނުކުމެ އުޅުން މަނާކުރީ 26 މޭ 2021 ގައެވެ. އެ ފިޔަވަޅުތަކާއެކު ބޭރަށް ނުކުމެ އުޅެވެނީ ހުއްދަޔަކާއެކު ވަކި ގަޑިތަކެއްގައެވެ. މާލޭގައި ބޭރަށް ނުކުމެ އުޅުން މިހާރު ވަނީ ފަތިހު 4 އިން ފެށީގެން ރޭގަނޑު 8 އަށް ހުއްދަކޮށްފައެވެ. މަނާކުރީ މާލެ ސަރަހައްދުގައި ވަރަށް ގިނަ އަދަދަކަށް ކޮންމެ ދުވަހަކު މީހުން ޕޮޒިޓިވް ވާން ފެށުމުންނެވެ. ޕ]ޮޒިޓިވް ވާ އަދަދު މިހާރު ވަނީ ވަރަށް ބޮޑަށް ކޮންޓުރޯލު ކުރެވިފައެވެ. ބަލި ޖެހޭ މީހުންގެ އަދަދު ހާހުން މައްޗަށް އަރައިގެން ދިޔައިރު ހަސްފަތާލުގައި ބާއްވައިގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދުވެސް ދުއިސައްތައިން މައްޗަށް އަރައިގެން ދިޔައެވެ. މި އަދަދުވެސް މިހާރު ވަނީ 23 އަށް މަދުކުރެވިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.