ރާއްޖޭގެ މިނިވަންކަމަށް ކުރެވުނު ފިކުރީ ހަނގުރާމައިގާ ނުފެންނަ ޞަފުޙާތައް (11)

(21 ޖޫން 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ އިޢުލާންކުރުމުގެ ދަރުބާރު

އިތުރުލިޔުން D

ޢިއްޒަތާއި ޤަދަރު އުފުލިގެންވާ އިނގިރޭސި ރާނީގެ ފަރާތްޕުޅުން، ދިވެހިރާއްޖޭގެ ރައީސްގެ އަރިހަށް ފޮނުއްވި މެސެޖް

ދިވެހި ޖުމްހޫރިއްޔާގެ އައު ޤާނޫނު އަސާސީ، އިފްތިތާޙު ކުރުމުގެ މުނާސަބަތުގައި، މަނިއްޕުޅަށާއި މަނިއްޕުޅުގެ ރައްޔިތުންނަށް، އިނގިރޭސިވިލާތުގެ ރައްޔިތުންގެ ފަރާތުންނާއި، އަޅުގަނޑުގެ އަމިއްލަ ނަމުގައި، އިޚުލާޞްތެރި ތަހުނިޔާއާއި މުބާރަކްބާދީ އަރިސް ކުރަމެވެ. ކުރިމަގުގައިވެސް، އަޅުގަނޑުމެންގެ ދެޤައުމުގެ ދެމެދުގައި އޮތް، ގާތް އެކުވެރިކަމާއި، އަމިއްލަޒާތުގައި އުފެދިފައިވާ އެއްބައެއްވަންތަކަން، އިހުނަށްވުރެ  ހަރުދަނާކަމާއެކު، ދެޤައުމަށް ފައިދާހުރި ގޮތުގައި، ކުރިޔަށް ދާނެކަމުގައި އަޅުގަނޑު އުންމީދު ކުރަމެވެ.

ކުރިމަގުގައި، މަނިއްޕުޅަށް، ރަނގަޅު ހެޔޮ ނަޞީބާއި، ފަހި ވައިރޯޅިއާއި، ހަމަހިމޭން، ކަނޑުމަޑު ދުވަސްތަކަކަށް، އަޅުގަނޑުމެން އެދެމުއެވެ.

އިތުރުލިޔުން E

މާލެ، ދިވެހިރާއްޖެ

1 ޖެނުއަރީ 1953

އެންމެ މަތީ ޢިއްޒަތާއެކު، ޤަދަރުއުފުލިގެންވާ، ރާނީގެ ޢިއްޒަތްތެރި އަރިހަށް، ދިވެހިރާއްޖޭގެ ރައީސް ފޮނުއްވި މެސެޖް

ތިޔަ ޢިއްޒަތްތެރިޔާގެ ހިރިޔާފާތުރާގެ ދަށަށް،

އަޅުގަނޑުމެންގެ އާ ޤާނޫނުއަސާސީ އިފްތިތާޙު ކުރުމުގެ މުނާސަބަތުގައި، ޢިއްޒަތްތެރި ރާނީ، އަޅުގަނޑަށް ފޮނުއްވި، ޝަރަފުވެރި މެސެޖަށް، ނުހަނު އަދަބުވެރިކަމާއެކު، ބޯލަނބައި، ޥެދުން އަރިސް ކުރަމެވެ.

އިނގިރޭސިވިލާތުގެ ރައްޔިތުންނާއި، އިނގިރޭސި ރަނިކަމަނާގެ ޢިއްޒަތްތެރި އަރިހުން، އެފަދަ މެސެޖެއް، ލިބުނު ކަމަށްޓަކައި، އަޅުގަނޑާއި، ދިވެހިރައްޔިތުންނަށް ލިބިގެންދިޔައީ، ވަރަށް މަތިވެރި ފަޚުރަކާއި ޝަރަފެކެވެ.

ކުރިމަގުގައިވެސް، ދިވެހިރައްޔިތުންނާއި، އިނގިރޭސިވިލާތުގެ ރައްޔިތުންނާ ދެމެދު، ޒަމާނުއްސުރެ އުފެދިފައިވާ ގާތްކަމާއި އެކުވެރިކަން، ދެޤައުމަށް ފައިދާހުރިގޮތުގައި ކުރިޔަށްދާނެކަމުގެ ކަށަވަރުކަން އަރުވައި، ތިޔަ ޢިއްޒަތްތެރި ރަނިކަމަނާ އުއްމީދު ކުރައްވާގޮތަށް،  އަޅުގަނޑުމެންވެސް އުންމީދުކުރާކަމުގައި ދެންނެވުމުގެ މާތްކަން ލިބިގަތީމެވެ.

އަޅުގަނޑުގެ އިޙުތިރާމާއި ހެޔޮއެދުންތައް، ކަމަނާއަށް، ކަށަވަރުކޮށް އަރިސްކުރުމަށް މިފުރުޞަތުގެ ބޭނުން ހިފީމެވެ.

ތިޔަ ޢިއްޒަތްތެރި ރަނިކަމަނާއަށް

އެންމެ ކިޔަމަންތެރި ޚާދިމުގެ މަތިވެރި ޝަރަފު ލިބިގެންވާ

(ސޮއި) އޭ. އެމް. އަމީންދީދީ

ރައީސް

ދިވެހިރާއްޖެ

 

އިތުރުލިޔުން F

 

އިޢުލާންކުރުން

ޕްރޮގްރާމުން ނަގާފައިވާ ބައިތަކެއް 1 ޖެނުއަރީ، 1953

(9) ހ. 1 ޖެނުއަރީ 1953 ގެ ހެނދުނު 9.00 ގެ ކުރިން، ޤާނޫނުހަދާ މަޖިލީހާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފިޔަވައި، ޓިކެޓާއެކު ވަޑައިގަންނަވާ އެހެން ބޭފުޅުން، އެބޭފުޅުންނަށް ކަނޑައެޅިފައިވާ ގޮނޑިކޮޅުތަކުގައި އިށީނދެވަޑައިގަތުން.

ށ. ދަރުބާރަށް ވެދެވަޑައިގަތުމަށްޓަކައި، ޤާނޫނުހަދާ މަޖިލީހާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، އުއްތަމަ ފަނޑިޔާރާއި، އެހެނިހެން ފަނޑިޔާރުން، ދަރުބާރަށް ވަޑައިގަތުމުގެ 1 ގަޑިއިރުކުރިން، ނާދިއްތަމައްދުން އަށް، ޙާޟިރުވެ ވަޑައިގަތުން. ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، ދަރުބާރަށް ވަޑައިގަތުމަށް ނާދީން ނުކުމެވަޑައިގަންނަވާނީ، ދަރުބާރަށް ވަދެވަޑައިަގތުމަށް ކަނޑައެޅިފައިވާ ގަޑިޖެހުމުގެ 45 މިނިޓް ކުރިންނެވެ.

ނ. ޤާނޫނުހަދާ މަޖިލީހުގެ މެންބަރުން، ދަރުބާރަށް ވަޑައިގަތުމަށް، ނާދީން ނުކުމެވަޑައިގަންނަވާނީ،، ދަރުބާރަށް ވަދެވަޑައިގަތުމަށް ކަނޑައެޅިފައިވާ ގަޑިޖެހުމުގެ 30 މިނިޓް ކުރިންނެވެ.

ރ. އުއްތަމަ ފަނޑިޔާރާއި އެހެނިހެން ފަނޑިޔާރުން، ދަރުބާރަށް ވަޑައިގަތުމަށް، ނާދީން ނުކުމެވަޑައިގަންނަވާނީ ، ދަރުބާރަށް ވަދެވަޑައިގަތުމަށް ކަނޑައެޅިފައިވާ ގަޑިޖެހުމުގެ 25 މިނިޓް ކުރިންނެވެ.

(10) ޢިއްޒަތްތެރި މެހެމާނުން، ދަރުބާރަށް ވަދެވަޑައިގަތުމަށް ކަނޑައެޅިފައިވާ ގަޑިޖެހުމުގެ 20 މިނިޓްކުރިން، ބޮޑުވަޒީރުގެ ގެކޮޅަށް، ހުރިހާ ބޭފުޅުން، އެއްވެވަޑައިގަތުން. މިބޭފުޅުން، ދަރުބާރަށް ގެންދަވާނީ، ކޮންމެވެސް އެއް ވަޒީރަކު އިސްވެހުންނަވައި، އެބޭފުޅުން ދަރުބާރަށް ވަދެވަޑައިގަތުމަށް ކަނޑައެޅިފައިވާ ގަޑިޖެހުމުގެ 20 މިނިޓް ކުރިން، ބޮޑުވަޒީރުގެ ގެކޮޅުން ނުކުމެވަޑައިގެންނެވެ.

(11) ދަރުބާރަށް ވަދެވަޑައިގަތުމަށް، ކަނޑައެޅިފައިވާ ގަޑިޖެހުމުގެ 5 މިނިޓް ކުރިން، ރައީސްގެ ރަސްމީ ގެކޮޅުން، ރައީސް ނުކުމެވަޑައިގަތުން. އެމަނިއްޕުޅާއެކު، އެމަނިއްޕުޅުގެ ޕްރައިވެޓް ސެކްރެޓަރީއާއި އިތުރު ތިން މުއައްޒަފުން، އަރިހުގައި ވަޑައިގަންނަވާނެއެވެ. ދަރުބާރުން އެމަނިއްޕުޅާ އިސްތިޤްބާލު ކުރައްވާނީ، އުއްތަމަ ފަނޑިޔާރާއި، ޤާނޫނުހަދާ މަޖިލީހުގެ ޚާއްޞާ ޒަޢީމާއި، ރައްޔިތުންގެ ފަރާތުން ހޮވާފައި ހުންނެވި ޚާއްޞަ މަންދޫބެވެ. ދަރުބާރަށް ވަދެވަޑައިގެން، އިސްޓޭޖްމައްޗަށް އަރާވަޑައިގަތުމަށްފަހު، އެބޭފުޅަކަށް ޚާއްޞަކުރެވިފައިވާ ގޮނޑިކޮޅުގައި އިށީނދެވަޑައިގަންނަވާނީއެވެ.

(12) ހޯލުތެރެ ހަމަހިމޭން ވުމަށްފަހު، އުއްތަމަ ފަނޑިޔާރު އިސްވެ ހުންނަވައި ދުޢާއެއް ވިދާޅުވާނެއެވެ.

(13) ދުޢާކުރައްވައި ނިމިވަޑައިގަތުމުން، ވަޒީރުންގެ ތެރެއިން ބޭފުޅަކު، އިސްވެވަޑައިގެން، ކީރިތި ޤުރުއާނުގެ ބައެއް އާޔަތް ކިޔަވާ ވިދާޅުވާނެއެވެ.

(14) ރައްޔިތުން ޢައްޔަން ކޮށްފައިވާ ކޮމިޓީގެ ބޭފުޅުން، އިސްޓޭޖްގައި އެބޭފުޅުންނަށް ކަނޑައެޅިފައިވާ މަޤާމް ތަކުގައި ހަމަޖެހިވަޑައިގަތުން.

(15) ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޒަޢީމާއި، ރައްޔިތުންގެ ފަރާތުން ޢައްޔަންކޮށްފައިވާ މަންދޫބު، ކޮމިޓީގެ ބޭފުޅުންގެ ކުރިފުޅުމަތީ ހުއްޓިވަޑައިގަތުން.

(16) އުއްތަމަފަނޑިޔާރަށް ޚާއްޞަކުރެވިފައިވާ މަޤާމުގައި، ކޮމިޓީގެ މެންބަރުންގެ ކުރިފުޅުމަތީ، 5 ފޫޓެއްހާ ދުރުމިނުގައި ހުއްޓިވަޑައިގަތުން.

(17) ކޮމިޓީއާއި އުއްތަމަފަނޑިޔާރާ ދެމެދު، ނައިބުރައީސަށް ޚާއްޞަކުރެވިފައިވާ މަޤާމުގައި، އެމަނިއްޕުޅު ހުއްޓިވަޑައިގަތުން. އުއްތަމަ ފަނޑިޔާރު އިސްވެވަޑައިގެން، ނައިބުރައީސްކަމުގެ ހުވާ، އެމަނިއްޕުޅަށް ލައިދެއްވުން. މަޤާމުގެ ހުވާ ކުރެއްވުމަށްފަހު، ނައިބުރައީސް، އެމަނިއްޕުޅަށް ޚާއްޞަކުރެވިފައިހުރި ގޮނޑިކޮޅަށް އެނބުރި ވަޑައިގަތުން.

(18) ކޮމިޓީއާއި އުއްތަމަފަނޑިޔާރާ ދެމެދު، ރައީސަށް ޚާއްޞަކުރެވިފައިވާ މަޤާމުގައި، އެމަނިއްޕުޅު ހުއްޓިވަޑައިގަތުން.

(19) ރައީސް ތެދުވެވަޑައިގަތުމުން، ޙާޟިރުވެވަޑައިގެންތިއްބެވި އެންމެހާ ބޭފުޅުން ތެދުވެވަޑައިގަތުން.

(20) އުއްތަމަ ފަނޑިޔާރު އިސްވެވަޑައިގެން، ރައީސްކަމުގެ ހުވާ، އެމަނިއްޕުޅަށް ލައިދެއްވުން.

(21) ރައްޔިތުންގެ މަޖިލީހުގެ ޚާއްޞަ ޒަޢީމު، އެދިވަޑައިގަތުމުން، ރައްޔިތުންގެ ފަރާތުން ޢައްޔަންކޮށްފައިވާ މަންދޫބު، މަޤާމުގެ ބާރުތައް ރަމްޒުކޮށްދޭ ކަނޑިކޮޅު، އުއްތަމަފަނޑިޔާރުގެ އަތްޕުޅަށް އެރުއްވުން. އަދި އުއްތަމަފަނޑިޔާރު، އެކަނޑިކޮޅު، ރައީސްގެ އަތްޕުޅަށް އެރުއްވުން.

(22) ރައްޔިތުންގެ ފަރާތުން ޢައްޔަންކޮށްފައިވާ މަންދޫބާއި، އުއްތަމަފަނޑިޔާރާ ދެބޭފުޅުންވެގެން، ރައީސްގެ ކަމަރުކޮޅުގައި، ކަނޑިކޮޅު ހަރުކޮށްދެއްވުން.

(23) ރައީސް، ކޮމިޓީގެ ބޭފުޅުންނަށް ކުރުނީސް ކުރެއްވުމަށްފަހު، ކަނޑައެޅިފައިހުރި ގޮނޑިކޮޅުގައި އިށީނދެވަޑައިގަތުން.

(24) ކޮމިޓީގެ މެންބަރުންނާއި، އުއްތަމަފަނޑިޔާރު، ރައްޔިތުން ޢައްޔަންކޮށްފައިވާ މަންދޫބު އަދި ޤާނޫނުހަދާ މަޖިލީހުގެ ޚާއްޞަ ޒަޢީމު، އެބޭފުޅުންނަށް ކަނޑައެޅިފައިހުރި ގޮނޑިކޮޅުތަކުގައި އިށީނދެވަޑައިގަތުން.

(25) ރައީސާއި، ޙާޟިރުވެވަޑައިގެން ތިއްބެވި އެންމެހާ ޢިއްޒަތްތެރިން، އިށީނދެވަޑައިގަތުން.

(26) ތަން ހަމަހިމޭންވެ އަޑުމަޑުވުމުން، 21 ބަޑީގެ ސަލާމެއް އެރުވުން.

(27) ބަޑީގެ ސަލާން ފެށުމާއެކުހެން، ރައީސް ކޮޅަށް ތެދުވެވަޑައިގެން، ދެއަތްޕުޅު ތިރިކުރައްވައިގެން ހުންނެވުން. ބަޑީގެ ސަލާން ނިމުމުން، ރައީސް އިށީނދެވަޑައިގަތުން.

(28) ބަޑީގެ ސަލާން އެރުވެމުންދާއިރު، ރައީސް ނޫން އެހެން ހުރިހާ ޢިއްޒަތްތެރިން ތިއްބަވާނީ އިށީނދެވަޑައިގެންނެވެ.

(29) ރައީސް އިށީނދެވަޑައިގަތުމުން، ސިފައިންގެ ބޭންޑްގައި " ކުރިޔަށް ދިވެހި ޤައުމު " ކުޅުން.

(30) އައު، ދިވެހި ޖުމްހޫރިއްޔާ އިޢުލާންކުރުމަށް، ރައީސް ސޮއިކުރައްވާފައިވާ ޤަރާރު، އިއްވަވާނީ، ރައީސްގެ ޕްރައިވެޓް ސެކްރެޓަރީއެވެ. އޭގެފަހުން، މިޤަރާރުގެ އިނގިރޭސި ތަރުޖަމާ އިއްވޭނެއެވެ.

(31) އައު، ދިވެހި ޖުމްހޫރިއްޔާ އަށް މަރުޙަބާކިއުމުގެގޮތުން، 21 ބަޑީގެ ސަލާމެއް ދެވޭނެއެވެ.

(32) 21 ބަޑީގެ މިސަލާމް ދެވޭއިރު، ރައީސް ހުންނަވާނީ ކޮޅަށްތެދުވެވަޑައިގެން، ދެއަތްޕުޅު ތިރިކުރައްވައިގެންނެވެ. އަދި އެހެން ޢިއްޒަތްތެރިން ތިއްބަވާނީ، އިށީނދެވަޑައިގެންނެވެ.

(33) 21 ބަޑީގެ ސަލާމަށްފަހު، ދިވެހި ސިފައިންގެ ބޭންޑްގައި، ދިވެހި ޤައުމީ ސަލާމް ކުޅެވޭނެއެވެ.

(34) އެންމެ ބޭފުޅުން އިށީނދެވަޑައިގަތުމުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް ތެދުވެވަޑައިގެން، ރައްޔިތުންގެ މަޖިލީހާއި ޤާނޫނުހަދާ މަޖިލީހުގެ ފަރާތުން، ރައީސަށް މަރުޙަބާ ދެންނެވުމުގެ ގޮތުން، މަރުޙަބާގެ މެސެޖެއް އިއްވަވާނެއެވެ.

(35) ސިލޯނުގައި ހުންނަވާ ، އިނގިރޭސިވިލާތުގެ ހައިކޮމިޝަނަރ، މެސެޖެއް އިއްވެވުން.

(36) އިނގިރޭސިވިލާތުގެ ޤައުމީ ސަލާމް ކުޅުން.

(37) ޢިއްޒަތްތެރި ހައިކޮމިޝަނަރ ގެ ޚިޠާބަށާއި، ރައްޔިތުންގެ ފަރާތުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އިއްވެވި ޚިތާބަށް، ޖަވާބުދެއްވުމަށް، ރައީސް، ވަކިވަކިން، މުޚާޠަބު ކުރައްވާނެއެވެ.

(38) ރައީސްގެ ވާހަކަފުޅާއި، ޚިޠާބު ނިމިވަޑައިގަތުމުން، އަނެއްކާވެސް، ސިފައިންގެ ބޭންޑްގައި، ދިވެހި ޤައުމީ ސަލާމް ކުޅެވޭނެއެވެ.

މިނިސްޓްރީ އޮފް ހޯމް އެފެއަރޒް

މާލެ،

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.