ރާއްޖޭގެ މިނިވަންކަމަށް ކުރެވުނު ފިކުރީ ހަނގުރާމައިގާ ނުފެންނަ ޞަފުޙާތައް (3)

(2 މެއި 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ތާރީޚު

  1. ތާރީޚީގޮތުން ބަލާއިރު ، ދިވެހިރާއްޖެއަކީ ، މިނިވަންކަމުގެ ޤަދީމީ ތާރީޚެއް ލިބިގެންވާ ތަނެކެވެ. ވަކިވަކިން ދުރުދުރުގައި އެތައް ރަށްތަކެއް ، އެކަހެރިގޮތަކަށް ހުރުން އެއީ ، މިކަމުގެ ސަބަބެއްކަމަށް ވެދާނެއެވެ. އެހެންކަމަށްވިޔަސް ، މީލާދީ ސަނަތުން 16 ވަނަ ޤަރުނުގެ ތެރޭގައި ، ޕޯޗުގީޒުންނާ ހަނގުރާމަކޮށް ، އެމީހުން ކުރިހޯދިއެވެ. އަދި އެންމެ ފުރަތަމަ ، ޕޯޗުގީޒުންގެ ރައްކާތެރިކަން ޤަބޫލުކޮށް ޙިމާޔަތް ހޯދިއެވެ. އަދި އޭގެފަހުން ، ޑަޗް މީހުން ނުވަތަ ނެދަރލޭންޑްގެ ޙިމާޔަތް ހޯދައި ، އެންމެފަހުން ، އަޅުގަނޑުމެން ، އިނގިރޭސިވިލާތުގެ ޙިމާޔަތުގެ ދަށަށް މިއޮތީ ގޮއްސައެވެ. ހުރިހައި ޒަމާނެއްގައިވެސް ، އެމީހުންގެ ދާޚިލީ ކަންކަން އަމިއްލަޔަށް ހިންގައި ބެލެހެއްޓުމުގެ ފުރިހަމަ މިނިވަންކަން ، އެމީހުން ރައްކާތެރިކޮށް ދެމެހެއްޓިއެވެ. ދިވެހިރާއްޖޭގެ ޚާރިޖީ ކަންތައްތައް ހިންގައި ބަލަހައްޓައިދީ ، ބޭރުގެ ޢުދުވާންތަކުން ރައްކައުތެރިކޮށް ދިނުމާއެކު ، ދާޚިލީ އެއްވެސް ކަމަކާ ނުބެހުމުގެ އެއްބަސްވުމެއް ، އަޅުގަނޑުމެންނާއެކު އުފެއްދިފައި ވެއެވެ. މިއެއްބަސްވުން އެކުލަވައިލެވިފައިވަނީ ،  އިނގިރޭސިވިލާތުގެ އަޅުވެތިކަމުގެ ދަށުގައި އޮތް ސިލޯނުގެ ގަވަރުނަރާއި ، ދިވެހިރާއްޖޭގެ އޭރުގެ ރަދުންނާދެމެދު ބަދަލު ކުރެވުނު ސިޓީފުޅުތަކުގެ ޒަރީޢާއިންނެވެ.

            ބޭރުގެ ބާރާއި ނުފޫޒާ އަދި ނުރައްކަލުން ، ދިވެހިރާއްޖެ ރައްކައުތެރިކޮށްދީ ، ޙިމާޔަތްކޮށްދިނުމުގެ ޒިންމާއަކީ ،  1887 ވަނައަހަރުންފެށިގެން ، އިނގިރޭސިވިލާތުން ބޮލުއަޅައި ، އުފުއްލަމުން އައި ޒިންމާއެކެވެ. އަދި މިޒިންމާއަކީ 1887 ގެ ކުރިންވެސް ، އިނގިރޭސިވިލާތުން އުފުއްލަމުން އައި ޒިންމާއެކެވެ. އެހެންނަމަވެސް ، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާދެމެދު އޮތްގުޅުން ، ރަސްމީގޮތުން ޤާއިމުކުރެވިގެން ދިޔައީ ،  1887 ގައެވެ.  ސިލޯނަށް މިނިވަންކަން ލިބުމާގުޅިގެން ، ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާދެމެދު ، 24 އެޕްރީލް 1948ގައި ، މާލޭގައި ސޮއިކުރެވުނު އެއްބަސްވުމުގައިވެސް ، އެކަމުގެ ޔަޤީންކަން ކަށަވަރުކޮށްދެވިފައި ވޭމެއެވެ. މިއެއްބަސްވުމުގައި ސޮއިކުރެއްވީ ، އަޅުގަނޑުގެ ކުރިން ސިލޯނުގައި ހުންނެވި ، އިނގިރޭސިވިލާތުގެ ހައިކޮމިޝަނަރާއި ، ދިވެހިރާއްޖޭގެ ފަރާތުން ސިލޯނުގައި ހުންނަވާ ، ދިވެހި ސަރުކާރުގެ މަންދޫބެވެ. މިއެއްބަސްވުމާއި ، 1 ޖެނުއަރީ 1953 ގައި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ،  1948 ގެ ކުރިން ސިލޯނުގެ ގަވަރުނަރުގެ ބެލުމުގެދަށުން ބަލަހައްޓަމުންއައިސްފައިވާ ، ދެޤައުމުގެ ދެމެދުގައިވާ ގުޅުން ، ބަލަހައްޓަމުން އައީ ، ސިލޯނުގައި ހުންނަވާ އިނގިރޭސިވިލާތުގެ ހައިކޮމިޝަނަރެވެ.

މރ. އަމީންދީދީ

  1. ދިވެހިރާއްޖޭގައި އެންމެ ނަންހިނގާ އަދި ޤާބިލު ހިންގުންތެރިޔާ ، ބޮޑުވަޒީރު މރ. އަމީންދީދީއަކީ ، މިހާރުގެ ރައީސެވެ. އަދި ފާހަގަކޮށްލެވޭފަދަ ، ވަރަށް ވަރުގަދަ ، ޝަޚުޞިއްޔަތެކެވެ. އެމަނިއްޕުޅަކީ ، މީލާދީން 1957 ގެ ފަހުން ، ދިވެހި ތަޚުތުގައި ރެދަލިކުރައްވަމުން ވަޑައިގެންނެވި ، ރަސްރަސްކަލުންނާއި ރަނިކަނބަލުން ނިސްބަތްވެ ވަޑައިގަންނަވާ ، ރަސްމަތިފުށުގެ ޢާއިލާއަކުން ވަޑައިގެން ހުންނެވި ބޭފުޅެކެވެ. ތަޢުލީމު ޙާޞިލު ކުރެއްވީ ސިލޯނުގެ ރޯމަން ކެތަލިކް ސްކޫލަކުންނެވެ. ދިވެހިރާއްޖޭގެ ވެރިކަމުގެ ބާރުތައް އެމަނިއްޕުޅަށް ބަރޯސާވެ ، ހިނގަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ. އެކަމަކުވެސް ، މިހާރުވެސް ޢުމުރުފުޅުންވީ ، އެންމެ 42 އަހަރުފުޅެވެ. އެމަނިއްޕުޅަކީ ، ވަރަށް ވިސްނުންފުޅު ތޫނު ، ކާމިޔާބީއާއި ނަތީޖާ ޙާޞިލުކުރައްވާ ، ދުރުވިސްނިވަޑައިގަންނަވާ ، ކެތްތެރި ، އަދި ހުޅަނގުގެ ޚިޔާލުތަކަށް ، އަހުލުވެރިވެވަޑައިގެންހުންނެވި ބޭފުޅެކެވެ. ( އެމަނިއްޕުޅަކީ ،  ޢާންމުކޮށް ، ދޭތެރެ ދޭތެރެއިން ލަންޑަނަށް ވަޑައިގަންނަވާ ބޭފުޅެކެވެ. އިއްތިފާޤުން ކަންދިމާކުރިގޮތުން ، އަޅުގަނޑާއި އެމަނިއްޕުޅަކީ ، ދަތުގެ އެއް ޑޮކްޓަރަކަށް ދައްކާ ދެމީހުންނެވެ.) ހަމައެއާއެކު ، އިރުމަތީގެ މުސްލިމުންނާ ގުޅިވަޑައިގަންނަވާ ، ޤުދުރަތީގޮތުންވެސް ވަރަށްބޮޑަށް އެގޮތް ހުންނަ ބޭފުޅެކެވެ.

  1. އެމަނިއްޕުޅުގެ އަމުރުފުޅަކާނުލައި އަދި އެމަނިއްޕުޅުގެ އޯގާތެރިކަމާއި ހެޔޮފުޅުކަމާލައިގެން މެނުވީ ، ދިވެހިރާއްޖޭގައި އެއްވެސް ކަމެއް ނުހިނގާކަމީ ، ޝައްކެއް އޮތްކަމެއްނޫނެވެ. އެމަނިއްޕުޅަކީ ، ދިވެހިންގެ ދިރިއުޅުމުގެ ކޮންމެ ޙާލަތަކާގުޅޭ ،  ކޮންމެކަމެއްގައިވެސް ބައިވެރިވެވަޑައިގެން ، ޢަމަލީގޮތުން ޙަރަކާތްތެރިވެވަޑައިގަންނަވާ  ބޭފުޅެކެވެ. އަދި އެއީ ޤައުމެއްގެ ޤައުމީ ފުޓްބޯޅަޓީމެއްގެ ސެންޓަރފޯވަރޑެއްގެ ގޮތުގައި ، މިހާރުވެސް ކުޅުއްވާ ، ދުނިޔޭގައިވާ ހަމައެކަނި ބޮޑުވަޒީރެވެ. އުފެދުމުގައިވެސް ، އެމަނިއްޕުޅަކީ ، މަޑުމައިތިރި ، އެހެންނަމަވެސް ބަސްމޮށުންތެރި ، ވަރަށް ރަނގަޅަށް ސިޓީ ލިޔުއްވާ އަދި ހެވާއި ނުބައި ވަކިކޮށް ، ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. އެމަނިއްޕުޅަކީ ، ޚާއްޞަކޮށް މިވޭތުވެދިޔަ  އަހަރުތަކުގައި ، ޢަޒުމް ވަރުގަދަ ، ބޭފުޅެކެވެ. ސިލޯނުގެ ބައެއް މީހުން ބުނާހެން ، އެއީ ، ހުންގާނުގައި ހިއްޕަވައިފިނަމަ ، އެހެން މީހުންނަށްވުރެ ބޮޑަށް ، އެމަނިއްޕުޅަށް  އެންމެ ފައިދާހުރި މިޞްރާބަކަށް އޮޑި އަނބުރާލާނެ ، ކައްޕިތާނެކެވެ. އެހެންނަމަވެސް ، ދިވެހިރައްޔިތުންނަށްޓަކައި ، އެމަނިއްޕުޅުވަނީ ، އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިކަން ކަށަވަރެވެ. އަދި އެމަނިއްޕުޅަކީ ، ދިވެހިރައްޔިތުންގެ މެދުގައި ، ވަރަށް މަޤްބޫލު ޝަޚުޞިއްޔަތެކެވެ. އެމަނިއްޕުޅާ އަޅުގަނޑާ ދެމެދު އޮތީ ވަރަށް ގާތް ރަޙުމަތްތެރިކަމެއް ކަމުގައި ، އުފަލާއެކު ދަންނަވާލާހިތް ވެއެވެ. އަދި އަޅުގަނޑުގެ ލަފަޔަކަށް އެދިވަޑައިގަންނަވާ ޙާލަތްތަކުގައި ، އެލަފައެއް ޤަބޫލުކުރެއްވުމަށް ، ތައްޔާރަށް ހުންނަވާކަން ފާހަގަ ކުރެވެއެވެ.   

ދަތުރު

29 ޑިސެމްބަރ 1952 ، (ހޯމަ)

  1. އަޅުގަނޑާއި އަޅުގަނޑުގެ އަންހެނުން ، ( ކެޕްޓަން ޖޭ.ސީ. ސްޓޮޕްފޯރޑް ، އޯ.ބީ.އީ ، އާރ. އެން ގެ ކެޕްޓަންކަމުގެ ދަށުގައިވާ ) އެޗް.އެމް.އެސް ސިލޯނަށް އެރީ 29 ޑިސެމްބަރ 1952 ވީ ހޯމަދުވަހުއެވެ. އަޅުގަނޑުގެ އަންހެނުން މަނަވަރަށް ދިޔައީ ، އަޅުގަނޑަށްވުރެ ކުރިންނެވެ. އަޅުގަނޑު ދިޔައީ ، މިދަތުރަށްޓަކައި ، ކެޕްޓަން ސްޓޮޕްފޯރޑް ، އަޅުގަނޑަށް ހަމަޖައްސަވައިދެއްވި ، އޭޑީސީ ، ލެފްޓިނަންޓަ ކޮމާންޑަރ އެޗް. އޭ. ޗީތަމް، އާރ.އެން އާއެކު މެންދުރު 11 ޖަހާ އެހާކަށްހާއިރުއެވެ. އެކަށީގެންވާ އަދަބު އިޙުތިރާމާއެކު އަޅުގަނޑަށް ، މަނަވަރުން ،  މަރުޙަބާ ކިޔެވެ. އަޅުގަނޑުމެން ތިބުމަށް ހަމަޖެހިފައިއޮތީ ، އެޑްމިރަލްގެ ކޮޓަރިކޮޅުގައެވެ. ސިލޯނުގެ ބަނދަރުން މަނަވަރު ނައްޓާލީ 11.30 ގައެވެ. ޝާހީ ކަނޑުގެ ލަޝްކަރުގެ ބޭންޑާއެކު ، މަނަވަރުގެ އޮފިސަރުން ، އެމީހުންނަށް ޚާއްޞަކުރެވިފައިހުރި މަޤާމުތަކުގައި ތިބެ ، ސިލޯނުގެ ބަނދަރުން ، މަނަވަރު ނައްޓާލި ވަގުތަކީ ، އަޅުގަނޑުގެ ހިތުން ފުހެލަން ދަތި އިޙުސާސްތަކެއް ކުރެވިގެންދިޔަ ވަގުތެކެވެ. ކޮންމެވެސް އެއްދުވަހަކުން ، ޢިއްޒަތްތެރި އިނގިރޭސި ރާނީގެ މަނަވަރެއްގައި ދަތުރެއް ކޮށްލުމަކީ އަޅުގަނޑު އަބަދުވެސް ކުރަމުން އައި އުންމީދެކެވެ. މިކަން ޙަޤީޤަތަކަށްވެގެންދިޔަ ، އެވަގުތަކީ އަޅުގަނޑުގެ އުންމީދުތައް އިތުރަށް ދިރިގެންދިޔަ ވަގުތެކެވެ.

30 ޑިސެމްބަރ 1952 ، (އަންގާރަ)

  1. ރަސްމީ އެއްވެސްކަމެއްނެތް ދުއްވުމަކަށްފަހު ، އަޅުގަނޑުމެންނަށް ދިވެހިރާއްޖެޔަށް ދެވުނީ ، 30 ޑިސެމްބަރ 1952 ވީ އަންގާރަ ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގައެވެ. އެތައް މޭލެއްގެ ދުރުން ، މާލޭގެ މަލަމަތި ދައްކާލުމުން ، އަޅުގަނޑުމެންތިބީ ހިތްއަވަސް ވެފައެވެ. އެކަހެރި ހަނަފަސް ރަށެއް ހޯދުމަށް މަސައްކަތްކުރި ، ފޮތްލިޔުންތެރިއެއްކަމުގައިވާ ބެލެންޓީންސް ގެ ފޮތް " ކޯރަލް އައިލޭންޑް " ގަނެފައިވާ މީހަކުވިއްޔާ ، މާލޭގެ މަލަމަތި ދުރުން ފެނިގެންދާހިނދު ، އިޙުސާސް ކުރެވޭނީ ، ހިތަށްނެގިފައިވާ ގޮތާ ދިމާ އިދިކޮޅަށެވެ. ބިއްލޫރިގަނޑު ތެރެއިން އަޅުގަނޑުމެންނަށް ފެންނަން އެހުރީ ، ބިންތިރި ، ގަސްތަކުންފުރިފައިވާ ކުޑަކުޑަ ޖަޒީރާއެއްގެ މަލަމަތިން ، ދިވެހިރާއްޖޭގެ ދެދިދަ ވިހުރުވި ވިހުރުވި ހުރި މަންޒަރެވެ.  މާލެއާއި އެހެން ރަށްރަށާދެމެދުގައި އޮންނަ ، ބަނދަރު އެންމެ ވައްތަރީ ، ދިދަތަކާއި ކުލަފޮތިން ޒީނަތްތެރިކުރެވިފައިވާ މުސްކުޅި ، އިނގިރޭސި ލަޝްކަރުގެ މަނަވަރުތަކުގެ ކުޑަމަންޒަރެއްގެ ގޮތުގައެވެ. ބަނދަރުމަތީ އެތުރިފައި އެވާ އުޅަނދުފަހަރަކީ ، ހުޅަނގުގެ ގަދަ މޫސުމުގައި ، މާލެއާއި ކޮޅުނބާދެމެދު ދަތުރުކުރާ ، ބަނގަލާ ބޯޓުފަހަރާއި ބަންގާޅު އޮޑިފަހަރެވެ. ހަމައެދުވަހުގެ މެންދުރުފަހުން އައި އިނގިރޭސި ވައިގެ ލަޝްކަރުގެ (ކަނޑަށް ޖައްސާ) މަތިންދުއްވާބޯޓު ، ސަންޑަރލޭންޑް ، އެއުޅަނދުފަހަރާ ވަރަށްކައިރީގައި ، ރާޅުތަކުން ސަލާމަތްކުރުމަށް އައްސާފައި އޮތެވެ. ރަށާކައިރިޔަށް އަޅުގަނޑުމެން ޖެހި ، ވަންނަން އޮންނަ މައި ކަނޑިންމަޔާ ސީދާވާގޮތަށް ، މަނަވަރު އަނބުރާލުމުން ، ހުދުކުލައިގެ ޢިމާރާތެއް ފެންނަން ހުއްޓެވެ. އެއީ ޕޯޗުގީޒުން ހަދާފައިހުރި ، ކުރީގެ ފޯޓެކެވެ. ފޯޓާޖެހިގެން އަޅުގަނޑުމެންނަށް ފެނިގެންދިޔައީ ، މާލޭގެ ކުޑަކުޑަ (ފަޅުތެރެ) ބަނދަރެވެ. އެއީ އަޅުގަނޑުގެ ޙަޔާތުގައިވެސް ދުށް އެންމެ ރީތި އަދި ހިތްގައިމު އެއް މަންޒަރެވެ. ފަޅުތެރެޔާ މޫނުސީދާވާގޮތަށް ފެންނަން އެހުރި ، ދާދިފަހުން ހުދުކުލަލައި ރީތިކޮށްފައިވާ ، ސަރުކާރުގެ ޢިމާރާތްތަކަކީ ، އިރުގެ ސާފުއަލީގައި ފެންނަހިނދު ، ވަރަށް ހިތްގައިމު މަންޒަރެކެވެ. ފަޅުތެރޭގައި ގިނަ ޢަދަދެއްގެ މަސްއޮޑިފަހަރާއި ޔޮޓު އަޅާފައި ހުއްޓެވެ. އެހުރިހާ އުޅަނދުފަހަރެއްވެސް ވަނީ ، ދިދަ އާއި ކުލަފޮތިން ޒީނަތްތެރިކޮށް ، މީހުން އަރާ ފުރިފައެވެ. ބަނދަރުމަތީގައި ގިނަޢަދަދެއްގެ ދިވެހިން ، ފިރިހެން ހެދުންލައިގެން ބައިބަޔަށް އެތުރިފައި ތިއްބެވެ. ފެހިކުލައިން ޒީނަތްތެރިވެގެންވާ މަލަމަތިން ފަހަތުން ފެންނަން އެހުރީ ، ނަމާދުވަގުތު ޖެހިއްޖެކަން އެންގުމަށް ، މުދިމުން ބަންގި ގޮވާ ، ވަށްކޮށް ޢިމާރާތްކުރެވިފައިވާ ، ހުކުރު މިސްކިތުގެ މުންނާރެވެ.  އަޅުގަނޑުމެން ފޯޓު ހުރަސްކުރަމުންދިޔައިރު ، ބެޓެރީބަޑިން ސަލާން ބަދަލުކުރަމުން ގެންދެވުނެވެ. ބެޓެރީބަޑި ބެހެއްޓިފައިހުރީ ފޯޓުގެ އެތެރޭގައެވެ. އެންމެމަތީ މާލިމީކަމުގެ ހުނަރު ލިބިގެންވާ ކައްޕިތާނަކަށްވެސް ، މުރަކައިގެ ފަރުތަކުގެ ތެރެއިން ހެދިފައިހުންނަ ހަނި ނެރުނެރުން ވަނުމުގައި ރާޅާއި ގަދައޮއިވަރުގެ އުނދަގޫ ލިބިގެންދާފަދަ ޙާލަތެއްގައި ، އަޅުގަނޑުމެންގެ މަނަވަރު ބަނދަރުކުރީ އެދުވަހުގެ ހަވީރު 4.30 ގައެވެ.

  1. އަޅުގަނޑުމެން ބަނދަރުކުރުމާއެކު ، ރަސްމީ ބާޖެއް ކަނޑިންމައިން ނުކުންނަތަން ފެނުނެވެ. ޒީނަތްތެރިކޮށްފައިވާ ފަލިޖަހާ އުޅަނދެއްގެ ކަފުގައި އައި މިބާޖުގައި ވަޑައިގަތީ ، މރ. އަމީންދީދީއެވެ. އެއީ ، އަޅުގަނޑަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރައްވައި ، އެންމެ ފަހުގެ ތައްޔާރީތަކާބެހޭގޮތުން މަޝްވަރާކުރެއްވުމަށްޓަކައެވެ. އަޅުގަނޑުމެންނާ މާލޭގެ ބަނދަރާދެމެދުގައި އޮތް ދުރުމިނަށްވުރެ ދިގު ރާސްތާއެއްގައި ، އޮޔާއި ވަޔާ އަދި ރާޅާ ދެކޮޅަށް ، ބައިމޭލެއްހާ ދުރުމިނުގެ ރާސްތާއެއް ކަޑައްތުކޮށް ، އެއުޅަނދަށް ، ފަލިޖަހާފައި ، މަނަވަރާހިސާބަށް އައުމަކީ ފަސޭހަކަމެއްނޫނެވެ. އެއުޅަނދު މަނަވަރާ ކައިރިޔަށް އައުމުން ހުދު މުންޑުގައި ނޫކުލައިގެ ތާކިހަލެއްއަޅައިގެން ، ޒީނަތްތެރިވެގެން ، ފަލިޖަހަންތިބި މީހުން ފެނުނެވެ. އެމީހުންގެ ފަލިހުންނަނީ ، އަޅުގަނޑުމެން އާދައިގައި މިދެކޭ ފައްޔާ ތަފާތުކޮށެވެ. ފަލީގެ ދޫހުންނަނީ ފަތިކޮށެވެ. އަދި ފަލީގެ ދަނޑިހުންނަނީ އަތްކަންކޮށް ޒީނަތްތެރިކޮށްފައެވެ. ފަލީގެ ދުލުގައި ލާފައިހުރީ ނޫކުލައެވެ. އަޅުގަނޑަށް ފާހަގަކުރެވުނުގޮތުގައި ، އެ ނޫކުލަ ބޮޑަށް ގުޅެނީ އޮކްސްފޯރޑް ކުލަޔަށްވުރެ ކޭމްބްރިޖް ކުލަޔާއެވެ. ޢާންމުގޮތެއްގައި އަޅުގަނޑަށް ކުރިންވެސް ތަޖުރިބާކުރެވިފައިވާ ގޮތުގެ މަތިން ، މރ. އަމީންދީދީއާއެކު ، އެއްބަސްވުމުގެ ތަފުޞީލުތަކަށްދިއުމުގައި ، މާބޮޑު ޚިޔާލުތަފާތުވުންތަކެއްނެތި ، ދާދިއަވަހަށް ނިމިއްޖެއެވެ. ތަންކޮޅެއްކުރިން ، އަޅުގަނޑުމެން ކޮޅުނބުގައި ވާހަކަދައްކައި ، ވަގުތީ ޕްރޮގްރާމެއް އޮންނާނީ ރާވާލާފައެވެ. އެހެންނަމަވެސް ، އިތުރަށް ތަފުޞީލުކުރަންޖެހޭ ބައެއް ނުކުތާތައް އޭރުވެސް ހުއްޓެވެ. މުނިފޫހިފިލުވުމުގެ ޙަރަކާތްތަކާއި ބައެއް ރަސްމިއްޔާތުތަކާބެހޭގޮތުން އިތުރަށް ވާހަކަދައްކަން ޖެހުނެވެ. މރ. އަމީންދީދީ އެނބުރި އެއްގަމަށް ވަޑައިގަތީ ހަވީރު 5.30 ގައެވެ.

  1. ވަރަށް ހަމަހިމޭން ހަވީރެއް ، އަޅުގަނޑުމެން ، މަނަވަރުގައި ހޭދަކުރީމުއެވެ. މރ. އަމީންދީދީގެ ރަސްމީ ގެކޮޅުގައި ރޭގަނޑު މަޑުކޮށްލެއްވުމަށް ، ވަރަށް ދީލަތިފުޅުކަމާއެކު ، މރ. އަމީންދީދީ އަޅުގަނޑުމެން ދެމަފިރިންނަށް ދަޢުވަތު ދެއްވިއެވެ. އެހެންނަމަވެސް ، ތަފާތު ސަބަބުތަކަށްޓަކައި ، ރޭގަނޑު މަނަވަރުގައި މަޑުކުރުމަށް އަޅުގަނޑުމެންނަށް އެންގުނެވެ. ޖަޒީރާ ޤައުމުތަކުގެ އާދައިގެމަތިން ، ވަރަށް އަވަހަށް ރޭވެ އަނދިރިވެއްޖެއެވެ. އެހިނދު އަޅުގަނޑުމެންނަށް ފެނުނީ ، މަނަވަރު ސިފައިން ހާމަކުރިފަދައިން ، މާލޭގެ ކުޑަކުޑަ ފަޅުތެރެ ، ސްޓޭޖެއްގެ އަލިގަދަ އަސަރުތަކެއްފަދަ މަންޒަރަކަށް ، ބަދަލުވެގެން ދިޔަތަނެވެ. އިންޑިއާކަނޑުން ، ހަމައެކަނި ކަރަންޓް ފެނުންފިޔަވާ ، ނިވިދިއްލޭ އަލިތައް ފެނިގެންދިއުންވީ ވަރަށްބޮޑު އަޖައިބަކަށެވެ. އެހެންނަމަވެސް އެއީ ، ވަޔަރުލެސް ސްޓޭޝަން ގޮތަށް ، ކާމިޔާބު ބޮޑުވަޒީރުގެ ، އުފެއްދުންތެރި ޚިޔާލުފުޅުތަކުގެ ނަތީޖާއެވެ.

31 ޑީސެމްބަރ 1952، ބުދަދުވަހުގެ ހެނދުނު

އިޙުތިރާމުގެ ރަސްމީ ޒިޔާރަތްތައް

 ޖެހިގެން އައި 31 ޑިސެމްބަރވީ ބުދަދުވަހުގެ ހެނދުނު 9 ޖެހިއިރު ، މރ. އަމީންދީދީ ، އަޅުގަނޑަށް އިޙުތިރާމުގެ ޒިޔާރަތެއް ކުރެއްވިއެވެ. މިރަސްމިއްޔާތަށް ، މރ. އަމީންދީދީ ވަޑައިގަތީ ، ދައުލަތުގެ ރަސްމީ މައި ބާޖުގައެވެ. މިބާޖަކީ ، ސިލޯނުގެ ކުރީގެ ގަވަރުނަރު ، މާލެވަޑައިގަންނަވާ ފަހަރުފަހަރަށް ، ކުރީގެ ދުވަސްތަކުގައި ބޭނުންކުރެއްވި އުޅަނދާ މުޅިންހެން އެއްގޮތަށް ފަރުމާ ކުރެވިފައިވާ އުޅަނދެކެވެ. މިދެންނެވި ބާޖަކީ ، ސިލޯނުގެ ކުރީގެ ގަވަރުނަރުގެ ފަރާތްޕުޅުން ، ދިވެހިރާއްޖޭގެ ރަދުންނަށް ވެދުމަށް އަރުވާފައިވާ އުޅަނދެކެވެ.  މިފަހަރު މިއައި ބާޖުވެސްވަނީ ، އަތްކަންކޮށް ، ތޫނު ކަނޑިއެއްގެމިޔަފަދަ ހިމަ ރޮނގުތަކުން ކުރެހުންއެޅި، ވަރަށްބޮޑަށް ޒީނަތްތެރި ކޮށްފައެވެ. މި އުޅަނދުގައި ފަލިޖަހަންތިބީ ފިރިހެނުންނެވެ. ހުދުހެދުމުގައި ރަތްކުލައިގެ ފޮށައެއް އޮޅައިގެންނެވެ. މިއުޅަނދުގެ ފަލިތައް ، ކުރީދުވަހު ފެނުނު އުޅަނދުގެ ފަލިތަކަށްވުރެ ރީތިވެފައި ،  ޒީނަތްތެރި ކުރެވިފައިވާލެއް ފުރިހަމައެވެ. މިރަސްމިއްޔާތުގެ މުހިންމުކަން ހާމަކުރުމުގެގޮތުން ، އިތުރު ، އެހެނަސް ކުޑަ ދެބާޖެއް ، މިފަހަރު އިތުރަށް އައެވެ. އެޗް. އެމް. އެސް . ސިލޯނުން ، މރ. އަމީންދީދީއަށް ފުރިހަމަ ޢިއްޒަތާއެކު އިސްތިޤްބާލު ކުރެވުނެވެ. ޝާހީ ކަނޑުގެ ލަޝްކަރުގެ ސިފައިންގެ ބޭންޑްގައި ، ދިވެހި ޤައުމީ ސަލާމް ކުޅެވުނެވެ. އަދި ގާރޑް އޮފް އޮނަރ އެއްވެސް ، މރ. އަމީންދީދީއަށް އެރުވުނެވެ. އޭގެފަހުން ، އަޅުގަނޑަށް ، އިޙުތިރާމުގެ ޒިޔާރަތް  އަދާކުރެއްވުމަށްޓަކައި  ، މރ. އަމީންދީދީ އަޅުގަނޑުގެ ކޮޓަރިއަށް ގެންދެވުނެވެ. އެމަނިއްޕުޅު ހުންނެވީ ، އިނގިރޭސީންގެ ހެނދުނުގެ ހެދުމަކުން ވަރަށް ބޮޑަށް ނަލަހެދިވަޑައިގެންނެވެ. އަރިހުގައި ، ސިފައިންގެ ހެދުމުގައިހުރި ، ވަރަށް ޒުވާން އެއިޑް ޑި ކޭމްޕް އެއް ބައިވެރިވިއެވެ. އިޙުތިރާމުގެ ޒިޔާރަތް ނިމި ، ދައުލަތުގެ ބާޖު މަނަވަރާ ދުރަށް ޖެހިލުމުން ، އެމަނިއްޕުޅަށް ޙައްޤު ، ބަޑީގެ ސަލާމެއް އެރުވުނެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.