ދުނިޔޭގެ ވަރަށް ގިނަ ބަސް ބަހުގައި (Language) ބަސްތައް (ކަލިމަ، ނުވަތަ ލަފުޒު) އެތުރެމުން ދާއިރު ބައެއްފަހަރަށް ކަލިމައެއްގައި އޮންނަ އެއް އަކުރު، އެހެން އަކުރަކަށް ބަދަލުވަމުންދާ ގޮތް ދިމާވެއެވެ. އެއީ އެތަކެއް ސަބަބުތަކާ ހުރެއެވެ. މީގެ ސަބަބެއް ކަމަށް ބަހުގެ މާހިރުން ވިދާޅުވެފައި ވަނީ:
(ހ) ދުލަށް ފަސޭހަ ވުމަށާއި ބަސް ކުރުކުރުމުގެ އުޞޫލަށް ތަބާވަނީ ކަމުގައެވެ. ވަކިން ޚާއްޞަކޮށް ބަހަށް އައު މާނައެއް އިތުރު ކުރުން ވެސް އޭގައި ހިމެނިގެން ވެއެވެ.
(ށ) އަަދި ބައެއްފަހަރަށް ބަސް ދެމިއޮތުމުގައި ޒަމާންތަކެއް ވެއަތުވެ ދިއުމުން މީސްތަކުންގެ ދޫދޫމަތިން އެއް އަކުރުގެ ބަދަލުގައި އަނެއް އަކުރެއް ފާޅުވެ އެއީ ޤަވާޢިދަކަށް ފެތިގެން ކުރިއަށް ދާންފަށައެވެ.
(ނ) ބައެއްފަހަރު މިގޮތަށް ބަދަލުވާން ދިމާވަނީ ބަހުގެ ދަރިންނާއި އެހެން ބަހެއްގެ ދަރިންނާ ނުވަތަ އެއްބަހެއްގެ ދެ ބަހުރުވައިގެ ދަރިންތައް މަސްހުނި ވުމުގެސަބަބުން، އެއުރެންގެ މެދުގައި ވާހަކަދެއްކުމަށް ދިމާވާ ގައިގޯޅިވުންތަކުގެ ނަތީޖާ އަކުންނެވެ. ދެން މިދެބަހުގެ ދެމެދުގައި ނުވަތަ މި ދެބަހުރުވައިގެ ދެމެދުގައި ބަހަވީ އަރައިރުމެއް ހިނގަމުން ދިއުމުގެ ނަތީޖާއަކަށް އަންނަނީ އެބަހުގެ އަސަރު މިބަހަށް ކޮށްގެން މިބަހުގެ ކޮންމެވެސް އަޑެއް ބަދަލުވާގޮތް ވުމެވެ. އެއް އަޑުގެ ބަދަލުގައި އަނެއް އަޑެއް ބޭނުންވާން ފެށުމެވެ. މިއީ ދުނިޔޭގެ ވަރަށް ގިނަ ބަސްބަހުގައި މިކަން ހިނގަމުންދާ ގޮތެވެ. މީގެ މިސާލުތައް ވަރަށް ގިނައެވެ. އެއް މިސާލަކަށް /ސ/ މިއަކުރު ބަޔާން ކޮށްލާނަމެވެ. އާދެ، /ސ/ ބަދަލުވާ ގޮތް ވަނީ /ހ/ އަކަށެވެ. މިއީ ސާންސްކްރިތުގެ ގިނަ ބަސްތަކުގެ ޠަބީޢަތާ ގުޅިފައިވާ ކަމެކެވެ. މިސާލަކަށް: ދޯބުރާލިއެވެ. މިއީ ސައިގިރާން ބޭނުން ކުރާ ހަކުރެވެ. /ހަކުރު/ މިކަލިމައަކީ އަޅުގަނޑު ދަންނަވާނީ ބައިނަލް އަޤްވާމީ ކަލިމައެއް ކަމަށެވެ. މިއީ ދުނިޔޭގެ ގިނަ ބަސްބަހުގައި އެކި ގޮތްގޮތަށް ކުޑަ ބަދަލަކާއެކު ބޭނުންވެވޭ ކަލިމައެކެވެ. 125 ބަހެއްގައި މިބަސް އަޅުގަނޑު ހޯދާލީމެވެ. %97 ބަސްތަކުގައި މިކަލިމަ ބޭނުންކުރެވެނީ ކުޑަކުޑަ ތަފާތަކާއެކު އެއްގޮތަކަށެވެ. ޚާއްޞަކޮށް ހުޅަނގުގެ ބަސްތަކުގައެވެ. އެބަސްތަކަށް ބަލާއިރު /ޝައްކަރު/ /ސައްކަރު/ /ސުއްކަރު/ /ޝުގަރު/ /ސުގަރު/ /ޝުގަރ- ޝުގާ/ /ހަކެރެ/ /ހުއްކަރު/ /އަސުގާރު/ /ސޮއިކަރު/ /ޝެގޭރ/ /ސެކަރ/ /ހަކުރު/ /ސުކަރ/ /ޝަޖޭރް/ /ސައިކަރ/ /ޝަކަރަވާސް/ /ޝެކެރް/ /ސެޝެރް/ /ސުއިކަރް/ /ސުކެރޯ/ /ސުއްކުރް/ /އަސުކަލް/ /ސޮކަރިއާ/ /ޝަކަރީ/ /ސުކާ/ /ސިކުރް/ /ޒުއްކެރޯ- ސުއްކެރޯ/ /ސައްކަރޭ/ /ސްކަރީ/ /ޝަކްޝާރޫ/ /ސުކޮސް/ /ސުކްރަސް/ /ޒޮކަރް/ /ޒޮއްކަރް/ /ޝެކެރް/ /ހުކަ/ /ސައްކަހރް/ /ޒާހަރް/ /ޝެޗާސް/ /ސަރްކަރޭ/ މިގޮތަށް ގޮަސް އެތަކެއް ބަހެއްގައި މިކަލިމަ އެބަ ބޭނުން ކުރެވެއެވެ. އެކަމަކު ބައެއް ބަސްތަކުގައި އެނޫން ގޮތްގޮތަށް ވެސް ބޭނުން ކުރެވިފައި އެބަހުއްޓެވެ. މިސާލަކަށް ގްރީކް ބަހުގައި ޒާހަރީއެވެ. ގްޖްރާތީީގައި ކާހންއެވެ. ހިންދީ، ނޭޕާލް، ޕަންޖާބީ މިބަސްބަހުގައި ޗީނީއެވެ. އަދި ފާރީސީއާއި ޕަންޖާބީގައި ޤަންދުވެސް ބޭނުން ކުރެވެއެވެ. އިންޑޮނޭސިޔާއާއި ޖާވާއާއި މެލޭ ބަހުގައި ގުލާއެވެ. ކަޒަކްބަހުގައި ގަންޓްއެވެ. ކޮރެއާ ބަހުގައި ސޮއިލްތަންގްއެވެ. ލާއޮބަހުގައި އޮތަންއެވެ. މަލިޔާޅަމްބަހުގައި ޕަންޗަސާރާއެވެ. މިޔަންމާބަހުގައި އެޗާންއެވެ. ޕޮސްތޫ ބަހުގައި ބޫރާއެވެ. ސިންގަޅަބަހުގައި ސީނީއެވެ. ސޯމާލީ ބަހުގައި ސުންކަަރްތާއެވެ. ސްޕެނިޝްބަހުގައި އަސޫކަރއެވެ. ތައިބަހުގައި ނަންތާންލ އެވެ. ދިވެހިންގެ ދެކުނު ބަހުރުވަތަކުގައި ކިޔައި ހަދަނީ ދޯބުރާލިއެވެ. އެއީ ހަމައެކަނި ފުއްފުކަށް ހުންނަ ހަކުރެވެ. ސައި ގިރާ ހަކުރެވެ.
(ރ) އަދި ބައެއް ފަހަރާ ކަލިމައެއްގައި އޮންނަ އަޑު ނުވަތަ އަކުރު އެހެން އަޑަކަށް ނުވަތަ އަކުރަކަށް ބަދަލުވާގޮތް ވެއެވެ. އެއީ އެއް ކަލިމައާ އަނެއް ކަލިމައާ ގުޅުވައިގެން ގެންދެވޭ ޙާލަތުގައެވެ. މިއީ މިމަޒުމޫނުގައި އަޅުގަނޑު އިޚްތިޔާރު ކުރި އަޞްލު ބަހުސެވެ. /ސީނު/ /ހާ/ އަކަށް ބަދަލުވާވުމެވެ. އަޑާއި އަކުރާ އެކުގައެވެ. މީގެ މިސާލުތަކަކީ ހާސް ހާހެއް، ގަސް ގަހެއް، މަސް މަހެއް، ކަސް ކަހެއް، ކޮސް ކޮހެއް، ކެސް ކެހެއް، ބޮސް ބޮހެއް، ޅޮސް ޅޮހެއް، ފަސް ފަހެއް، ފާސް، ފާހެއް، ގޭސް ގޭހެއް، ޖޫސް ޖޫހެއް، ބޭސް ބޭހެއް، ބަސް ބަހެއް، ކަސް ކަހެއް، ދަސް ދަހެއް، ޅިސް ޅިހެއް، ސާޅީސް ސާޅީހެއް، އަސް އަހެއް، އިސް އިހެއް، ހުވާސް ހުވާހެއް، ހާސް ހާހެއް، ކިލާސް ކިލާހެއް، މިފަދަ ބަސްތަކެވެ.
ބަޔާންވެދިޔަ ކަލިމަތައް ބަދަލުވުމާމެދު ރަނގަޅަށް ވިސްނާލާއިރު އެކަލިމަތައް ބަދަލުވަމުން ދަނީ ވަރަށް ފުރިހަމަ އުޞޫލުތަކަކާއި ޤަވާޢިދުތަކެއްގެ ދަށުންނެވެ. އެ އުޞޫލުތަކާއި ޤަވާޢިދުތައް ފޮތެއްގައި ޤަލަން ކުރެވިފައި ނެތްކަމުގައި ވިއަސް އެއީ ދިވެހި ބަހުގައި ޢަމަލުވަމުން، ހިނގަމުންދާ ޤަވާޢިދެވެ. މިބަހީ މިފަދަ /ސ/ އެއް އެހެން އަކުރަކާ ގުޅުވޭއިރު /ހ/ގެ އަޑަށް /ސ/ގެ އަޑު ބަދަލުވާނެއެވެ. ނިކަން އަންނަނިވި ޤަވާާޢިދުތަކާމެދު ވިސްނާލަމާ ހިނގާށެވެ. އެއީ:
(1) /ސ/ ސީނެއް، ކަލިމައެއްގެ ނިމޭ ކޮޅުގައި އޮވެ ސަބަބަކާ ލައިގެން އަކުރެއް އިތުރުވުން. މިސާލަކަށް ބަސް، ހާސް، ކީސް. (އަދި އަކު ބަހެއް ނާދެއެވެ. އަހަރެން ހާހެއް ނުވެއެވެ. މިގެއަކު ކީހެއް ނެތެވެ.)
(2) ކަލިމައެއްގެ ނިމޭ އަކުރަކަށް އޮންނަ ސީނަކީ ސުކުންވެގެންވާ ސީނަކަށް ވެފައި، އޭގެފަހުގައި ސުކުނެއް އައުން. މިސާލަކަށް /ގަސް: ގަހުން، ގަހެއް، ގަހަށް، މިއެވެ.
(3) މިބުނެވުނު ސީނު ކަލިމައިގެ ނިމޭ އަކުރަކަށް އޮތްކަމުގައި ވިއަސް ސުކުން ނުވާނަމަ އެސީނެއް ހާ އަކަށް ބަދަލު ނުވާނެއެވެ. މިސާލަކަށް: ސަމާސާ. މިކަލިމަ ކިއުމުގައި ސަމާހާ ނުވަތަ ސަމާހެއް މިގޮތަށް ނުކިޔެވޭނެވެ. އެބަސް ކިޔަންވާނެ ގޮތަކީ ސަމާސާއެއް މިހެންނެވެ.
(4) އަދި މިބުނެވުނު /ސ/ ކަލިމައެއްގައި ސުކުންވެގެން އޮތްކަމުގައި ވިއަސް ކަލިމައިގެ މެދުތެރޭގައި އެ ސީނު އޮތް ކަމުގައި ވާނަމަ /ހ/ އަކަށް /ސ/ ބަދަލު ނުވާނެއެވެ. މިސާލަކަށް ނާސްތާ.
(5) ކަލިމައެއްގެ ފަހަތަށް ސީނު ސުކުނެއް އޮތް ކަމުގައި ވިއަސް އެކަލިމައަކީ އެއްމާނަ ދޭހަކޮށްދޭ ގުޅިފައިވާ ކަލިމައަކަށް ވާނަމަ އެ /ސ/ /ހ/ އަކަށް ބަދަލު ނުވާނެއެވެ. މިސާލަކަށް ގޭސްގަނޑު، ރާސްޓަސް، ހާސްބައި ބާސްމަތީ، އަސްވާރު، ބަސްބަހީ، މިއެވެ. މިމިސާލުތަކުގައި އޮތް ސީނު، ހާއަކަށް ބަދަލު ނުވާނެއެވެ.
(6) ކަލިމައެއްގެ ފަހަތުގައި ސުކުންވެގެންވާ ސީނެއް އޮތް ކަމުގައި ވިއަސް އޭގެ ކުރީގައި ބައިލީނެއް ނެތުން. މިތާގައި ބައިލީނުގެ މުރާދަކީ އިނގިރޭސި ބަހުގައި އޮންނަ (Semi Vowel) އެވެ. މިސާލަކަށް އައިސް. މިތާގައި އައިހެއް މިގޮތަކަށް ނުބުނެވޭނެއެވެ. އެއީ /ސް/ގެ ކުރީގައި ބައިލީނެއް (Semi Vowel) އޮތީތީއެވެ. އެކަމަކު އައުން އިން އުފެދިފައިވާ އައިސް މިބަހުގެ ފަހަތަށް އެއް، ގެނައުމުން /ހ/ އަކަށް ބަދަލުވާނެއެވެ. މިސާލަކަށް ކަލޭ މިގެއަކަށް އައިހެއް ނޫޅެއެވެ.
(7) އެބަހަކީ ވަކި ބަހެއް ކަމުގައި ވިއަސް ދޭހަވާ މާނަ ބަޔާންކޮށްދެނީ އެހެންބަހަކާ ގުޅިގެން ކަމަށް ވާހިނދު އެގުޅުނު ބަސް، ދެވަނަ ބަހާ އެކު އޮންނަ ބަހަކަށް ނުވުން. މިސާލަކަށް: /ހަސް/ އާއި /ފަސް/ އާއި މިއީ ދެބަސް ކަމުގައި ވިއަސް /ހަސްފަސް/ ބުނެވޭއިރު އެއޮތް /ހަސް/ /ހ/ އަކަށް ބަދަލު ނުވާނެއެވެ. ހަމައެހެންމެ /ބާސްމަތީ/ މިތާގައި މިއޮތް /ސ/ ވެސް /ހ/ އަކަށް ބަދަލު ނުވާނެއެވެ.
(8) ގުޅިފައިވާ ބަހަކީ އެދެބަސް ވަކިކުރުމުން ވަކި ދެމާނަ ފުރިހަމައަށް ބަޔާންކޮށްދޭ ބަހަކަށް ނުވުން. އެގޮތަށް ވަކި ދެމާނަ ބަޔާން ކޮށްދޭނަމަ އެބަހުގައި އޮންނަ /ސ/ /ހ/ އަކަށް ބަދަލު ކުރެވޭނެއެވެ. މިސާލަކަށް: ގަސްކެނޑުން މިއެވެ. މިތާގައި ދެބަސް ވަކި ކުރުމުންވެސް ފުރިހަމަ މާނަ ދޭހަވާތީ މިތާގައި މިއޮތް /ސ/ /ހ/ އަކަށް ބަދަލު ކުރެވިދާނެއެވެ.
(9) ކަލިމަ ތަކްރާރު ވުމުގައި ތާއީދުގެ މާނަ ދޭހަކޮށް ދިނުމުގެ ގޮތުން ބަސް އެކުލަވާލެވިފައި ނެތުން. މިސާލަކަށް ޗިސްޗިސް. މިތާގައި މިއޮތް އެއްވެސް /ސ/އެއް /ހ/ އަކަށް ބަދަލު ނުކުރެވޭނެއެވެ.
(10) އެކަލިމައަކީ ތާއީދުގެ އަކުރަކަށް ނުވުން. މިސާލަކަށް އެއްވެސް، މަވެސް، ވިއަސް، ކިޔަސް، ބެޔަސް، ބެއްޔަސް، މިއެވެ.
(11) ގުޅިފައިވާ ދެ ކަލިމަ ވަކިވަކި ދެމާނަ ދޭހަކޮށްދިން ކަމުގައި ވިއަސް ގުޅުވައިލުމުން މުރާދުކުރެވޭ އެއްޗެއްގެ "ނައުޢު" (Description) ކަމުގައިނުވުން. މިސާލަކަށް ކީސްކުނޑި، ޖޫސްބުއިން، މަސްވެރިކަން، މަސްފަހިވުން، މިއެވެ.
(12) ބަޔާންވެދިޔަ އުޞޫލުތަކުގެ އިތުރުން ކަލިމައެއްގައި އޮންނަ /ސީނު/ /ހާ/ އަކަށް ބަދަލުވުމުގެ އެންމެ މުހިންމު ޝަރުޠަކީ، އެކަލިމަ ޢާއްމު ގިނަ މާނައިން ޢާއްމު އެކަހެރި މާނައަކަށް ބަދަލު ކުރުމެވެ. މިސާލަކަށް 'ބިސް' މިއީ ޢާއްމު ގިނައެއްޗެހި ނުވަތަ (ނައުޢު) މުރާދު ކުރެވޭ ބަހެކެވެ. ނަމަވެސް ބިހެއް ބުނުމުން ކަލިމައިގެ މާނަ ޢާއްމު އެކަހެރި މާނައަށް ފުރޮޅިގެން އަތުވެދެއެވެ.
ޚުލާޞާއަކީ ދުނިޔޭގެ އެހެނިހެން ބަސްތައް ފަދައިން ދިވެހި ބަހަކީ މިފަދަ ޤަވާޢިދުން ފުރިގެންވާ ބަހެކެވެ. އަޅުގަނޑުމެންނަށް އޭގެ ސަބަބާއި ޤަވާޢިދު ނޭގުނު ކަމުގައި ވިއަސް ޢާއްމުކޮށް އަޅުގަނޑުމެން އެބަސްތައް ބޭނުން ކުުރަމުން ދަނީ އެޤަވާޢިދުތަކުގެ ދަށުންނެވެ. މިއީ ބަހުގެ އުޞޫލެވެ. އެއްވެސް ޙާލެއްގައި މިއުޞޫލުތަކާއި ޤަވާޢިދުތަކާ ޚިލާފަށް ދަނެގެން އިދިކޮޅު ހެދުމަކީ ބަހުގެ ގޮތުން ހުއްދަވެގެންވާނޭ ކަމެއް ނޫނެވެ. އަދި އެއުޞޫލާ ޚިލާފަށް ބަސް ބޭނުންކޮށްގެން ނުވާނެއެވެ. އޭރުން އެފަދަ ޢަމަލެއްގެ ސަބަބުން މުޖްތަމަޢުގައި ޤުދުރަތާ ގުޅިގެން އެކަލަވާ ލެވިފައި އޮތް މާދަރީ ބަހަށް ނުހަނު ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިދާނެއެވެ.