ތިބާގެ ހަނދާނުން މާދަރީބަސް ފޮހެވިގެން ހިނގައިދާނެބާ؟

ޖަރުމަންވިލާތަށް އުފަން، ނަމަވެސް މިހާރު އިނގިރޭސިވިލާތުގައި ދިރިއުޅުއްވާ (ޔުނިވަރސިޓީ އޮފް އެސެކްސްގައި ކިޔަވައިދެއްވާ) ޕްރޮފެސަރ މޮނިކާ ޝްމިޑްލިޔުއްވާ ގޮތުގައި، “މިވަގުތު އަޅުގަނޑު އިށީދެގެން މިއިނީ ލަންޑަނުގައި އަޅުގަނޑު ދިރިއުޅޭ ގޭގެ ބަދިގޭގައެވެ. ޖަރުމަނުގައި، އަޅުގަނޑުމެން ދެބެންގެ އުފަން ރަށުގައި މިހާރުވެސް ދިރިއުޅޭ އަޅުގަނޑުގެ ބޭބެ ފޮނުވި ކުރު މެސެޖެށް ފޯނުން ކިޔާށެވެ. އަޅުގަނޑުމެން ދެބެން ވާހަކަ ދައްކައި މެސެޖު ފޮނުވައި އުޅެނީ އަޅުގަނޑުމެންގެ މާދަރީ ޖަރުމަން ބަހުންނެވެ. ޖަރުމަން ބަހަކީ ވަރަށް މުއްސަނދި ބަހެކެވެ. އެހެން ބަސްބަހުގައި އެއްގޮތަކަށްވެސް ބޭނުން ނުކުރާ ލަފުޒު އަޅުގަނޑުމެންގެ ބަހުގައި ވަރަށް އާންމެވެ. ނަމަވެސް މިފަހަރު، ބޭބެގެ މެސެޖުގައި އޮތް ލަފުޒެއް އަޅުގަނޑު މީގެ ކުރިން އަޑުއެހި ހަނދާނެއް ނެތެވެ. އެއީ Fremdschämen މި ލަފުޒެވެ. އެ ވަގުތުގައި  އަޅުގަނޑަށް އެ ލަފުޒުގެ މާނަ ޔަގީން ނުވިނަމަވެސް ބޭބެ ގާތުގައި އަހައިގެން އޮޅުންފިލުވާ ހިތެއް ނުވިއެވެ. ބޭބެގެ ކުރިމަތީގައި ދެރަމީހަކަށް ނުވާން ވެގެންނެވެ! ހިތި ހަގީގަތަކީ، އުފަން ރަށުން ބޭރުގައި މާ ގިނަ އަހަރުތަކެއް ހޭދަ ކުރެވިފައި ވުމުން، އަޅުގަނޑުގެ އުފަން މާދަރީބަސް ވެސް ބައެއް ފަހަރު ބީރައްޓެހި ވަނީއެވެ.”

)ޖަރުމަން ބަހުގައި Fremd ގެ މާނައަކީ ބިދޭސީ ނުވަތަ ބީރައްޓެހި މި މާނައެވެ. schämen ގެ މާނައަކީ ލަދުގަތުމެވެ. މުޅި ލަފުޒުގެ މާނައަކީ ނުދަންނަ ދުރު މީހަކު ކުރި ކަމަކާހުރެ ތިމާ ލަދުގަތުމެވެ! (

އަމިއްލަ ގައުމު ދޫކޮށް އެހެން ގައުމަކަށް ހިޖުރަކޮށް ދެވަނަ ގައުމުގައި ދިގު މުއްދަތެއް ހޭދަކޮށްފައިވާ ގިނަ މީހުންނަށް އިހްސާސް ކުރެވޭނެ ފަދައިން އަމިއްލަ މާދަރީ ބަސް ބޭނުންކުރުމުގައި އެކި މިންވަރުގެ އުނދަގޫ އިހްސާސްވާން ފަށައެވެ. އަމިއްލަ ރަށުން ބޭރުގައި ގިނަ ދުވަސް ވީވަރަކަށް އަމިއްލަ މާދަރީ ބަހަށް ކޮށިވާނޭކަމަށް ގަބޫލު ކުރެވުމަކީ ވަރަށް އާންމު ކަމެކެވެ. ނަމަވެސް އެއީ އެހައި ބޮޑަށް ހަމަ އެންމެ ކަމަކާ ގުޅިފައިވާ ކަމެއް ނޫނެވެ.

ހަގީގަތުގައި ތިމާ އެންމެ ފުރަތަމަ ވާހަކަދައްކަން ފެށި މާދަރީބަސް، އެބަހުން ވާހަކަ ދައްކައި އުޅޭ މީހުންނާ ދުރުގައި އުޅެންޖެހުމުން ހަނދާން ނެތޭ ސަބަބާއި، އެއީ ކިހައި ދުވަހަކުންތޯ އާއި ކީއްވެކަން  ބަލާއިރު ފެންނަނީ ވަރަށް ހައިރާންވާ ކަހަލަ ސަބަބު ތަކެކެވެ. އަމިއްލަ ރަށުން ބޭރުގައި ހޭދަ ކުރާ މުއްދަތަށްވުރެ، ރަށް ދޫކޮށް ދާންޖެހުނު ސަބަބު ބައެއްފަހަރު މާ މުހިންމެވެ. ފަހުން ހިޖުރަ ކުރި ރަށުގައި އުޅޭއިރު ބައްދަލުވާ ރަށުމީހުންގެ ސަބަބުން މާދަރީ ބަސް އިތުރަށް ހީނަރުވެފައިވެސް އެބަހުއްޓެވެ. ރަށުން ބޭރަށް ނުގޮސް ދެވަނަ ބަހެއް ދަސްކުރާ ބައެއް މީހުންގެ ކިބައިންވެސް މާދަރީ ބަހަށް ކޮށިވާކަން ފާހަގަ ކުރެވެއެވެ.

އިނގިރޭސި ވިލާތުގެ ޔުނިވަރސިޓީ އޮފް އެސެކްސްގައި ކިޔަވައިދެއްވާ ޕްރޮފެސަރ މޮނިކާ ޝްމިޑް ވިދާޅުވާ ގޮތުގައި “ތިބާ ދެވަނަ ބަހެއް ދަސްކުރާން ފަށާ ހިސާބުން އެއްބަސް އަނެއް ބަހާ ވާދަކުރަން ފަށައެވެ” !

އިހުގައި ބަހަކަށް ހުރި ތޫނުކަން އެކި ސަބަބުތަކާހުރެ މަޑުމަޑުން ގެއްލެމުންދާ ސަބަބުތައް ދިރާސާކުރާ އިލްމުވެރިން މިހާރު އަންނަނީ އިތުރުވަމުންނެވެ. ޕްރޮފެސަރ މޮނިކާ ޝްމިޑް އަކީ، ތިބާގެ މާދަރީބަސް މަޑުމަޑުން ހަނދާންނެތޭ ސަބަބުތައް ދިރާސާ ކުރެއްވުމުގައި ފިސާރި ކުރީގައި އުޅުއްވާ އިލްމުވެރިކެވެ. ކުޑަކުދީންނަށް މިހެން ދިމާވުމަކީ ގިނަމީހުންނަށް ފަސޭހައިން ވިސްނޭ، އަދި ބަލައިގަނެވޭ ކަމެއްވެސް މެއެވެ. އެއީ އެކުދިންގެ ޅަފަތުގައި ގުދްރަތީގޮތުން ހުންނަ އިތުރު ފަހެލި ކަމެއްގެ ސަބަބުން ބަސްބަސް ނަގައިގަންނަލެއް ފަސޭހަ ކަމުންނެވެ. ދިރާސާތަކުން ދައްކާގޮތުން، އުމުރުން ދޮޅަހަކަށް އަހަރުގެ ކުދިން، ޚާއްސަކޮށް ޅަފަތުގައި އަމިއްލަ ގައުމު ދޫކޮށް އެހެން ރަށަކަން ދާން މަޖުބޫރުވާކުދިން އެކުދީންގެ މާދަރީބަސް މުޅީން ހަދާން ނެތިފައި އެބަހުއްޓެވެ. ނަމަވެސް ބޮޑެތި މީހުންނަށް މިހެން ދިމާވަނީ ވަރަށް މަދު، ވަރަށް ނާދިރު ހާލަތްތަކުގައެވެ.

ފަހުން މިދެންނެވި ހާލަތްތަކުގެ މިސާލެއްގެ ގޮތުން ޕްރޮފެސަރ ޝްމިޑް ދިރާސާކުރެއްވީ ޖަރުމަން ވިލާތް ދޫކޮށް އިނގިރޭސިވިލާތާއި އެމެރިކާއަށް ހިޖުރަކުރި، ޖަރުމަނު ޔަހޫދީންނެވެ. އެއީ ހިޓްލަރުގެ އަނިޔާވެރިކަމުގެ ވަކިތަކުން ސަލާމަތްވާން އަމިއްލަ ރަށުން ފިލަން މަޖުބޫރުވި މީހުންނެވެ. މިމީސްމީހުން މާދަރީބަސް ހަނދާން ނެތެން ދިމާވި އެންމެ މުހިންމު ސަބަބުތަކަކީ، ރަށް ދޫކޮށް ހިޖުރަކުރި އިރު އުމުރުން ވީ ދުވަހެއް ނޫނެވެ. ބޭރުގައި ހޭދަވި މުއްދަތެއް ވެސް ނުމެނޫންމެއެވެ. މާދަރީބަސް ހަނދާނުން ފުހެވި އެބަހުގެ އަސަރު ފިލަން ދިމާވި އެންމެ ބޮޑު ސަބަބަކީ ހިޓްލަރުގެ އަނިޔާވެރި ސިޔާސަތުގެ ސަބަބުން ދިމާވީ ބިރުވެރިކަމެވެ! ހިޓްލަރުގެ އަނިޔާވެރިކަން އިންތިހާއަށް ދިޔުމުގެ ކުރިން، ނިސްބަތުން ތަންކޮޅެއް މަޑުމައިތިރި ދުވަސްވަރު ޖަރުމަން ދޫކޮށް ހިޖުރަކުރި މީހުން (ބޭރުގައި ދިގު މުއްތެއް ހޭދަ ކޮށްފައިވި ނަމަވެސް) މާދަރީބަހުން ވާހަކަ ދައްކައި އުޅޭލެއް ފަސޭހަކަން ޕްރޮފެސަރ ޝްމިޑް އަށް ފާހަގަ ކުރެވުނެވެ. މިއާ ޚިލާފަށް 1938ގެ ބިރުވެރި ކަމުގެ ފަހުން ރަށުން ފިލި މީހުން، މާދަރީ ޖަރުމަނު ބަހުން ވާހަކަދައްކައި އުޅެނީ ވަރަށް ކޮށިކޮންނެވެ. ބައެއް މީހުން އަމުދުން މާދަރީ ޖަރުމަންބަސް ހަނދާނެއް ނެތެވެ!

(Reichskristallnacht – އިނގިރޭސި ބަހުންނަމަ ” ކްރިސްޓަލް ނައިޓް ” ގެ ނަމުން މަޝްހޫރުވި، 1938ގެ އެ ބިރުވެރި ރޭގައި “އަމިއްލަ ބަޔަކު” ނިކުމެ ޔަހޫދީންގެ ފައްޅިތަކާއި އިސްކޫލުތަކާއި ގެދޮރުގެ އިތުރުން ޔަހޫދީންގެ ވިޔަފާރިކުރާ ތަންތަން ލޫޓުވައި މިދެންނެވި ތަންތަނުގެ ބިއްލޫރި ތަޅައި ސުންނާފަތި ކުރިއެވެ. އެ އަނިޔާވެރިކަމުގައި އެރޭ އެކަނިވެސް އެތައް ސަތޭކަ މީހުން މެރި ކަމަށްވެއެވެ. ފަތިސްވެ އަލިވިލުނުއިރު މަގުތައް ފުރިފައިވަނީ ފިސާރި ގަދަބަދަވި ކަމުގައި ތަޅާފައިވާ ބިއްލޫރިންނެވެ.  Kristallnacht /  ” ކްރިސްޓަލް ނައިޓް ” ކިޔުނު ސަބަބު މި ދަންނަވައިލީއެވެ. – ސަމީރު )

ޕްރޮފެސަރ ޝްމިޑް ލިޔުއްވާގޮތުގައި ފަހުން މި ދެންނެވުނު މީސްމީހުން، އެމީހުންގެ މާދަރީބަހާއި ދުރު ވެވުނީ ބޭ އިޚްތިޔާރުގައި، ޖަރުމަނުގައި ފެނުނު ހިތްދަތިކަމާ ދުރަށްދާން ނަފްސު އެދޭލެއް ބޮޑުކަމުންނެވެ. ތެދެކެވެ، ޖަރުމަނު ބަހަކީ އެންމެ ތުއްތު އިރުންސުރެ އެބައިމީހުން މޮށިއުޅުނު ބަހެވެ. ނަމަވެސް ހިތި ހަނދާންތަކެއްވެސް ހަމަ އެ ބަހާ ގުޅި ލާމެހިފައިވެއެވެ. އެ ހަނދާންތަކުން ދުރުވެވޭތޯ ހިތާއި ނަފްސުން ކުރެވޭ މަސައްކަތުގެ އަސަރު އަމިއްލަ ބަހަށް ފޯރީއެވެ. ލޯބިވާ ފަސްގަނޑުގެ ހަނދާން ފޮހެވެމުން ދިޔައީ ނުހަނު ލޯބިވި މާދަރީ ބަސްވެސް ހިފައިގެންނެވެ!

މިހެން މަދު ބަޔަކަށް ކަންތައް ދިމާވި ނަމަވެސް މިއީ އާންމު އުސޫލެއް ނޫނެވެ. އެއްގައުމުން އަނެއް ގައުމަށް ހިޖުރަ ކުރާ ގިނަމީހުން، މާދަރީ ބަހާއި، ފަހުން ދަސްކުރި ބަސްވެސް އެކު އެކީގައި ކަހަލަ ގޮތަކަށް ބޭނުން ކުރެއެވެ. ޅަފަތުގައި މޮށިއުޅުނު މާދަރީބަހަށް ކޮށިނުވެ ލިޔެ ވާހަކަ ދައްކައި އުޅުމުގައި ބައެއް މީހުންގެ ކިބައިގައި ގުދުރަތީ ގޮތުން އަށަގެންފައިވާ ހުނަރުގެ މުހިންމުކަންވެސް ފާހަގަ ވެއެވެ. ބަސް ބޭނުން ކުރުމުގެ ހުނަރަށް ގުދުރަތީ ގޮތުން މޮޅު މީހުން، އާ ބަސް ދަސްކުރާލެއް އަވަހެވެ. އަދި މާދަރީބަސްވެސް ތޫނުކަންމަތީ ބޭނުންކުރާކަން ފާހަގަ ކުރެވެއެވެ. ރަށުން ބޭރުގައި ހޭދަވި މުއްދަތުން، މިފަދަ މީހުންނަށް މާބޮޑު ނޭދެވޭ އަސަރެއް ނުކުރެއެވެ.

މިފަދަ މީސްމީހުންނަށް، ދެބަސް މަސްހުނި ނުކޮށް އެބަހެއް ބޭނުން ކުރަންވީ ތަނެއްގައި އެބަހެއް ފަސޭހަކަމާއެކު ބޭނުން ކުރާން އެނގެއެވެ. މިއީ ވަރަށް މުހިންމު ކަމެކެވެ. މިއީ ހަމަ އެކަނި އެއްބަހުން ވާހަކަ ދައްކާ މީހުންނަށް ދިމާވާނޭ ކަމެއް ނޫނެވެ. ނަމަވެސް ދެބަސް އެއްވަރަށް ބޭނުން ކުރަން ޖެހިފައިވާ މީހުންނަށް މިއީ ވަރަށް ބޭނުންތެރި އުކުޅެކެވެ.

ލަންޑަނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މީހުން އައިސް ވަޒަންވެރި ވެފައިވާ ބޮޑު ސަހަރެއްކަމުން ލަފާކުރެވޭގޮތުގައި 300 އެއްހާ ބަސްބަހުން އެކިމީހުން ވާހަކަ ދައްކައި އުޅެއެވެ. ލަންޑަން ކަހަލަ ސަހަރެއްގައި ދިރިއުޅުމުގައި ‘ ރަށުމީހުންނާ’ ގިނައިން ދިމާވާ މީސްމީހުންނަށް މިދެންނެވި ދެބަސް ވަކިން ގެންގުޅެން އުނދަގުލެވެ. ސަބަބަކީ އިނގިރޭސި ބަހުން ދެއްކިޔަސް، ރަށުބަހުން ދެއްކިޔަސް، ދެބަސް މަސްހުނިކޮށްގެން ދެއްކިޔަސް ފަސޭހައިން މޭރުން ވާނެކަން އެނގޭތީއެވެ. ލަންޑަން، ނިޔު ޔޯކް ފަދަ ސަހަރެއްގައި ރަށު މީހުންގެ ތެރޭގައި އުޅޭ  އިޓަލީ ވިލާތުގެ މީހަކު، މަސައްކަތުގައި އުޅެމުން (  އޭނާ މިއަދު ގެއިން ނިކުތީ ހަނދާނެތި، ކުޑަދޮރެއް ނުލައްޕާ ކަން ކުއްލިޔަކާ ހަނދާންވުމުން،   “!I forgot to close la finestra" މިހެން ބުނެވެއެވެ. ނަމަވެސް މިހެން ކުއްލި ހައިރާން ކަމެއްގައި ބަސް އޮޅުމާ، މާދަރީ ބަސް ހަނދާން ނެތުމާ ވަރަށް ތަފާތެވެ.

ޕްރޮފެސަރ ޝްމިޑް ލިޔުއްވާ ގޮތުގައި ގިނަގިނައިން މިހެން ދެބަސް މަސްހުނިކުރުން އާދަކޮށްފިނަމަ، ފަރިތަކޮށް އެއްބަހުން ވާހަކަދައްކައި އުޅެން  ސިކުނޑިއަށް އުނދަގޫވެއެވެ. ގިނަގިނައިން މިހެން މަސްހުނި ކުރާނަމަ ދޫ އޮޅުން އާންމުވެއެވެ.

ބަހުގެ އިލްމުވެރިން ދެކިލައްވާ ގޮތުގައި ބޭރުގައި އުޅުމުގެ ތެރޭގައި މާދަރީ ބަހަށް ކޮށިވުމަކީ މާބޮޑަށް ކަންބޮޑުވާންވީ ކަމެއް ނޫނެވެ. އެއީ އަނބުރައި ހޯދޭނެ ހުނަރެކެވެ. އަމިއްލަ ރަށަށް ގޮސް ގާތް ތިމާގެ މީހުންނާ އެކީގައި ދުވަސްކޮޅެއް ހޭދަ ކޮށްލުމުން އިސާހިތަކު އެ ހުނަރު އަލުން ލިބޭނެއެވެ.

އެންމެ ދެރަކަމަކީ އަޅުގަނޑުމެން އަމިއްލަ ވަޒަނުގައި ތިބެ، ކާބަފައިންގެ ފަރާތުން ވާރުތަވި އެންމެ މުހިންމު މާނަވީ ތަރިކައަށް ދޭންވާ ގަދަރާއި ޝަރަފު ނުދިނުމެވެ. މިކަމާ ވިސްނާ މީހުން އެންމެ ދެރަވާ އެއް ސަބަބަކީ މިރާއްޖޭގެ ސަރުކާރުތަކުން  ދިވެހިބަހަށް ވާ އިހުމާލެވެ. ކޮންމެވެސް މުނާސަބަތެއްގައި ދުވުމެއް ރޭވިޔަސް އެވީ ” ރަން” އަކަށެވެ. ދުވެމެކޭ ކިޔުމުން ބައިވެރިވާ މީހުން މަދުވާނެތޯއެވެ. ” ސްޕޮންސަރުން ހެސިޓޭޓްވެ ޝޯއަޕް މިނިމަމް” ވާނެތީ ބާއެވެ!

އަޙްމަދު ސަމީރު ޢަލީ
އަޙްމަދު ސަމީރު ޢަލީއަކީ މި ޒަމާނުގެ ލިޔުންތެރީންގެ ތެރެއިން ފާހަގަ ކޮށްލެވޭ މޮޅު ލިޔުންތެރިއެކެވެ. ޢިލްމީ ލިޔުންތަކާއި، އުފެއްދުންތެރި ލިޔުންތައް ލިޔުއްވުމުގައި ފުންނާބު އުސް ލިޔުންތެރިއެކެވެ. އޭނާގެ ލިޔުންތައް ކިޔައިލާން ފަސޭހަ ވެފައި ޢިބާރާތްތައް ނަލައެވެ. ފަށުއި އެމުނުމެއް ހުރެއެވެ. ލިޔުމުގެ ތެރެއަށް ކިޔުންތެރިޔާ ދަމައިގަންނަ ގޮތެއް ހުރެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.