ރާއްޖޭގެ މިނިވަންކަމަށް ކުރެވުނު ފިކުރީ ހަނގުރާމައިގާ ނުފެންނަ ޞަފުޙާތައް (10)

ފުރަތަމަ ޖުމްހޫރިއްޔާ އިޢުލާންކުރުމުގެ ރަސްމިއްޔާތަށް، އަމީންދީދީ ވަޑައިގަތުން 1 ޖެނުއަރީ 1953

 

 އިތުރުލިޔުން

ރައްޔިތުންގެ ފަރާތުން އިއްވެވި ޚިޠާބަށް ،  ޢިއްޒަތްތެރި ރައީސް ދެއްވި ޖަވާބު

1 ޖެނުއަރީ 1953

އަޅުގަނޑުގެ އެކުވެރިން އަދި އަޚުންނާއި އުޚުތުން!

ތިޔައެންމެ ކަލުންނާއި ކަނބަލުންގެ ފަރާތްޕުޅުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އެއިއްވެވި ޚިޠާބުގައި، އަޅުގަނޑާމެދު ބެހެއްޓެވި ގާތްކަމާއި، ވިދާޅުވި ހެޔޮބަސްތައް އަޑުއެހުމަށް، ދަތިވެފައިވާ ޙާލުގައިމެ، އުފަލުގެ ޝުޢޫރުތަކުން ހިތް އުތުރިއަރައިފިއެވެ.       އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، ތިޔައެންމެ ބޭފުޅުންނާއެކު ބައިވެރިވެ، އަޅުގަނޑުމެންގެ މި ލޮބުވެތި ފަސްގަނޑަށް ލެއްވި ރަޙުމަތްފުޅަށް،  ﷲ ސުބްޙާނަހޫ ވަތަޢާލާގެ މަތިވެރި ޙަޟުރަތަށް ޙަމްދުކޮށް، ޘަނާ ދެންނެވުމެވެ. ޙަމްދާއި ޝުކުރުހުރީ، އެންމެހައި ނިޢުމަތްތަކުގެވެރި ﷲ ގެ މަތިވެރި ޙަޟުރަތަށެވެ.

އެއްވެސް ޝައްކެއްނެތްގޮތުގައި، މިއަދަކީ، ދިވެހިތާރީޚުގެ އެންމެ މުހިންމު ޞަފުޙާތަކުން، ކުލަގަދަ ޞަފުޙާއެއް ހުޅުވިގެންދާ ދުވަހެވެ. އެދުވަހެއްގެ ތާރީޚު، ރަން އަކުރަކުން، އަޅުގަނޑުމެންގެ ތާރީޚުގެ ޞަފުޙާތަކުގައި ލިޔެވިގެންދާނެ ދުވަހެކެވެ.

އަޅުގަނޑުގެ އެކުވެރިން އަދި އަޚުންނާއި އުޚުތުން ! އަޅުގަނޑުމެންގެ ލޮބުވެތި ޤައުމުގެ ވެރިކަމުގެ ނިޒާމު ބަދަލުކުރެއްވުމަށްޓަކައި،  ތިޔައެންމެ ބޭފުޅުން އިއްތިފާޤުވެ، ނިންމަވާފައިވާ ނިންމެވުން، އަޅުގަނޑުގެ ހަނދާނުން ކައްސާލައިގެންނެއް ނުދާނެއެވެ. ހަމައެހެންމެ، އަޅުގަނޑުމެންގެ އިއްޔެއާމެދު ވިސްނައިލާއިރު، އަޅުގަނޑުމެން ފަޚުރުވެރިވި، ރަސްކަމުގެ ތަޚުތުގެމަތިންވެސް، ހަނދާން ނައްތައެއް ނުލެވޭނެއެވެ. އެ ތަޚުތަކީ، އައްސުލްޠާން މުޙަންމަދު ތަކުރުފާނުލް އަޢުޒަމް، އައްސުލްޠާން ޙަސަން ޢިއްޒުއްދީން އަދި އައްސުލްޠާން އިބްރާހީމް އިސްކަންދަރު ފަދަ ރަސްރަސްކަލުން، ރެދަލިކުރައްވާފައިވާ، ރަސްކަމުގެ ތަޚުތެވެ. އެ ތަޚުތަކީ، އަޅުގަނޑުމެންގެ ކާބަފައިންގެ ގޮތުގައި ހިމެނިވަޑައިގެންނެވި، މަތިވެރި ރަސްރަސްކަލުންނާއި ރަނިކަނބަލުން، ބަޠަލުންނާއި ބަޠަލާއިން، ވެޑުވި، ވެރިކަން ކުރައްވާފައިވާ މަތިވެރި ތަޚުތެވެ. އެ ތަޚުތަކީ، މިލޮބުވެތި ފަސްގަނޑަށްޓަކައި، ޤުރުބާންވެވަޑައިގެންނެވި، މަޝްހޫރު އަދި ޙަޤީޤީ ދަރިން، އެ ތަޚުތުގެ މަތިވެރިކަމާއި މާތްކަން ދެމެހެއްޓެވުމުން، މަޝްހޫރުވެފައިވާ އަގުހުރި ތަޚުތެވެ. ދިވެހި ތަޚުތުގައި ރެދަލިކުރެއްވި ބޭބޭފުޅުންގެ ނަންފުޅުތަކުގެ ތެރެއިން، އަޅުގަނޑުގެ ލޮބުވެތި ކާފާފުޅު، އަލްއަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނުގެ ނަންފުޅާއި، އަޅުގަނޑުގެ ލޮބުވެތި ބައްޕަ، އަލްއަމީރު އަޙްމަދު ދޮށިމޭނާ ކިލެގެފާނު، އަދި އަޅުގަނޑުގެ ބޮޑުބޭބޭފުޅު، އަލްއަމީރު ޢަބްދުލްމަޖީދު ރަންނަބަނޑޭރި ކިލެގެފާނުގެ ނަންފުޅު، އަދަބު އިޙުތިރާމާއި، ޚާޢްޞަ ފަޚުރުވެރިކަމަކާއެކު، ކުލަގަދަގޮތެއްގައި ފާހަގަ ކޮށްލަމެވެ.

ދިވެހިރާއްޖެޔަށް، މިއަދު ލިބިފައިމިވާ މިނިވަންކަމާއި އަމަންއަމާންކަމާއި، ފާގަތިކަން ގެނެސްދެއްވި، މިދެންނެވި އެންމެހައި އަބްޠާލުންގެ ޒިކުރާ އައުކޮށް، އެއެންމެ ބޭފުޅުންނަށް، އަޅުގަނޑު، އަދަބު އިޙުތިރާމުން  ކުރުނީސް ކުރަމެވެ. މާތް ﷲ، އެމަތިވެރި އެންމެހައި އަބްޠާލުންގެ ފުރާނަފުޅަށް ރަޙުމަތުގެ ވާރޭ ވެއްސަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ!

އެ މަތިވެރި އަބްޠާލުން، މިޤައުމުގައި ފުރިހަމަކުރެއްވި، މަތިވެރި މަޤާމަށް، ތިޔައެންމެ ބޭފުޅުންގެ ހެޔޮފުޅުކަމާއި، ނިންމެވުމުގެ މަތިން، ތިތިއްބެވީ އަޅުގަނޑު، އިސްކުރައްވައިގެންނެވެ. އަޅުގަނޑު، މިމަތިވެރި މަޤާމާ މި ޙަވާލުވަނީ، އެއްވެސް ޖެހިލުމެއް ނެތި، ވަރަށް މަތިވެރި އުންމީދެއްގައެވެ. އެހެނީ، ﷲ ގެ ޙާޟުރަތަށް އަޅުގަނޑު ފުރިހަމަޔަށް ވަކީލު ކުރަމެވެ. އަޅުގަނޑުގެ އަމިއްލަ ނަފުސަށް، އަޅުގަނޑު އިތުބާރު ކުރަމެވެ. އަދި ހަމައެފަދައިން، މަސްއޫލިއްޔަތު އުފުއްލޭފަދަ ފުރިހަމަ ތަޖުރިބާއާއި، ދިވެހި އެންމެހައި ލޮބުވެތި ރައްޔިތުންގެ ލޯތްބާއި އިތުބާރު، އަބަދުގެ އަބަދަށް، އަޅުގަނޑަށް ލިބިގެންވާތީއެވެ. އަޅުގަނޑަށް ހެޔޮ ވިސްނުން ދެއްވައި، މަގުދެއްކެވުންއެދި، ﷲ ގެ ޙަޟުރަތަށް ދުޢާ ދަންނަވަމެވެ. ޙުއްބުލްވަޠަންގެ ރޫޙުން، ފަހި، ކުރިމަގެއް ލިބިގަތުމަށް ހިތްވަރު ލިބިގަންނަމެވެ. އަދި މި ޤައުމުގެ އެންމެހައި ދަރިން، އަޅުގަނޑުގެ އަޚުންނާއި އުޚުތުންގެ ފަރާތްޕުޅުން، އިޚުލާޞްތެރިކަމާއެކު، އަޅުގަނޑަށް، ފުރިހަމަ އެއްބާރުލެއްވުން ދެއްވުން އެދި އިލްތިމާސް ކުރަމެވެ.

އަޅުގަނޑުމެންގެ މަސްއޫލިއްޔަތާއި ވާޖިބުގެ މަތިން ހަނދާން ނައްތާ ނުލަމާތޯއެވެ؟ ޤައުމެއް ކުރިއަރައިދިއުން އޮތީ، އެޤައުމެއް ހިންގުމުގައި ބޭނުންކުރެވޭ ވެރިކަމުގެ ނިޒާމެއްގެ ސަބަބުން ނޫންކަން، ހަނދާން ނައްތާ ނުލަމާތޯއެވެ؟ އަދި ކިއެއްތަ، ޤައުމެއްގެ ކުރިއެރުމާއި ރައްޔިތުންގެ ލާބާއާއި މަންފާ އޮތީ، އެވެރިކަމެއް ހިންގޭ ގޮތެއްގެ މައްޗަށެވެ. އަދި ރައްޔިތުންގެ ފަރާތްޕުޅުން، އެވެރިކަމަކަށް ލިބޭ އެއްބާރު ލެއްވުމާއި، އެއްބައެއްވަންތަ ކަމުގެ މައްޗަށެވެ. ޝައްކެއްނެތްގޮތުގައި، ރަނގަޅު ވެރިކަމަކީ، ޢަދުލު އިންސާފުގެ މަގުގައި، ރަނގަޅުގޮތުގައި ހިންގޭ ވެރިކަމެކެވެ.

ރައްޔިތުންގެ މިނިވަންކަމާއި، އެމިނިވަންކަން ދެމެހެއްޓުމުގެ ޢަޒުމާއި އުނމީދު ކުރިޔަށްނެރެ، އެމަތިވެރި މަޤްޞަދު ޙާޞިލު ކުރުމަށް އަތުކުރި އޮޅާލައި، ފަސްނުޖެހި ކުރިޔަށް ދަމާތޯއެވެ؟ ބޭނުންވާފަދަ، ރައްކާތެރި މިނިވަންކަމެކެވެ. ބަލިތަކުން ދުރުހެލިވެގެންވާ،ދުޅަހެޔޮކަންމަތީ ތިބެވޭފަދަ މިނިވަންކަމެކެވެ. އަދި އެންމެހައި ބަލާ އާފާތާއި، ނުރައްކަލުން ސަލާމަތްވެ، ރައްކައުތެރިކަން ލިބިފައިވާފަދަ މިނިވަންކަމެކެވެ.

އަޅުގަނޑުމެންގެ ޤައުމުގެ ރައްޔިތުންނަށްވުރެ، ސަލާމަތާއި ރައްކާތެރިކަން ލިބިގެންވާ، ކިޔަމަންތެރި ރައްޔިތެއް، ދުނިޔޭގެ އެހެން އެއްވެސް ޤައުމަކުން ފެނިގެންނުދާނެކަމުގައި ދަންނަވާލުމަށް، އަޅުގަނޑު ފަހެއް ނުޖެހެމެވެ. މިފަދަ މުޖުތަމަޢަކަށް ޚިދުމަތްކުރުމުގެ ފުރުޞަތު ލިބިގެންދިޔަކަން އެއީ އުފައުކުރުން ޙައްޤު ކަމެކެވެ. ކީރިތިވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާގެ ވާގިފުޅާއި، މިންވަރުފުޅާއެކު، އަޅުގަނޑަށް  ޤާބިލުކަން ލިބިގެންވީ އެންމެ މަތީ ދަރަޖަޔަކަށް، ވީ އެންމެ ރަނގަޅަކަށް، ތެދުވެރިކަމާއި އަމާނާތްތެރިކަމާއެކު، ދިވެހި ރައްޔިތުންނަށް ޚިދުމަތްކުރުންމަތީ ދެމިހުރުމަށް، މާތް ﷲ ގަންދީ ހުވާ ކުރަމެވެ. އަޅުގަނޑުގެ ޝަޚުޞަށް ނިސްބަތް ކުރައްވައި، ތިޔަ އެންމެ ބޭފުޅުންގެ ފަރާތްޕުޅުން، ވިދާޅުވި ހެޔޮ ބަސްފުޅަށާއި، ފާޅުކުރެއްވި ޝުޢޫރުތަކަށް، އަދި ވިދާޅުވި ތަހުނިޔާ އާއި މަރުޙަބާއަށް، އަދިވެސް އެއްފަހަރު، އިޚުލާޞްތެރިކަމާއެކު، ޝުކުރު ދަންނަވަމެވެ.

ދިވެހި ޤައުމަށް، ކޮންމެވެސް ޚިދުމަތެއް އަދާކޮށްދިނުމުގެ ފަޚުރު، އަޅުގަނޑަށް ލިބިފައިވާކަމުގައި، އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. މިގޮތުން، އަޅުގަނޑަށް ހޯދިފައިވާ ކާމިޔާބީގެ ސިއްރުތައް،  އަޅުގަނޑުގެ ހިތުން ފުހެއެއް ނުލެވޭނެއެވެ. ކާމިޔާބީގެ ހަރުފަތްތަކުން ބަޔަކަށް އަޅުގަނޑަށް ވާޞިލުވެވިފައިވަނީ، ތިޔައެންމެ ބޭފުޅުންގެ ލޯތްބާއި، މުޅި އާބާދީ އެކުގައި އަޅުގަނޑުގެ ފަރާތަށް ލެނބިވަޑައިގެން، ބޯލެންބެވުމާ، އަދި އަޅުގަނޑަށް އަބަދުވެސް ދެއްވަމުންގެންދަވާ،  ދެގޮތެއްނުވާ، އެހީތެރިކަމާއި އެއްބާރުލެއްވުމުގެ ސަބަބުންނެވެ. ދިވެހި ރައްޔިތުންގެ ފަރާތްޕުޅުން އަޅުގަނޑަށް ލިބިފައިވާ އެހީތެރިކަމާއި އެއްބާރުލެއްވުމަށްޓަކައި، ހިތުގެ އިޚުލާޞްތެރިކަމާއެކު، ޝުކުރުދެއްނެވުމަށް މިފުރުޞަތުގެ ބޭނުން ކުރަމެވެ.

މަނިއްޕުޅުގެ ޚިޠާބުގައި، ނައިބު ރައީސް، މރ. އިބްރާހީމް މުޙަންމަދުދީދީއަށް ދެއްވި ޝަރަފާއި ޢިއްޒަތަށް އަދި ވިދާޅުވި ހެޔޮ ބަސްފުޅު، ޝުކުރުވެރިކަމާއެކު،  ފާހަގަ ކުރަމެވެ. ޝައްކެއްނެތްގޮތުގައި، ދިވެހި ތާރީޚުގައި، އެންމެ ހަލަބޮލިކޮށް، އަޅުގަނޑުމެންގެ ސިޔާސީ މައިދާން އޮތް މިޙާލަތުގައި، ރާއްޖޭގެ ފުރަތަމަ ނައިބު ރައީސްގެ ޙައިސިއްޔަތުން، އެމަނިއްޕުޅުގެ ޚިދުމަތް އަޅުގަނޑުމެންނަށް ލިބިގެންދާކަމީ، ޝުކުރުކުރުން ޙައްޤު، މަތިވެރި ނަޞީބެކެވެ. އެމަނިއްޕުޅަށްވުރެ މި މަޤާމަށް ވަކިން ޤާބިލު، އިޚުލާޞްތެރި ތެދުވެރި ޚިދުމަތްތެރިޔަކު، މިފަސްގަނޑުން، ފެނުމަކީ ނާދިރުކަމެކެވެ. މރ. އިބްރާހީމް މުޙަންމަދުދީދީއަށްވުރެ ވަކިން ތެދުވެރި، އަމިއްލަ މަޞްލަޙަތަށްވުރެ ޤައުމީ މަޞްލަޙަތަށް އިސްކަން ދެއްވާ، އިޚުލާޞްތެރިޔަކު، މިފަސްގަނޑަށް އުފަންވެފައިނުވާނެކަމުގައި ދަންނަވާލުމަކީ، ދޮގަކަށް ނުވާނެއެވެ.

ނިންމާލުމުގެ ކުރިންވެސް، ތިޔައެންމެ ބޭފުޅުންގެ ހަމްދަރުދީއާއި، އެއްބާރުލެއްވުމަށް އެދި، އަދިވެސް އެއްފަހަރު، އަޅުގަނޑު އިލްތިމާސް ކުރަމެވެ. އަމިއްލަ ނަފުސަށާއި، ﷲ އަށް ވަކީލުކޮށްގެންތިބެ، އަޅުގަނޑުމެންގެ މި ލޮބުވެތި ވަތަނުގެ، ޤައުމީ ޚިދުމަތުގައި ކުރިޔަށް ދަމާތޯއެވެ؟ އަޅުގަނޑުމެންގެ އަމިއްލަ ނަފުސާމެދު ވިސްނާ ބީދައިން، އެހެން މީހުންނާމެދުވެސް ވިސްނަމާތޯއެވެ ؟ އަޅުގަނޑުމެންގެ ޤައުމީ ޚިދުމަތާއި އަޅުގަނޑުމެންނާ ދެމެދަށް، އަމިއްލަ އެދުމާއި، އެއްވެސްކަހަލަ ނޭއްގާނި އަދި ނޭދެވޭ އަސަރުތަކެއް ވަނަ ނުދެމާތޯއެވެ؟

ﷲ ގެ ހެޔޮ ރަޙުމަތްފުޅާއެކު، އަދި ތިޔައެންމެ ބޭފުޅުންގެ އެހީތެރިކަމާއި އެއްބާރު ލެއްވުމާއެކު، އަޅުގަނޑުގެ ލިޔާޤަތާއި ޤާބިލިއްޔަތު ތަންދިން އެންމެ މައްޗަކަށް، ޤައުމުގެ އެންމެހައި ކަންތައްތައް، އާ އުސްމިންތަކަކަށް ވާޞިލުކޮށްދިނުމުގެ މަތިވެރި ޢަޒުމާއި ހިތްވަރުގައި އަޅުގަނޑު ކުރިޔަށް ދާނަމެވެ. ދިވެހިރައްޔިތުންނަށްޓަކައި، ޤުރުބާންވެ، ނެތިދިއުމަށްވުރެ، ވަކިންބޮޑު މަޤްޞަދެއް،  އަޅުގަނޑުގެ ނެތެވެ. ކުރިޔަށް ދިވެހި ޤައުމު.

* * *

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.