އެމެރިކާގެ ރައީސު ޖޯ ބައިޑަންއާއި ރަޝިޔާގެ ރައީސު ވްލާޑިމީރް ޕުޓިންއާ ދެމެދު އިއްޔެ ޖެނީވާގައި ބޭއްވި ބައްދަލުވުމަށްފަހު ދެގައުމުން ވަނީ، ދެގައުމުން އަނބުރާ ގެނެސްފައިވާ ސަފީރުން އަަލުން ފޮނުވައި، ސައިބަ ސެކިއުރިޓީއާއި، ހަތިޔާރުގެ ވާދަވެރިކަން ކުޑަކުރުމާ ބެހޭ މަޝްވަރާތައް އަލުން ފެށުމަށް އެއްބަސްވެފައެެވެ. މިއީ ރައީސު ބައިޑަން ރައީސު ޕުޓިންއާ ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.
ދެބޭފުޅުންގެ މެދުގައި ބޭއްވި ނޫސްވެރިންނަށް ދެއްވި މައުލޫމާތުން އެނގުނު ގޮތުގައި ދެ ބޭފުޅުން ބައްދަލުކުރެއްވީ އެކުވެރިކަމުގެ ޖައްވެއްގައެއް ނޫނެވެ، ބައްދަލުވުމަށް ފަހު ދެބޭފުޅުން ނޫސްވެރިންނާ ބައްދަލުކުރައްވާފައި ވަނީ ވެސް ވަކިންނެވެ. 2018 ވަނަ އަހަރު ރައީސު ޑޮނާލްޑް ޓްރަމްޕްއާއި ރައީސު ޕުޓިން ބޭއްވެވި ބައްދަލުވުމަށް ފަހު ދެބޭފުޅުން ނޫސްވެރިންނާ ބައްދަލުކުރެއްވީ އެކުގައިކަން ފާހަގަކޮށްލަން ޖެެހެެއެވެ.
ބައިޑަން-ޕުޓިން ބައްދަލުވުން ބާއްވާފައި ވަނީ 18 ވަނަ ގަރުނުގެ ތާރީޚީ ގެއެއް ކަމުގައިވާ 'ލަ ގްރާންޖް ވިލާ' ގައެވެ. 4 ގަޑިއަށްވުރެ ގިނަ ވަގުތަށް މި ބައްދަލުވުން ދެމިގެން ދިޔައިރު، މިއީ ބައިޑަންގެ އެޑްވައިޒަރުން ކުރިން ލަފާކުރި ވަރަށް ވުރެ ކުޑަ ވަގުތެކެވެ.
ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރެއްވި އިރު، ރައީސު ބައިޑަން (78 އ) ސިފަކުރައްވަމުން ރައީސު ޕުޓިން (68 އ) ވިދާޅުވީ ބައިޑަން އަކީ ބިނާކުރަނިވި ބައިވެރިއެއްކަމަށާއި، އޭނާއަކީ ހުނަރުވެރި ތަޖުރިބާކާރެއް ކަމަށެވެ. އެހެންނަމަވެސް، އޭނާ ވިދާޅުވި ގޮތުގައި ބައްދަލުވުގައި އެއްގޮތަކަށްވެސް އެކުވެރިކަމުގެ ޖައްވެއް ނެތެވެ. އަދި ދެބޭފުޅުން މަސައްކަތްކުރެއްވީ އުއްމީދީ ޖައްވެއްގައި ދެގައުމުގެ މަސްލަހަތާ މެދު ވާހަކަފުޅުދެއްކެވުމަށް ކަމަށެވެ.
ރައީސު ޕުޓިން ވިދާޅުވި ގޮތުގައި މި ބައްދަލުވުމަށް ފަހު ގުޅުން ރަނގަޅުވެެގެން ދިއުމުގެ އުއްމީދެއް ނެތެވެ. އެހެންނަމަވެސް، ދެގައުމުގެ ދެމުގައި އިތުބާރު ބޮޑުވުމުގެ ކުޑަކުޑަ އުއްމީދެއް އެބައޮތެވެ. ބައްދަލުވުމަށް ފަހު ދެބޭފުޅުން އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ ގައުމަށް ވަޑައިގަތުމަށް ދައުވަތު ދެއްވާފައި ވެސް ނުވެއެވެ.
ބައްދަލުވުމަށް ފަހު ރައީސު ބައިޑަން ވިދާޅުވި ގޮތުގައި އޭނާ ވަނީ "އެެންމެން ހިފަަހައްޓަން ޖެހޭ އަސާސީ ހަމަތައް" ޕުޓިންއަށް ހަނދުމަފުޅުކޮށްދެއްވާފައެެވެ. އަދި "އަހަރެން ވަނީ އަހަރެން ކުރަން މިތަނަށް އައި ކަންތައް ކޮށްފައި" ކަމުގައެވެ. ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވާލްނީ ޖަލުގައި މަރުވެއްޖެ ނަމަ، އެކަމުގެ ނަތީޖާ ވަރަށް ގޯސްވާނެ ކަމުގެ އިންޒާރު ޕުޓިންއަށް ދެއްވިކަމަށްވެސް ރައީސު ބައިޑަން ވިދާޅުވިއެވެ.
ނޫސްވެރިން ފާހަގަކޮށްފައިވާ ގޮތުގައި މި ބައްދަލުވުމަކީ ދެގައުމުގެ ދެމުދުގެ ގުޅުމަށް ކުރިއެރުންތަކެއް ގެނެސްދޭނެ ބައްދަލުވުމަކަށް ނުވިޔަސް، ބައްދަލުވުމުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން ކުޑަކުރުމަށް މަގުފަހިވެގެން ދާނެއެވެ.