ޔޫރޯ 2020: ތުރުކީ ބަލިކޮށް ވޭލްސް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފި

ޔޫރޯ 2020 ގައި މިރޭ 9 ޖެހިއިރު ކުޅުނު މެޗުގައި ބައްދަލު ކުރީ ތުރުކީއާއި ވޭލްސް އެވެ. މެޗު ނިމުނީ 2 ލަނޑު 0 ލަނޑުން ވޭލްސް މޮޅުވެގެންނެވެ. މެޗަށް އެރިއުރުވެސް ބޮޑު ޕްރެޝަރެއް އޮތީ ތުރުކީއަށެވެ. އެއީ ފުރަތަމަ މެޗުން ތުރުކީ ބަލިވެފައި ވާތީއެވެ. ފުރަތަމަ ކުޅުނު މެޗުން މޮޅުވެ ވޭލްސްއަށް އޮތީ 3 ޕޮއިންޓް ލިބިފައެވެ.

މެޗު ފެށިގެން ފުރަތަމަ ދިހަ ވަރަކަށް މިނިޓުގެ ތެރޭގައި ތުރުކީން ވަރުގަދަ ހަމަލައެއް ފޮނުވައިލިއެވެ. އޭގެ ހައެއްކަ މިނިޓު ފަހުން ވޭލްސްގެ ހަމަލައެއް ތުރުކީގެ ގޯލަށް އަމާޒުކޮށްލިއެވެ. އެ ބޯޅަ ގޯލްކީޕަރު މަތަކުރީއެވެ.

މެޗުގެ ފުރަތަމަ ލަނޑު 43 ވަނަ މިނިޓުގައި ޖެހީ ރަމްސީއެވެ.

ދެވަނަ ހާފުގައި ތުރުކީގެ ޖުޅުން ފެނިގެން ދިޔައީ ވަރަށް ވަރުގަދަކޮށެވެ. ވޭލްސްއަށް ގިނަ ވަގުތު ހޭދަކުރަން ޖެހުނީ ދިފާއަށް ކުޅުމުގައެވެ. އެކަމަކު ދޭތެރެއަކުން ލިބޭ ފުރުސަތެއްގައި ކައުންޓަރ އެތޭޚް ކުރަމުން ގެންދިޔައެވެ.

60 ވަނަ މިނިޓުގައި ވޭލްސްއަށް ޕެނަލްޓީއެއް ލިބުނެވެ. ބޭލް ޖެހި ޕެނަލްޓީ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.

ތުރުކީން ބޯޅަ މެދުތެރޭގައި ހިފަހައްޓައިގެން އޭރިއާ ތެރެއަށް ވަންނަން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް ވޭލްސްގެ ދިފާއު ފޫއަޅުވައިފައި ވަދެވޭ ގޮތެއް ނުވިއެވެ. 88 ވަނަ މިނިޓުގައި ލިބުނު ފުރުސަތެއްގައި މަރީޙް ޑެމިރާލް ބޮލުން ފޮނުވާލި ބޯޅަ ވޭލްސްގެ ގޯލްކީޕަރު ދިފާއު ކުރީއެވެ.

ވޭލްސްގެ ދެވަނަ ލަނޑު ޖެހީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ގވަގުތުގެ ގޮތުގައި ދިން 5 މިނިޓުގެ އެންމެ ފަހު މިނިޓުގައި ކޮނަ ރޮބަރޓްސް އެވެ.

މި މެޗުން މޮޅުވުމާއެކު ވޭލްސްއަށް ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް ހުޅުވުނީއެވެ. ތުރުކީއަށް ދެން އޮތީ ވަރަށް ހަނި ފުރުސަތެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.