ކެނެޑާގައި މުސްލިމް އާއިލާއެއްގެ 4 މީހުން މަރާލި މީހާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

ޓެރަރިސްޓު ހަމަލާގައި މަރުވި މުސްލިމް އާއިލާގެ ޖަނާޒާ ކުރިއަށް ދަނީ

ކެނެޑާގެ އޮންޓާރިއޯ ޕްރޮވިންސްގެ ލަންޑަނުގައި މުސްލިމް އާއިލާއެއްެގެ ހަތަަރު މީހުން މަރާލި މީހާގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފިއެވެ. ފުލުހުން އެ ހަމަލާ ސިފަކޮށްފައި ވަނީ މުސްލިމުންނަށް އަމާޒުކޮށް ދިން ހަމަލާއެްގެ ގޮތުގައެވެ.

މި ރަހުމްކުޑަ އަމަލު ހިންގި ނަތާނިއެލް ވެލްޓްމަންގެ މައްޗަށް އުފުލާފައި ވަނީ ފުރަތަމަ ދަރަޖައިގެ ގަތުލުގެ 4 ދައުވާއެެވެ. އެއީ، ޓެރަރިޒަމްގެ އަމަލެއް ކަމުގައި ބެލެވޭ ކުށެކެވެ. އަދި ޕްރޮސެކިއުޓަރުން މި ދައުވާގެ ދަރަޖަ މަތިކޮށްފައި ވަނީ ކެނެޑާ ގާނޫނުލް އުގޫބާތުގެ ދަށުންނެވެ. މި ހަތަރު ދައުވާގެ އިތުރަށް މީހަކު މަރާލަން އުޅުނުކަމުގެ ދައުވާވެސް ވަނީ އުފުލާފައެވެ.  

ފުލުހުން ތުހުމަތުކުރާ ގޮތުގައި ވެލްޓްމަން ހިންގި އަމަލަކީ ކުރިން ރާވައިގެން، ވަކިގޮތަކަށް ކަންކުރަން ނިންމައިގެން މުސްލިމުންނަށް އަމާޒުކޮށްގެން ދިން ހަމަލާއެެއް ކަމުގައެވެ.

ކޯޓަށް މައްސަލަ ހުށަހަޅުއްވަމުން ފެޑެރަލް ޕްރޮސެކިއުޓަރ ސާރާ ޝައިޚް ވިދާޅުވި ގޮތުގައި ޑެޕިއުޓީ ޑިރެކްޓަރ އޮފް ޕްރޮސެކިއުޝަން ވަނީ ގަތުލުގެ އެ އަމަލަކީ ޓެރަރިޒަމްގެ އަމަލެއް ކަމުގައި ބަލައި ދައުވާ ކުރިއަށް ގެންދިއުމަށް އަންްގަވާފައެވެ.

"މިސްޓަރ ވެލްޓްމަން! ކަލޭގެ މައްޗަށް މިވަނީ ފުރަތަމަ ދަރަޖައިގެ ގަތުލުގެ 4 ދައުވާ އުފުލާފައި. މި ގަަތުލުތަކަކީ ރާވައިގެން ގަސްތުގައި ހިންގި އަމަލުަތަކެއް ކަމަށް ތުހުަތުކުރުމުގެ އިތުރަށް ދެން ކުރެވޭ ތުހުމަތަކީ އެއީ ޓެރަރިޒަމްގެ އަމަލު ކަމުގައި ކުރެވޭ ތުހުމަތު." ދައުވާ އުފުއްލަވަމުން ޕްރޮސެކިއުޓަރ ވިދާޅުވިއެވެ.

މިއަދު ކޯޓުގައި ދައުވާ އުފުލިއިރު ވެލްޓްމަން ވަނީ ވީޑިއޯ ލިންކެެއް މެދުވެރިކޮށް ދައުވާގެ ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވެފައެވެ. އެހެންނަމަވެސް އޭނާ އަދި ކުށަށް އިއުތިރާފުވެފައި ނުވެވެވެ.

ކެނެޑާގެ ނޭޝަނަލް ސެކިއުރިޓީ ގާނޫނުގެ ތަޖުރިބާކާރު ޕްރޮފެސަރ ލިއާ ވެސްޓް ވިދާޅުވި ގޮތުގައި ދައުވާގެ ދަރަަޖަ މަތިކޮށްފައިވާ "ގަތުލު-ޓެރަރިޒަމްގެ އަމަލު" ދައުވާއަކީ، މި ހަމަލާއަށް އެންމެ އެކަށީގެންވާ ދައުވާއެކެވެ.

ޓެރަރިސްޓު ހަމަލާގައި މަރުވި 4 މީހުން (ކ-ވ): ސަލްމާން އަފްޒާލް، އޭނާގެ މަންމަ ޠަލްއަތު އަފްޒާލް، ސަލްމާންގެ އަންހެނުން މަދީހާ ސަލްމާން އަދި އެ ދެމަފިރިންގެ އަންހެން ދަރިފުޅު ޔުމްނާ

ގަސްތުގައި ޓްރަކަކުން ޖައްސައި ސަލްމާން އަފްޒާލް (46 އަހަރު)، އޭނާގެ އަންހެނުން މަދީހާ ސަލްމާން (44 އަހަރު)، އެ ދެމަފިރިންގެ 15 އަހަރުވީ އަންހެން ދަރިފުޅު ޔުމްނާ އަދި ސަލްމާން އަފްޒާލްގެ މަންމަ ޠަލްއަތު އަފްޒާލް (74 އަހަރު) މަރާލާފައި ވަނީ މި ޖޫން މަހުގެ 6 ވަނަ ދުވަހު އެ އާއިލާ ހަވީރު ހިނގާލަން ނުކުމެ އުޅެނިކޮށެވެ. މި ހަމަލާގައި ސަލްމާންގެ އުމުރުން 9 އަަހަރުގެ ފިރިހެން ދަރިފުޅު ފާޔިޒު ވަނީ ބޮޑެތި ޒަޚަމްތަކަކާއެކު ސަލާމަތްވެފައެވެ.

މި އަނިޔާވެރި ގަތުލު ވަނީ މުޅި ކެނެޑާ ސިއްސުވާލާފައެވެ. ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ އެކަމާމެދު ހިތާމަ ފާޅުކުރައްވާފައި ވާއިރު ކެނެޑާގެ ގާނޫނުހަދާ މަޖިލީހުންގެ މެންބަރުން ވަނީ އާއިލާއަށް ތައުޒިޔާ ކިއުއްވައި، މަޖިލީހުގައި އެއް މިނިޓުގެ ސުކޫތެއް ގެންނަވާފައެވެ.

"މި ވަބާ (ކޮވިޑް-19) ގައި ގިނަ ދުވަސްތަކަަކަށް ގޭގައި ތިބެން ޖެހުމަށް ފަހު، ސާފު ވައި ކޮންމެވެސް ވަރަކަށް ލިބިގަތުމަށް ހަވީރު ހިނގާލަން ނުކުތުމަކީ މިފަހަކަށް އައިސް ކެނެޑާގެ ގިނަ ބަޔަކު އުފަލެއްގެ ގޮތުގައި ކުރަމުން އަންނަ ކަމެއް. އާދީއްތަ ދުވަހު އޮންޓާރިއޯގެ ލަންޑަންގެ މާމައަކާއި، ދެމަފިރިއަކާއި، ދެ ދަރިން ކުރަން ނުކުތް ކަމަކީވެސް އެއީ. އެހެން ނަަމަވެސް އެހެން ރޭތަކާ ޚިލާފަށް އެއާއިލާއަށް އެއްގޮތަކަށްވެސް އެނބުރި ގެއަށް ނުދެވުނު." ބޮޑުވަޒީރު ޓްރޫޑޯ ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.