ކެނެޑާގެ އެންމެ ބޮޑު ރަށް، ޓޮރޮންޓޯގެ ކާރޫބާރު ބޮޑު މަގެއްގައި ދުވާރު މަތިން ހިނގާފައި ދިޔަ މީހުންގެ ގައިގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ވޭނަކުން ޖައްސައިގެން 10 މީހުން މަރުވެ 15 މީހުން ޒަޚަމްވެއްޖެއެވެ.
ޓޮރޮންޓޯ ގަޑިން އިއްޔެ މެންދުރު 1:00 ގައި (މާލޭގަޑިން ރޭ 10:00 ގައި) ހިނގި މިހާދިސާގައި ވޭން މީހުންގެ ތެރެެއަށް ވަދެ ދުވާރުމަތިން ދުއްވާފައި ވަނީ ގަސްތުގައި ކަމަށް ޓޮރޮންޓޯ ފުލުހުންގެ ވެރިޔާ މާކް ސޯންޑާސްއާ ހަވާލާދީ ސީއެންްއެނުން ބުނެފައި ވެެއެވެ.
ވޭން ދުވާރު މަތިން މޭލަކަށް ދުއްވާފައިވާ ކަމަށް ވެެއެވެ. މަަންޒަރު ދުށް މީހުން ބުނީ ވޭނުގެ ދަށުގައި މީހުން ވުމުގެ އިތުރަށް، ވޭނުން ޖެހިފައި މީހުން ވިއްސައިގެން މައްޗަށް އަރައިގެން ގޮސްފައިވާތަން ފެނިފައިވާ ކަމުގައެވެ.
މިހާދިސާއާ ގުޅިގެން އުމުރުން 25 އަހަރުގެ މީހަކު ވަނީ ހައްޔަރުކުރެވިފައެވެ. އެއީ ކެނެޑާގެ އޮންޓާރިއޯގެ މީހެއް ކަމުގައިވާ އެލެކް މިނާސިއަން އެވެ. އޭނާއާ ބެހޭ ގޮތުން އިތުރު މައުލޫމާތެއް ފުލުހުން ހާމަ ނުކުރެއެވެ. އޭނާ ދުއްވި ހުދު ކުލައިގެ ވޭނަކީ އުޅަނދު ކުއްޔަށް ދޭ ކުންފުނި ރައިޑާގެ ވޭނެެއެވެ.
ފަހަކަށް އައިސް ބައެއް ހަރުކަށި އިސްލާމީ ޖަމާއަތްތަކުން ހުޅަނގުގެ ގައުމުތަކުގައި މިފަދަ ހަމަލާތައް ދީފައިވާތީ މިއީ އެފަދަަ ހަމަލާއަކަށް ވެދާނެކަމަށްވެސް ހީކުރެވުނެވެ. އެހެންނަމަވެސް ކެނެޑާގެ ޕަބްލިމް ސޭފްޓީ މިނިސްޓަރު ރާލްފް ގުޑާލް ވިދާޅުވީ މިހާދިސާއާ ކެނެޑާގެ ގައުމީ ސަލާމަތާ އެެއްވެސް ގުޅުމެއް ހުރިކަމަށް މިހާތަނަށް އެނގިފައި ނުވާކަމުގައެވެ.
ހަރުކަށި ޖަމާއަތްތަކާ ގުޅުމެން ނެތަސް މިފަދަ ހާދިސާތައް ދަނީ ހުޅަނގުގައި އިތުރުވަމުންނެވެ. ފާއިތުވި އަހަރު އޮކްޓޯބަރު މަހުގެ ތެރޭގައި ނިއުޔޯކުގެ ބައިސިކަލް ދުއްވާ މަގަކަށް ވޭނެއް ވަދެ މީހުންގެ ގައިގައި ޖައްސައިގެން 8 މީހުން މަރުވެފައި ވެއެވެ.