ރޯވި އާގުބޯޓުގެ ވެރިފަރާތުން ބަދަލުގެ ގޮތުގައި 40 މިލިއަން ޑޮލަރު ހޯދަން ސްރީލަންކާއިން ނިންމައިފި

ކޮލޮބްމޯ ބަނދަރަށް ދިމާއަށް ބޭރުގައި އޮއްވައި ފާއިތުވި މޭ މަހުގެ 20 ވަނަ ދުވަހު އަލިފާން ރޯވެ މި ޖޫން މަހުގެ ކުރީ ކޮޅު އަޑިއަށް ދިޔަ އާގުބޯޓު، އެމްވީ އެކްސް-ޕްރެސް ޕާލްގެ ވެރިފަރާތުން ވަގުތީ ބަދަލެއްގެ ގޮތުގައި 40 މިލިއަން ޑޮލަރު ހޯދަން ސްރީލަންކާއިން ނިންމައިފިއެެވެ. ސިންގަޕޫރު ކުންފުންޏެއްގެ އެ ބޯޓު އަޑިއަށް ދިއުމުގެ ސަބަބުން ތިމާވެށީގެ ކާރިސާއެއް ވަނީ ކުރިިމަތިވެފައެެވެ.

ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސާގެ އެންގެވުމަކަށް އެޓާނީ ޖެނެރަލް މިހާރު ވަނީ 40 މިލިއަން ޑޮަލަރު ހޯދުމަށް އެ ކުންފުންޏަށް ހުށަހަޅާފެވެ.

"އަހަރުމެން އަދިވެސް މިދަނީ ތިމާވެށްޓަށާއި، އިގްތިސާދަށް ލިބުނު ގެއްލުން ވަޒަންކުރަމުން. މިހާރު މިނިންމީ ވަގުތީ ބަދަލެއް ހޯދަން." ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް ޕޯޓްސް ރޮހިތާ އަބޭގުނަވަރްދަނާ ވިދާޅުވިއެވެ.

ކޮލޮމްބޯ ބަނދަރާ 9.5 ނޯޓިކަލް މޭލު ދުރުގައި އޮއްވައި އެކްސް-ޕްރެސް ޕާލްގައި ރޯވީ އިންޑިޔާގެ ގުޖަރާތު ސްޓޭޓްގެ ހަޒީރާއިން ކޮލޮމްބޯއަށް ކެމިކަލާއި، ކޮސްމެޓިކްސް އުފައްދަން ބޭނުންވާ އަސާސީ ސާމާނު ބަރުކޮށްްގެން ގޮސް އޮއްވައެވެ.

އާގުބޯޓުގައި ރޯވިއިރު އޭގައި ތިބި އިންޑިޔާ، ޗައިނާ، ރަޝިޔާ އަދި ފިލިޕީންސްގެ 25 ފަޅުވެރިން ވަނީ މޭ މަހުގެ 21 ވަނަ ދުވަހު ސަލާމަތްކޮށްފައެވެ.

ފެތުނު އާގުބޯޓުގެ ވޮޔޭޖް ޑާޓާ ރިކޯޑަރ (ވީޑީއާރ) ސަލާމަތުން ނަގައި މިހާރު ވަނީ ގާނޫނު ތަންފީޒުކުރާ އިދާރާތަކާ ހަވާލުކުރެވިފައެވެ. ތަހުގީގަށް މުހިއްމު މައުލޫމާތުތަަކެއް އެއިން ލިބޭނެކަމަށް ބެލެވެއެވެ.

ބޯޓުގައި ރޯވި އަލިފާންގަނޑު ސްރީލަންކާގެ ކަނޑުގެ ސިފައިންނާއި އިންޑިޔާގެ ކޯސްޓުގާޑުގެ މަސައްކަތުން ނިއްވާލެވުނު ނަމަވެސް، ބޯޑުގެ ކޮޅުފަސްކޮޅު އަޑިއަށް ގޮސް ބީހުމުގެ ސަބަބުން ބޯޓު މާކަނޑަށް ބޭރުކުރުމަށް ކުރެވުނު މަސައްކަތް ވަނީ ކާމިޔާބު ވާގޮތް ނުވެފައެވެ.

ތިމާވެށްޓާ ބެހޭ އޮފިޝަލުން ހާމަކުރި ގޮތުން އެ ބޯޓުން ކަނޑަށް އެޅިގެން އެއްގަމަށް ލެއްގި އެތައް ޓަނެއްގެ ކެމިކަލް މިހާރު ވަނީ ނަގައި ރައްކާކޮށްފައެވެ. އެެއީ އެތަކެތިން ތިމާވެށްޓަށް ލިބުނު ގެއްލުން ދެނެގަތުމަށެވެ. ބޯޓުގައި ހުރި މުދަލުގެ ތެރޭގައި ނުރައްކާތެރި ކެމިކަލް، ނައިޓްރިކް އެސިޑްވެސް ހުއްްޓެވެ.

އެތައް ޓަނެއްގެ އަނދާފައިވާ ޕްލާސްޓިކް ޕެލެޓް ގޮނޑުދޮށަށް ލެއްގާފައި ވާއިރު، އެ ސަރަހައްދުގައި މަސްވެރިކަން ކުރުން މަނާކޮށްފައި އޮތުމަށް އިއްޔެ ވަނީ މަސްވެރިކަން ކުރުމަށް ހުއްދަދީފައެވެ.

"މަސްވެރި 20 ހާސް އާއިލާއަކަށް ވަނީ އެކަމުގެ އަސަރުކޮށްފައި. އެހެންކަމުން އެމީހުންނަށް އާމްދަނީގެ އެހީތެރިކަން ދިނުމަށް ވަނީ ނިންމާފައި." މިނިސްޓަރ އޮފް ސްޓޭޓް ފޯ ފިޝިންގ ކަންޗަނާ ވިޖޭސޭކަރަ ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.