ޔޫރޯ 2020: ލުކާކޯގެ ދެ ލަނޑާއެކު ބެލްޖިއަމުން ރަޝިއާ ބަލިކޮށްފި

ޔޫރޯ 2020 ގައި ރޭ ރަޝިއާ އާއި ބެލްޖިއަމް ކުޅުނު މެޗު ނިމުނީ 3 ލަނޑު 0 ލަނޑުން ބެލްޖިއަމް މޮޅު ވެގެންނެވެ.  ބެލްޖިއަމަކީ މި ވަގުތު ދުނިޔޭގެ ރޭންކިންގ ގައި އެއްވަނަ ޓީމެވެ.

ބެލްޖިއަމުން ފުރަތަމަ ލަނޑު ޖެހީ މެޗުގެ 10 ވަނަ މިނިޓުގައެވެ. މި ލަނޑު ޖެހީ ލުކާކޯއެވެ.  ލުކާކޯ އަކީ ބެލްޖިއަމަށް އެންމެ ގިނަ ލަނޑު ޖަހައިދފިން ކުޅުންތެރިޔާއެވެ. އޭނާ ރޭ ޖެހި ފުރަތަމަ ލަނޑު ހަދިޔާކުރީ ޑެންމާކްގެ ކުޅުންތެރިޔާ ކްރިސްޓިއަން އެރިކްސަނަށެވެ. މި ދެ ކުޅުންތެރިންނަކީ އިންޓަރމިލާނަށް ކުޅޭ ދެ ކުޅުންތެރިންނެވެ.

ދުނިޔޭގެ އެއްވަނަ ޓީމާ ކުޅުނު ކަމުގައި ވިޔަސް ރަޝިއާއިން ވަރަށް ހިތަްވަރާއެކު ކުޅުނެވެ. ލަނޑު ޖަހާނޭ ފުރުސަތުތަކެއް ލިބުނު ނަމަވެސް ޖެހޭ ގޮތެއް ނުވިއެވެ.

ބެލްޖިއަމުން ދެވަނަ ލަނޑު ޖެހީ 27 ވަނަ މިނިޓުގައެވެ. މި ލަނޑު ޖެހީ މުނިއާ އެވެ.

ފަހު ހާފުގައިވެސް ރަޝިއާއިން ވަރަށް ރަނގަޅަށް ކުޅުނެވެ. އެހެންނަމަވެސް ބެލްޖިއަމްގެ މެދުތެރެއިންނާއި ފަހަތުން ކުޅުނު ވަރުގަދަ ކުޅުމުގެ ސަބަބުން ރަޝިއާއަކަށް ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ.

ބެލްޖިއަމްގެ ތިންވަނަ ލަނޑު ޖެހީ 89 ވަނަ މިނިޓުގައި އަނެއްކާވެސް ލުކާކޯއެވެ.

މެޗު ނިމުމުން ދެއްކި ވާހަކައިގައި ލުކާކޯ ބުނެފައި ވަނީ އެރިކްސަނަށް ދިމާވީ ހާދިސާގެ ސަބަބުން އޭނާއަށް ކުޅެން އުނދަގޫވީ ކަމަށެވެ. އަދި މެޗުން މޮޅުވީމާ އެ މޮޅު އޭނާ ޚާއްސަ ކުރާނީ އެރިކްސަނަށް ކަމުގައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.