ދެކުުނު ކޮރެޔާގައި ތަޅާލަމުން ދިޔަ އިމާރާތެއް ކުއްލިއަށް އަރިއަޅާލައި، ބަހެއްގެ މައްޗަށް ވެއްޓުމުގެ ސަބަބުން 9 މީހުން މަރުވެ، 8 މީހަކު ވަރަށް ބޮޑަށް ޒަޚަމްވެެއްޖެއެވެ.
ވެރިރަށް ސިއޯލްގެ ހުޅަނގު ދެކުުނުން 270 ކިލޯމީޓަރު ދުރުގައި އޮންނަ ގުއާންގްޖޫގެ ފަޔާ އެެންޑް ސެކިއުރިޓީ ހެޑްކުއާޓާޒްއިން މައުލޫމާތު ދިން ގޮތުގައި، ތަޅާލަމުން ދިޔަ ފަސްބުރީގެ އިމާރާތަކާ ދިމާއަށް އޮތް މަގުގައި ހުރި ބަސް ސްޓޮޕެއްގެ ކައިރިއަށް މަޑުކޮށްފައި އޮތް ބަހެއްގެ މައްޗަށް އެއިމާރާ ވެއްޓުނު ކަމުގައި ރިޕޯޓު ލިބުނީ އިއްޔެ ހަވީރުގެ ވަގުތެއްގައެވެ.
އިމާރާތުގެ ދަށުގައިވި ބަހުން ދަތުރުކުރީ 17 މީހުންނެވެ. ބަަހުގެ މަތީގައި ހުރި އިމާރާތުގެ ބައިތައް ނަގައި ސާފުކޮށް ނިމި، ރޭ 8:40 ގައި (ރާއްޖޭ ގަޑިން ހަވީރު 5:40 ގައި) ވަނީ ބަހުން ދަތުރުކުރި މީހުންގެ ތެރޭން 9 މީހަކު މަރުވެފައިވާކަން ވަނީ ޔަގީންވެފައެވެ. ބާކީ ތިބި 8 މީހުން ވަނީ ވަރަށް ބޮޑަށް ޒަޚަމްވެފައެވެ.
"އަހަރެން ހީކުރީ ބިންގަނޑު ގުޑަނީ ކަމަށް" ވެއްޓުނު އިމާރާތާ ދިމާއަށް މަގުގެ އަނެއް ފަރާތުގައި ފިހާރައެެއް ހިންގާ މީހަކު ބުންޏެވެ.
"އަހަރެންނަށް މަގު ސާފުކޮށް ނުފެނޭ. ހީވަނީ މުޅިތަނުގައި ބޯ ދުންފިނި ހުރިހެން، އަހަރެން ސީސީޓީވީ ޗެކްކުރުމުން އެނގުނީ ބަހެއްގެ މައްޗަށް އިމާރާތް ވެއްޓުނީކަން." އޭނާ އިތުރަށް ބުންޏެވެ. އޭނާ ވަނީ ވަގުތުން އެކަން ކަމާބެހޭ ފަރާތްތަކަށް އަންގާފައެވެ.
އިމާރާތް އަރިއަޅާލި ސަބަބެއް އަދި ނޭނގެއެވެ. ފުލުހުން ވަނީ އެކަން ހޯދުމަށް ތަހުގީގެއް ފަށާފައެވެ.
ދެކުނު ކޮރެޔާގައި މީގެ ކުރިންވެސް ބިނާތައް ވެއްޓި ގިނަ ބަޔަކު މަރުވުމުގެ ހާދިސާތައް ހިނގާފައި ވެއެވެ. އެގޮތުން 1995 ވަނަ އަހަރު ޖޫން މަހުގެ ތެރޭގައި ސިއޯލްގެ ސަމްޕޫންގް ޑިޕާޓްމަންޓް ސްޓޯރ ވެއްޓުމުގެ ސަބަބުން 502 މީހުން މަރުވެ 937 މީހުން ޒަޚަމްވެފައި ވެއެވެ. އަދި 1994 ވަނަ އަަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ސިއޯލްގެ ސިއޮންގްސޫ ބުރިޖު ވެއްޓުމުގެ ސަބަބުން 49 މީހުން މަރުވެފައިި ވެއެވެ.