ދެކުނު ކޮރެޔާގެ ކުރީގެ ރައީސު ލީ މިޔުންގ-ބަކް 15 އަހަރަށް ޖަލަށް ލުމަށް އެގައުމުގެ ކޯޓަކުން މިއަދު ހުކުމްކޮށްފިއެވެ. މިއާއެކު އޭނާ ވަނީ ކޮރަޕްޝަންގެ މައްސަލައިގައި ޖަލަށް ލެވުނު ދެކުނު ކޮރެޔާގެ ހަތަރުވަނަ ކުރީގެ ރައީސަށް ވެވަޑައިގެންފައެވެ.
ޖަލު ހުކުމުގެ އިތުރަށް އޭނާ ވަނީ 13 ބިލިއަން ވޮން (11.5 މިލިއަން އެމެރިކާ ޑޮލަރު) އިން ޖުރުމާނާވެސް ކޮށްފައެވެ.
ލީ ރައީސުކަން ކުރެއްވީ 2008 އިން 2013 އަށެވެ. އޭނާގެ މައްޗަށް ހުކުމް އައިސްފައި މިވަނީ އޭނާގެ ފަހުން ރައީސުކަން ކުރެއްވި ޕާކް ގެއުން-ހައި 24 އަހަރަށް ޖަލަށް ލުމަށް ފާއިތުވި އެޕްރީލް މަހުު ހުކުމްކޮށްފައި ވަނިކޮށެވެ. ޕާކް ވެރިކަމުން ދުރުކުރެވުނީ ކޮރަޕްޝަންގެ ތުހުމަތުތަކާއެކު ދެކޮނު ކޮރެޔާ މީހުން އޭނާއާ ދެކޮޅަށް ވަރުގަދަ މުޒާހަަރާތަކެއް ކުރަމުން ދަނިކޮށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލިސް ޓީވީން ވަގުތުން ދައްކާތީ، އެކަމާ އިހުތިޖާޖުކުރެއްވުގެ ގޮތުން ހުކުމް އިއްވި މަޖިލީހަށް 76 އަަހަރުގެ ލީ ހާޒިރުވެވަޑައިނުގަންނަވައެވެ. ލީ ވަނީ އޭނާގެ މައްޗަށް ކުރެވުުނު ދައުވާތަކަށް ތަކުރާރުކޮށް އިންކާރުކުރައްވާފައެވެ. އޭނާ ދެކެވަަޑައިގަންނަވަނި އެއީ ސިޔާސީ ކުލަޖެހިފައިވާ ދައުވާތަކެއް ކަމުގައެވެ. ޕްރޮސެކިއުޓަރުން އެދުނީ އޭނާގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވުމަށެވެ.
އޭނާގެ މައްޗަށް ސާބިތުވެފައިވާ ކަންކަމުގެ ތެރޭގައި އޭނާގެ ރިޔާސީ ކެމްޕޭންގެ ދުވަސްވަރުގައްޔާއި، އޭނާ ރައީސުކަމުގައި ހުންނެވިއިރު، ބޮޑެތި ވިޔަފާރިތަކުން، ޚާއްޞަކޮށް ސެމްސަންގުން، 1.6 ބިލިއަން ވޮން (5.4 މިލިއަން އެމެރިކާ ޑޮލަރު) ރިޝްވަތުގެ ގޮތުގައި ހިއްޕެވުމާއި، އޭނާގެ މިލްކިއްޔާތުގައިވާ ސްޕެއަރ ޕާޓްސް އުފައްދާ ބޮޑު ކުންފުންޏެއް އާއިލީ މީހެއްގެ ނަމުގައި ބާއްވައިގެން، އޮޅުވާލައިގެން އެ ކުންފުނިން 24 ބިލިއަން ވޮން ނެންގެވުން ހިމެނެއެވެ.
ދެކުނު ކޮރެޔާގައި 1980-1988 އަށް ރައީސުކަން ކުރެއްވި ޗުން ޑޫ ހުވާން އާއި 1988-1993 އަށް ރައީސުކަން ކުރެއްވި ނޯ ޓައެ-ވޫގެ މައްޗަށްވެސް ހުކުމްކުރެވުނެވެ. އެހެންނަަމަވެސް 1996 ވަނަ އަަހަރު އެ ދެ ބޭފުޅުންނަށް މާފު ދެވުނެވެ.