ތުރުކީން 135 ބިލިއަން ކޮޑިމީޓަރުގެ ގުދުރަތީ ގޭސް ފެނިއްޖެ

ތުރުކީން ބްލެކްސީގައި ގުދުރަތީ ގޭސް ހޯދުމުގެ މަސައްކަތްކުރާ 'ފާތިހު' އުޅަނދު

ތުރުކީގެ ޒޮންގުލްދަކް ޕްރޮވިންސާ ދިިމާއަށް ބްލެކްސީގައި، އަމަސްރާ-1 ވަޅުގެ ނަމުން ނަން ދީފައިވާ ވަޅުން 135 ބިލިއަން ކޮޑިމީޓަރުގެ ގުދުރަތީ ގޭސް ފެނިފައިވާ ކަމަށް އެގައުމުން ބުނެފިއެެވެ. މިއާއެކު ތުރުކީގައި ހުރި ގުދުރަތީ ގޭހުގެ ރިޒާވް ވަނީ 540 ބިލިއަން ކޮޑިމީޓަރަށް އިތުރުވެފައެެވެ.

ފާއިތުވި އަހަރު ތުރުކީގެ ތެލާއި ގޭސް ހޯދަން މަސަައްކަތްކުރާ 'ފާތިހް' އުޅަނދުން ވަނީ ހުޅަނގު ބްލެކްސީގައި ތުރުކީގެ އައްސޭރިއާ 100 މޭލު ދުރުގައި އޮންނަ ސަކަރްޔާ ފީލްޑުން 405 ބިލިއަން ކޮޑިމީޓަރުގެ ގުދުރަތީ ގޭސް ހޯދާފައެވެ. މިއީ ތުރުކީގައި އެެންމެ ފަހަރާ ފެނުނު އެންމެ ގިނަ ގޭހެވެ.

ތުރުކީން އުއްމީދުކުރަނީ މި ހޯދުންތަކުގެ ސަބަބުން އެ ގައުމަށް ދުނިޔޭގައި ގުދުރަތީ ގޭސް އުފައްދާ ގައުމުތަކުގެ 'ގަދަ ދިހެއް'ގެ ތެރެއަށް ވަދެވޭނެ ކަމުގައެވެ. މިހާރު ދުނިޔޭގައި އެންމެ ގިނައިން ގުދުރަތީ ގޭސް އުފައްދާ ދިހަ ގައުމަކީ އެމެރިކާ، ރަޝިޔާ، އީރާން، ކެނެޑާ، އަލްޖީރިޔާ، ޤަޠަރު، ނޯވޭ، ސައޫދީ އަރަބިއްޔާ، އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެވެ. ތުރުކީ މިހާރު އޮތީ ގުދުރަތީ ގޭސް އުފައްދާ ގައުމުތަކުގެ ލިސްޓުގެ 74 ވަނައިގައެވެ.

އެންެމެ ފަހުން ފެނުނު ގޭސް ރިޒާވަކީ އެންމެ ފަހުގެ ހޯދުމަށް ނުވެ އިތުރު ގޭސް ފެެންނާނެ ކަމުގެ އުއްމީދު އަދި ތުރުކީއަށް އެބައޮތެވެ.

"އަަހަރުންގެ ފާތިހު އުޅަނދުން ވަނީ ސަކަރްޔާ ސަރަަހައްދުގެ އަމަސްރާ-1 ވަޅުން 135 ބިލިއަން ކޮޑިމީޓަރުގެ ގޭސް ހޯދާފައި. އެ ތަނުގައި ވަށައިގެން އަހަރުމެން ގޭސް ހޯދުމަށް ކުރާ މަަސައްކަތް ކުރިއަށް ދާނެ. މާތް ﷲގެ އިރާދަފުޅާ ލައިގެން އެ ސަރަހައްދުން އިތުރު އުފާވެރި ޚަބަރު ލިބޭނެކަމަށް އަހަރުމެން އުއްމީދުކުރަން." ފިލްޔޯސް ބަނދަރުގައި ގާއިމުކުރި ގުދުރަތީ ގޭސް ފެސިލިޓީ ހުޅުވުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސު ރަޖަބް ޠައްޔިބް އެރްދޮޣާން ވިދާޅުވިއެވެ.

ތުރުކީން މި ފެނުނު ގޭހުގެ ސަބަބުން ހަކަތައިގެ ބާވަތްތައް ހޯދުމަށް އެގައުމުން ބޭރު ގައުމުތަކަށް ބަރޯސާވުން ކުޑަވެ، ގައުމުން ބޭރަށްދާ ބޭރު ފައިސާ ހިފެހެއްޓޭނެވެ. ލަފާކުރެވޭ ގޮތުގައި އަލަށް ފެނުނު ގޭސް އުފައްދައި ސަޕްލައިކުރަން ބޭނުންވާ ވަސީލަތްތައް ގާއިމުކޮށް، 2028 އަންނައިރު އަހަރަކު 15 ބިލިއަން ކޮޑިމީޓަރުގެ ގުދުރަތީ ގޭސް އުފެއްދޭނެއެވެ. މިއާ ތުރުކީއަށް އަހަރަކު ބޭނުންވާ މިންވަރުގެ %30 އެވެ. މިހާރު ތުރުކީން އަަހަރަކު 50 ބިލިއަން ކޮޑިމީޓަރުގެ ގުދުރަތީ ގޭސް އެތެރެކުރެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.