ބިންހެލުމުގައި ގެދޮރު ގެއްލުނު މީހުންނަށް ގެ އަޅައިދިނުމުގެ ބިޔަ މަޝްރޫއު ފަށައިފި

ފާއިތުވި ފެބުރުވަރީ މަހު ތުރުކީއަށް އައި ބާރުގަދަ ބިންހެލުމުގައި ހަލާކުވެފައިވާ އިމާރާތެއް

ތުރުކީގެ ދެކުނު ސަރަހައްދުތަކަށް ފާއިތުވި ފެބުރުވަރީ މަހުގެ ތެރޭގައި އައި ބާރުގަދަ ދެ ބިންހެލުމުގައި ގެދޮރު ސުންނާފަތިވެފައިވާ މީހުންނަށް ގެ އަޅައިދިނުމުގެ ބިޔަ މަޝްރޫއު ތުރުކީ ސަރުކާރުން ފަށައިފިއެވެ.

ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ޕްރޮވިންސު ކަމުގައިވާ ކަހްރަމާންމަރާޝްގެ ކަރަޝަސޫ ޑިސްޓްރިކްގައި އިއްޔެ އޮތް ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހު ރައީސު ރަޖަބް ޠައްޔިބް އެރްދޮޣާން ވަނީ ބިންހެލުމުގައި ގެދޮރު ގެއްލުނު މީހުންނަށް ހަދާފައިވާ ކޮންޓޭނާ ކޮމްޕްލެކްސްއެއްގައި އޮތް ރޯދަވީއްލުމެއްގައި ބައިވެރިވެވަޑައިގެންފައެވެ.

"ލިބިފައިވާ ގެއްލުން އަންދާޒާކުރަން ދިރާސާއެއް ހެދުމަށްފަހު އަހަރުމެން މިވަނީ ކަހްރަމާންމަރާޝްގައި 77 ހާސް ގެއާއި، 30 ހާސް 'ވިލެޖް ހައުސް' އެޅުމަށް އަތުކުރި އޮޅާލާފައި." ބިންގާއެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސު އެރްދޮޣާން ވިދާޅުވިއެވެ.

"މިހާ ބޮޑު ސަރަހައްދެއް މިހާ ބޮޑަށް ސުންނާފަތިކޮށްލި ކާރިސާއަކަށްފަހު، އަލުން ބިނާކުރުމުގެ މަރުހަލާ ފެށޭނެ ގައުމެއް ދުނިޔޭގައި ތުރުކީ ނޫނީ ނެތް." ކަހްރަމާންމަރާޝްގައި ފުރަތަމަ 17902 ގެ ބިނާކުރުމުގެ މަޝްރޫއު ފަށްޓަވައިދެއްވަމުން އެރްދޮޣާން ވިދާޅުވިއެވެ.

އޭނާ ވަނީ ބިންހެލުމުގައި ގެދޮރު ގެއްލުނު އެންމެންނަށް އެއް އަހަރުދުވަހުގެ ތެރޭގައި ގެދޮރު ބިނާކޮށްދެއްވާނެކަމުގެ ވައުދު ތަކުރާރުކުރައްވާފައެވެ.

ތުރުކީގެ ދެކުނުގެ ސަރަހައްދުތަކަށް ފެބުރުވަރީ މަހުގެ 6 ވަނަ ދުވަހު އައި ބާރުގަދަ ދެ ބިންހެލުމުގައި 1 ލައްކަ 60 ހާސް އިމާރާތް ވެއްޓި 5 ލައްކަ 20 ހާސް އެޕާޓްމަންޓާއި، ގެ ސުންނާފަތިވެފައިވާއިރު، 1.5 މިލިއަން މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. ބިންހެލުމުގައި ގާތްގަނޑަކަށް 50 ހާސް މީހުން މަރުވެފައިވެއެވެ. ތުރުކީއާއި އިންވެގެން ދެކުނަށް އޮތް ސީރިޔާގެ އުތުރަށް ވެސް ބިންހެލުން އައިސް 6 ހާހެއްހާ މީހުން މަރުވެފައި ވެއެވެ.

ބިންހެލުމުގައި ސުންނާފަތިވި ސަރަހައްދުގެ މީހުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމުގެ ބިޔަ މަޝްރޫއަށް 15 ބިލިއަން އެމެރިކާ ޑޮލަރު ޚަރަދުވާނެކަމަށް ބެލެވޭއިރު، އެ ސަރަހައްދުގައި އަސާސީ ޚިދުމަތައް ގާއިމުކުރުމަށް ހިނގާ ޚަރަދާއެކު މި މަޝްރޫއަށް 25 ބިލިއަން އެމެރިކާ ޑޮލަރު ހޭދަވާނެކަމަށް ބެލެވެއެވެ.

އިއްޔެގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސު އެރްދޮޣާން ފާހަގަކުރެއްވި ގޮތުގައި 'ތުރުކީގެ ސައްތަ' ކަމުގައި މިޤަރުނު ހެދުމަށް ކަނޑައަޅާފަވާ ލަނޑުދަނޑިއަށް ވާސިލުވުމަށް ކުރާ މަސައްކަތް ބިންހެލުމުގެ ސަބަބުން ހުއްޓައިނުލާނެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.