ސްރީލަންކާގެ އައްސޭރި ކައިރިއަށް އާގުބޯޓު އަޑިއަށް ދިއުމުގެ އެންމެ ބޮޑު އަސަރު މަސްވެރިންނަށް

އެކްސް-ޕްރެސް ޕާލް އަޑިއަށް ދަނީ

ސްރީލަންކާގެ ވެރިރަށް ކޮލޮމްބޯގެ އައްސޭރިކައިރިއަށް ސިންގަޕޫރުގެ އާގުބޯޓު އެމްވީ އެކްސް-ޕްރެސް ޕާލް އަޑިއަށް ދިއުމުގެ ސަބަބުން އެގައުމަށް ތިމާވެށީގެ ބޮޑު ކާރިސާއެއް ކުރިމަތިވެފައި ވާއިރު، އާއްމުންގެ ތެރެއިން އެކާރިސާގެ ގެއްލުން އެންމެ ބޮޑަށް ފޯރަމުން ދަނީ އެ ސަރަހައްދުގެ މަސްވެރިންނަށެވެ.

ފެބުރުއަރީ 2021 ގައި އަލަށް ދަތުުތައް ފެށި އާގުބޯޓުން އަނދައިގެން ކަނޑަށް އެޅިފައިވާ އެތައް ޓަނެއްގެ ޕްލާސްޓިކް އަދި ފައިބަގްލާހުގެ ސަބަބުން ކޮލޮމްބޯ ސިޓީގެ އުތުރުގައިވާ އަވަށްތަކުގެ ފަޅު މުޅިން ތަޣައްޔަރުވެ އެތަކެތި އައްސޭރި ފަށަށް ލައްގަމުން ދާތީ ކޮލޮމްބޯގެ އުތުރުން 80 ކިިލޯމީޓަރުގެ ސަރަހައްދެއް ވަނީ މަސްވެރިންނަށް ބަންދުކޮށްފައެވެ.

މި ކާރިސާގެ އަސަރު އެންމެ ބޮޑަށް ކުރި މަސްވެރިންގެ ތެރޭގައި މަޝްހޫރު ނިގަމްބޯ ފަޅުގައި މަސްވެރިކަން ކުރާ، ނިގަމްބޯ އަވަށުގެ މަސްވެރިން ހިމެނެއެވެ.  އެއަވަށުގެ އެތައް ހާސް މަސްވެރިންގެ އާމްދަނީގެ މަގު ވަނީ ބަންދުވެފައެވެ.

ނިގަމްބޯ ފަޅުގެ އުތުރުގައި އޮންނަ ލެލާމާ އަވަށަކީ ސްރީލަންކާގަައި މަޝްހޫރު މަސްވެރި އަވަށެކެވެ. އެ އަވަށުގައި އޮންނަ ލެލާމާ މަސް މާރުކޭޓަކީ ސްރީލަންކާގެ ދެވަނައަށް އެންމެ ބޮޑު މަސް މާރުކޭޓެވެ. އެ އަވަށުގެ 1 ލައްކަ 60 ހާހެއްހާ މީހުންގެ އާމްދަނީ ސީދާ ގޮތުންނާއި، ނުސީދާ ގޮތުން ގުޅިފައި ވަނީ އެއަވަށުގެ 2000 މަސް ބޯޓާއެވެ. މޭ މަހުގެ 22 ވަނަ ދުވަހުން ފެށިގެށް އެ ބޯޓުތައް މަހަށް ނުފުރައެވެ.

"އަހަރުމެންނަށް އަންގާފައި ވަނީ ކަނޑަށް ނުނުކުންނަން. އޭގެ ސަބަބުން ބޮޑެތި މައްސަލަތައް ވަނީ ކުރިމަތިވެފަ. މަސްވެރިންތިބީ ގޮތް ހުސްވެފައި. އާގުބޯޓުގެ ސަބަބުން އަހަރުމެންނަށް މަސައްކަތަށް ނުނުކުމެވޭތާ ހަފުތާއަކަށްވުރެ ގިނަ ދުވަސްވީ. އަހަރުމެން މިތިބެނީ ކުރާނެ ކަމެއް ނެތި ގޭގައި." ލެލާމާގެ މަސްވެރިއަކު ބުންޏެވެ.

ކޮލޮމްބޯ ބަނދަރަށް ވަނުމުގެ އިންތިޒާރުގައި ބަނދަރާ ދިމާއަށް ބޭރުން 18 ވަރަކަށް ކިލޯމީޓަރު ދުރުގައި އޮތް އެކްސް-ޕްރެސް ޕާލްގައި ފާއިތު މޭ މަހުގެ 20 ވަނަ ދުވަހު ރޯވީ އޭގައި ހުރި ކެމިކަލްތަކެއް ގޮވުމުގެ ސަބަބުންނެވެ. އިންޑިޔާގެ ގުޖަރާތު ސްޓޭޓުގެ ހަޒީރާ ބަނަދަރުން ފުރައިގެން ކޮލޮމްބޯއަށް ދަތުރުކުރި އެ ބޯޓުގައި 1486 ކޮންޓޭނާ ހުއްޓެވެ. އަދި 25 ޓަނު ނައިޓްރިކް އެސިޑާއި އެހެން ބައެއް ކެމިކަލް ހުއްޓެވެ.  މި އާގު ބޯޓު ވަނީ މި ޖޫން މަހުގެ 2 ވަނަ ދުވަހު އަޑިއަށް ގޮސްފައެވެ. އަދި ސްރީލަންކާއަށް ތިމާވެށީގެ ބޮޑު ކާރިސާއެއް ކުރިމަތިކޮށްފައެވެ.

މިހާރު އުފެދިފައިވާ އެންމެ ބޮޑު ބިރަކީ އެ ބޯޓުގައި ހުރި ތެޔޮ ކަނޑަށް ބޭރުވުމުގެ ބިރެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.