ނަތަންޔާހޫއާ ދެކޮޅު ޕާޓީތަކުން ކޯލިޝަން ސަރުކާރެއް އެކުލަވާލައި އިސްރާއީލުގެ ރައީސަށް ހުށަހަޅައިފި

އިސްރާއީލުގެ އާ ކޯލިޝަންގެ އިސް ދެ ބައިވެރިން، ޔާޝް އަތިދް ޕާޓީގެ ލީޑަރު ޔާއިރު ލަޕިޑް (ވ) އަދި ޔަމީނާ ޕާޓީގެ ލީޑަރު ނަފްތާލީ ބެނެޓް (ކ)

އިސްރާއީލުގެ އިދިކޮޅު ޕާޓީތައް ގުޅިގެން ކޯލިޝަން ސަރުކާރެއް އެކުލަވާލައި ރައީސު ރޫވެެން ރިވްލިންއަށް ހުށަަހަޅައިފިއެވެ. މި ސަރުކާރަށް އިސްރާއީލުގެ ގާނޫނުހަދާ މަޖިލިސް، ކްނެސެޓްގެ ރުހުން ލިބިއްެޖެނަމަ، ބޮޑުވަޒީރު ނަތަންޔާހޫގެ 12 އަހަރުވީ ވެރިކަމަށް ނިމުމެއް އަންނާނެއެެވެ.

"ސަރުކާރެއް އެކުލަވާލަން އެއްބަސްވިކަަމަށްޓަކައި ޔައިރް ލަޕިޑްއަށާއި، ޕާޓީތަަކުގެ ވެރިންނަށް މަރުހަބާކިޔަން. މި ސަރުކާރަށް ރުހުން ދިނުމަށް ވީހާ އަވަހަކަށް ސެނެޓްގެ ޖަލްސާއެއް ބާއެްވާނެ ކަމަށް އުއްމީދުކުރަން." އިސްރާއީލުގެ ރައީސު ރިވްލިން ރޭ ކުރި ޓުވީޓެއްގައި ވެއެެވެ.

"މި ސަރުކާރު މަސަައްކަތްކުރާނީ އިސްރާއީލުގެ ހުރިހާ ރައްޔިތުންނަށްޓަކާ. މި ސަރުކާރަށް ވޯޓު ދިން މީހުންނަށާ، ވޯޓު ނުދޭ މީހުންނަށްޓަކާ. އިސްރާއީލުގެ މުޖުތަމައު އެއްބައިވަންތަކުރުމަށް އަހަރެން ހުރިހާ ކަމެއް ކުރާނަން." ކޯލިޝަން ސަރުކާރު ރައީސު ރިވްލިންއަށް ހުށަހެޅުމަށްފަހު ލަޕިޑް ޓުވީޓުކޮށްފައި ވެއެެވެ.

އިސްރާއީލުުގައި 2 އަހަރު ތެރޭގައި ބޭއްވި އާއްމު އިންތިޚާބު، ފާއިތުވި މާރިޗު މަހުގެ 23 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ނަތަންޔާހޫގެ ލިކުޑް ޕާޓިީން ކަމުގައި ވިޔަސް، ސަރުކާރެއް އެކުލަވާލަން ދިން ފުރުސަތުގައި ނަތަންޔާހޫއަށް ކްނެސެޓްގެ އަޣުލަބިއްޔަތު ލިބޭވަރަށް ތާއީދު ނުހޯދުނެވެ. އެެެހެންކަމުން، ދެން ރައީސު ރިވްލިން ސަރުކާރެއް އެކުލަވާން ހަވާލުކުރީ ދެވަނައަށް އެންމެ ގިނަ ގޮނޑި ހޯދި ޕާޓީ ޔާޝް އަތިދްގެ ލީޑަރު ޔާއިރް ލަޕިޑްއާއެވެ. އޭނާއަށް ދިން މުހުލަތު ހަމަވާން އޮތީ ރޭ މެންދަމު 12:00 އަށެވެ. އޭގެ ކުޑަ ވަގުތުކޮޅެއް ކުރިން އޭނާ ވަނީ ސަރުކާރެއް އެކުލަވާލައި ރައީސަށް ހުށަހަޅާފައެވެ.

އިދިކޮޅު ކޯލިޝަން އެކުލަވާލުމުގައި ލަަޕިޑްއާއެކު ހަރަކާތްތެރިވީ ކަނާތު ފިޔައިގެ ޕާޓީ، ޔަމީނާގެ ލީޑަރު ނަފްތާލީ ބެނެޓްއެވެ. މި ދެ ލީޑަރުންގެ ދެ ޕާޓީގެ އިތުރަށް 5 ޕާޓީއެއް މި ކޯލިޝަނުގައި ބައިވެރިވެއެވެ، އޭގެ ތެރޭގައި ނިއު ހޯޕް ޕާޓީއާއި، އެވިގްދޯރް ލީބަރްމަންގެ އިސްރާއީލް ބައިތުނާ ޕާޓީއާއި، އިސްރާއީލުގެ ގާނޫނުހަދާ މަޖިލީހުގައި އިސްރާއީލުގެ އަރަބިން ތަމްސީލުކުރާ ހަމައެކަނި ޕާޓީ، ޔުނައިޓެޑް އަރަބް ލިސްޓް ހިމެނެއެވެ.

ކޯލިޝަން އެއްބަސްވުމުގެ ދަށުން ލަޕިޑްއާއި ބެނެޓް ދައުރުވާ އުސޫލުން ބޮޑުވަޒީރުކަން ކުރާނެއެވެ. މިގޮތުން ފުރަަތަމަ ބޮޑުވަޒީރުކަމާ ހަވާލުވަނީ ޔަމީނާ ޕާޓީގެ ލީޑަރު ނަފްތާލީ ބެނެޓްއެވެ. ދައުރުގެ މެދުތެރޭން އޭނާ ބޮޑުވަޒީރުކަން ދޫކޮށްލައި ޔާޝް އަތިދް ޕާޓީގެ ލީޑަަރު ޔާއިރް ލަޕިޑްއެވެ.

މިހާރު މަގާމު ގެެއްލުމުގެ ބިރުހީވެފައިވާ ބެންޖަމިން ނަތަންޔާހޫއަކީ އިސްރާއީލުގައި އެންމެ ދިގު މުއްދަތަކަށް ވެރިކަން ކުރި ބޮޑުވަޒީރެވެ. އޭނާ ވަނީ 1996 އިން 1999 އަށް އިސްރާއީލުގެ ބޮޑުވަޒީރުކަން ކޮށްފައެވެ. އަދި 2009 ވަނަ އަހަރު އެނބުރި އައި ގޮތަށް އަދި އެމަގާމުގައި ހުރީ އޭނާއެވެ. އެހެނކަމުން އޭނާ ވަނީ ޖުމްލަ 15 އަހަރު ބޮޑުވަޒީރުކަން ކޮށްފައެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.