އަރަބި ކެންޑިޑޭޓުން އިންތިޚާބުގައި ވާދަކުރުމުގެ ހުއްދަ އިސްރާއީލުގެ ސުޕްރީމް ކޯޓުން ދީފި

އިސްރާއީލުގެ ކްނެސެޓްގެ އަރަބި ދެ މެންބަރުން: އަޙްމަދު އައްޠައިބީ އާއި އައިމަން ޢައުދާ

އިސްރާއީލުގައި އަންނަ އެޕްރީލް މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޢާއްމު އިންތިޚާބުގައި ވާދަކުރުމުގެ ހުއްދަ 1948 ވަނަ އަހަރު ކަނޑައެޅުނު އިސްރާއީލުގެ ސަރަހައްދުގެ އަރަބި ކެންޑިޑޭޓުން ތަމްސީލުކުރާ ބަލަދް-ޔުނައިޓެޑް އަރަބް ޕާޓީއަށް އެ ގައުމުގެ ސުޕްރީމް ކޯޓުން ދީފިއެވެ.

ސުޕްރީމް ކޯޓުގެ މި ނިންމުން އައީ، އާއްމު އިންތިޚާބުގައި އަރަބި ޕާޓީ ވާދަކުރުން މަނާކުރުމަށް އިސްރާއީލުގެ ސެންޓްރަލް އިލެކްޝަންސް ކޮމިޝަނުން މި މާރިޗު މަހުގެ 6 ވަނަ ދުވަހު ނިންމި ނިންމުން އަރަބި ޕާޓީން އެކޯޓުން ހުށަހެޅުމުން އެނިންމުން ބާޠިލުކުރުމުންނެވެ. އިލެކްޝަންސް ކޮމިޝަނުން އެ ގޮތަށް ނިންމީ އަރަބި ކެންޑިޑޭޓުން ޓެރަރިޒަމަށް ހިތްވަރުދޭ ކަމަށާއި، އެ ކެންޑިޑޭޓުން އިސްރާއީލަކީ ދައުލަތެއް ކަން ގަބޫލުނުކުރާ ކަމަށް ބުނެއެވެ.

މީގެ އިތުރަށް ސުޕްރީމް ކޯޓުން ވަނީ ކަނާތު ފިޔައިގެ ހައްދު ފަހަނައަޅާފައިވާ ޔަހޫދީ އޮޒްމާ ޔަހޫދިތު ޕާޓީގެ ކެންޑިޑޭޓު މީކާއީލް ބެން އާރީ އިންތިޚާބުގައި ވާދަކުރުން ހުއްޓުވާފައެވެ. އޭއީ އޭނާ ގެންގުޅޭ ހައްދު ފަހަނައަޅާފައިވާ ޚިޔާލުތަކުގެ ސަބަބުންނެވެ.

އަރަބި ކެންޑިޑޭޓުންނާ އެއްކޮޅަށް ކޯޓުގެ ނިންމުން އައީ އަށް ފަނޑިޔާރުންގެ ތާއީދާއެކުގައެވެ. ދެކޮޅު ހެދީ އެންމެ ފަނޑިޔާރެކެވެ.

އިސްރާއީލުގެ އާއްމު އިންތިޚާބުތަކުގައި އެ ގައުމުގެ 1948 ވަނަ އަހަރުގެ ސަރަހައްދުގެ ތެރޭގައި ދިރިއުޅޭ އަރަބިން ތަމްސީލުކުރާ ޕާޓީތަކުން އަބަދުވެސް ވާދަކުރެއެވެ. އަދި ގޮނޑިތައް ކާމިޔާބުކޮށްފައި ވެސް ވެއެވެ. އިސްރާއީލުގެ ގާނޫނުހަދާ މަޖިލިސް، ކްނެސެޓްގެ 120 މެންބަރުންގެ ތެރޭގައި މިހާރުވެސް 17 އަރަބި މެންބަރުން އެބަތިއްބެވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.