ތުރުކީގެ އެންމެ ބޮޑު ރަށް އިސްތަންބޫލްގެ އެންމެ މަޝްހޫރު މައިދާން 'ތަކްސީމް ސްކުއެޔާ' ގައި ތަކްސީމް މަސްޖިދުގެ ނަމުގައި ބޮޑު މިސްކިތެއް ހުޅުވައިފިއެެވެ. ގާނޫނީ އެތައް ހުރަސްތަކެެއް ގިރާކުރުމަށް ފަހު، ރައީސު ރަޖަބް ޠައްޔިބް އެރްދޮޣާން މިއަދު ހުޅުއްވައިދެއްވި މިސްކިތް ހުޅުވުމާއެކު މީގެ 27 އަހަރުކުރިން އޭނާ ވެވަޑައިގެންނެވި ވައުދެއް ފުދުނީއެވެ.
100 ފޫޓު އުސް ގުއްބައަކާއި 200 ފޫޓު އުސް ދެ މުންނާރާއެކު އުސްމާނީ ޑިޒައިނަށް އިމާރާތްކޮށްފައިވާ، 4000 މީހުންނަށް އެއްފަަހަރާ ނަމާދުކުރެވޭ މިމިސްކިތުގެ މަަސައްކަތް ފެށީ 2017 ވަނަ އަހަރުއެވެ. މި މިސްކިތް އެތަނެއްގައި ބިނާކޮށްފައިވާ ތަކްސީމް މައިދާނަކީ މިޒަމާނުގެ ތުރުކީގެ އަލްމާނީ (ސެކިއުލާ) ޖުމްހޫރިއްޔާ ރަމްޒުކޮށްދޭ 'ރިޕަބްލިކް މޮނިއުމެންޓް' ހަނދާނީ ބިނާ ހުރި މައިދާނެވެ. އެެހެންކަމުން އެމައިދާނުގަައި މިސްކިތެއް ގާއިމުކުރުމަށް އެކި ފަރާތްތަކުން ގާނޫނީ ހުރަސްތައް ކުރިމަތި ކުރިއެވެ. އެހެންނަމަވެސް، މިހުރިހާ ގާނޫނީ ހުރަސްތައް ގިރާކުރުމަށް ފަހު ކަލްޗަރަލް މޮނިއުމެންޓްސް ޕްރިޒަވޭޝަން ބޯޑުން ވަނީ ޖަނަވަރީ 2017 ގައި މިސްކިތް ބިނާކުރުމުގެ ހުއްދަ ދީފައެވެ.
އިސްތަންބޫލްގެ ޔޫރަޕް ފަޅީގެ އެންމެ މަޝްހޫރު ސަރަހައްދުގައި ބިނާކޮށްފައިވާ ތަކްސީމް މަސްޖިދަކީ އޭގެ ސައިޒަށްވުރެ ބޮޑަށް، އޭގެ ރަމްޒީ ހައިސިއްޔަތު ބޮޮޑު މިސްކިތެކެވެ. އެރްދޮޣާން ވެރިކަމަށް ވަޑައިގަތުމަށް ފަހު ތުރުކީގެ އަލްމާނީ ސިފަ މަޑުމަޑުން އިސްލާމީ ސިފައަށް ބަދަލުކުރެއްވުމަށް ކުރައްވަމުންދާ މަސައްކަތްޕުޅުގެ ރަމްޒަކަށް ވާތީއެވެ. މީގެ އިތުރަށް، އޭނާގެ މިމަސައްކަތްޕުޅުގެ ތެރޭގައި އިސްތަންބޫލްގެ އޭޝިޔާ ފަޅީގައި ބޮޑު މިސްކިތެއް ބިނާކުރެއްވުމާއި، މަޝްހޫރު އާޔާ ސޯފިޔާ ފައްޅި މިސްކިތަކަށް ބަދަލުކުރެއްވުން ހިމެނެއެވެ.
1994 ވަނަ އަަހަރު އިސްތަންބޫލްގެ މޭޔަރުކަަމަށް ހޮވިވަޑައިގަތުމަށްފަހު ތަކްސީމް މައިދާނަށް ކުރެއްވި ޒިޔާރަތެއްގައި އޭނާ ވަނީ އެ މައިދާނުގައި މިސްކިތެއް ބިނާކުރައްވަން ވެވަޑައިގަތް ވައުދު ހަގީގަތަކަށްވި ތަކްސީމް މަސްޖިދުގައި ނަމާދުކުރާ ހޯލްެގެ އިތުރަށް ސަގާފީ މަރުކަޒަކާއި، ޑިޖިޓަލް ލައިބްރަރީއަކާއި އެގްޒިބިޝަން ހޯލެއްވެސް ހިމެނެއެެވެ. މި މިސްކިތް ބިނާކުރުމަށް ޚަރަދުކޮށްފައިވަނީ ތުރުކީ މަޝްހޫރު ވިޔަފާރި އާއިލާއެއްގެ ތިން ބެއިންނެެވެ.
"އަހަރެން އުޅެބޮޑުވީ ކާސިމްޕާޝާ (އިސްތަންބޫލްގެ އަވަށެއް) ގައި. ކުޑަ ތަންކޮޅެއްގައި، ނޫސް ކަރުދާހުގެ މަތީގައި ނަމާދުކުރަން މުސްލިމުންނަށް މަޖުބޫރުވީ ހަނދާން އަހަރެން އެބަހުރި. އަހަރުމެންގެ މިހާރުގެ އުއްމީދަކީ މުއުމިނުން މިމިސްކިތް ފުރާލުން. އަދި މިތަނުން ބަންގީގެ އަޑު އަބަދު އިިވިއިވި ހުރުން." މިއަދު މިސްކިތް ހުޅުއްވައިދެއްވަށްފަހު ދެެއްކެވި ވާހަކަފުޅުގައި ރައީސު އެރްދޮޣާން ވިދާޅުވިއެވެ.