ދެކުނު އޭޝިޔާ ސަރަހައްދުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިއަދު (ހުކުރު ދުވަހު) 30 މިލިއަނަށްވުރެ މައްޗަށް ހިނގައްޖެއެވެ. ރަސްމީ ތަފާސް ހިސާބުތަކާ ހަވާލާދީ މިކަން ހާމަކޮށްފައި ވަނީ ރޮއިޓާސްއިންނެވެ. މި ސަރަހައްދުގެ ގައުމުތަކުން ޕޮޒިޓިވްވި މީހުންގެ ބޮޑު ބަޔަކީ އިންޑިޔާ މީހުންނެވެ.
އިންޑިޔާގެ ހާލަތު ގޯސްވެ 3 ލައްކައަށްވުރެ ގިނަ މީހުން މަރުވެފައި ވާއިރު، އޭގެތެރޭން 1 ލައްކަ މީހުން މަރުވެފައި ވަނީ ފާއިތުވި މަހެެއްހާ ދުވަހުއެވެ.
އިންޑިޔާ، ބަންގްލާދޭޝް، ބޫޓާން، ދިވެހިރާއްޖެ، ނޭޕާލް، ޕާކިސްތާނު އަދި ނޭޕާލް ހިމެނޭ ދެކުނު އޭޝިޔާ ސަރަހައްދުގައި ޕޮޒިޓިވްވި މީހުންނަކީ ދުނިޔޭ ނިސްބަތުން %18 އެވެ. އަދި އެ ސަރަހައްދުގައި މަރުވެފައި ވަނީ ދުނިޔޭގައި ކޮވިޑް-19 ގައި މަރުވި މީހުންގެ %10 އެވެ. އެެހެންނަމަވެސް، ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތަައި ހާމަކުރެވޭ އަދަދުތަކަކީ ހަގީގީ އަދަދުތަކަށްވުރެ ދަށް އަދަދުތަކެކެވެ.
ދުނިޔޭގެ ދެވަނައަށް އާބާދީ އެންެމެ ބޮޑު ގައުމު އިންޑިޔާގައި އެކަނި ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 27 މިލިއަނަށްވުރެ މައްޗަށް ގޮސްފައެވެ. ސަރަހައްދުގައި ދެވަަނައަށް އެންމެ ހާލަތު ގޯހީ ދުނިޔޭގައި ފަސްވަނައަށް އެންމެ ބޮޑު އަބާދީ އޮތް ޕާކިސްތާނެެވެ. އެ ގައުމުގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިލިއަނަކާ ގާތްކުރާއިރު، މަރުވި މީހުންގެ އަދަދު ވަނީ 20 ހާހަށް އަރާފައެވެ.
ދުނިޔޭގައި އަށްވަނައަށް އެންމެ ބޮޑު އަބާދީ އޮތް ބަންގްލާދޭޝްއަކީ ދެކުނު އޭޝިޔާގައި ކޮވިޑް-19 ގެ ހާލަތު ތިންވަނައަށް އެންމެ ގޯސް ގައުމެވެ. އެގައުމުގައި ޕޮޒިޓިވްވި މީހުންގެ އަދަދު 8 ލައްކައާ ކައިރިކުރާއިރު، މަރުވި މީހުންގެ އަދަދު ވަނީ 12 ހާހަށްވުރެ މައްޗަށް ގޮސްފައެވެ.
އިންޑިޔާއަކީ ދުނިޔޭގައި އެެންމެ ގިނަައިން ވެކްސިން އުފައްދާ ގައުމަށް ވާއިރުވެސް، އެގައުމުގައި ވެކްސިން ޖެހުމުގެ ޕްރޮގްރާމް ކުރިއަަށް ދަނީ އަދިވެސް ވަރަށް ލަސް ދުުވެލީގައެވެ. 18 އަހަރުން މަތީގެ މީހުންނަށް ވެކްސިން ޖެހުމަށް ނިންމާފައި ވިޔަސް މިހާތަނަށް 2 ޑޯަޒް ފުރިހަމަކުރެވިފައި ވަނީ އާބާދީ %3.1 މީހުންނަށެވެ.
މުޅި ދެކުނު އޭޝިޔާއަށް ބަލާއިރު، އެ ސަރަހައްދުގައި ވެކްސިންގެ 219 މިލިއަނަށް ވުރެ ގިނަ ޑޯޒް ވަނީ ޖަހާފައެވެ.
ދެކުނު އޭޝިޔާގައި އެެންމެ ހަލުވިކޮށް ހާލަތު ގޯސްވަމުން އަންނަ އެެއް ގައުމަކީ ނޭޕާލެވެ. 29 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ނޭޕާލުގައި މިހާތަނަށް ބައި މިލިއަންވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެެވެ. އަދި 7 ހާހަށްވުރެ ގިނަ މީހުން ވަނީ މިބަލީގައި މަރުވެފައެވެ. 21 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާގައި މިހާތަނަށް 1 ލައްކަ 70 ހާހަށްވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާއިރު، 1300 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މި ދެގައުމަށްވެސް ވަނީ ބޭނުންވާ ވަރަށް ވެކްސިން ލިބުމުގެ ދަތިކަން ކުރިމަތިވެފައެވެ.
ދެކުނު އޭޝިޔާގައި އެެންމެ ކުޑަ އާބާދީއެެއް (5 ލައްކަ މީހުން) އޮންނަ ދިވެހިރާއްޖޭގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި މިހާތަނަށް 60 ހާހަށްވުރެ ގިނަ މީހުން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އަދި މިބަލީގައި ރާއްޖެއިން 150 އަށްވުރެ ގިނަ މީހުން މަރުވެފައެވެ.
ދެކުނު އޭޝިޔާގެ ގައުމުތަކުގެ ތެރޭން ކޮވިޑް-19 ހާލަަތު އަދި އެންމެ ރަނގަޅަށް އޮތީ ބޫޓާނުގައެވެ. 8 ލައްކައެއްހާ މީހުންގެ އާބާދީއެއް އޮތް ބޫޓާނުގައި މިހާތަނަށް ޕޮޒިޓިވްވީ 1491 މީހުންނެވެ. އަދި މިބަލީގައި އެގައުމުން މަރުވެފައި ވަނީ އެންެމެ މީހެކެވެ. ކޮވިޑް-19 ފެތުރެން ފެށުމާއެކު ބޫޓާންގެ ބޯޑަރުތައް ބަންދުކުރި ގޮތަށް އެގައުމަށް ފަތުރުވެރިންނަށް ދަތުރުނުކުރެވެއެވެ. އެ ގައުމުގައި ކޮވިޑް-19 ގެ ހާލަތު ކޮންޓުރޯލުވެފައި އޮތުމުގެ އެންމެ ބޮޑު ސަބަބަކީ އެއީއެވެ.