ކޮވިޑް- 19 ގެ ސަބަބުން ދެކުނު އޭޝިޔާގެ 22 މިލިއަން ކުޑަކުދިން ޕްރީސްކޫލް ތައުލީމުން މަހުރޫމުވެފައިވޭ: ޔުނިސެފް

ފާއިތުވި އަަހަރުގެ ޑިސެންބަރު މަހުއްސުރެ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް- 19 ބަލިމަޑުކަމުގެ ސަބަބުން ދެކުނު އޭޝިޔާގެ 22 މިލިއަން ކުޑަކުދިން އެކުދިންގެ ފުރަތަމަ އަހަރުގެ ތައުލީމުން މަހުރޫމުވެފައިވާ ކަމަށް އދ. ގެ ކުޑަކުދިންނާ ބެހޭ ޖަމްއިއްޔާ، ޔުނައިޓެޑް ނޭޝަންސް އިންޓަނޭޝަނަލް ޗިލްޑްރަންސް ފަންޑް (ޔުނިސެފް) އިން ބުނެފިއެވެ.

މިިކަން ހާމަކޮށްފައި ވަނީ އިއްޔެ ނެރުނު ދިރާސާ ރިިޕޯޓެއްގައެވެ. އެއީ ކޮވިޑް- 19 ގެ ސަބަބުން ދުނިޔޭގެ ގިނަ ސަރަހައްދުތަކެއްގައި ތައުލީމީ ޚިދުމަތްތައް ބަބންދުވުމުގެ ސަބަބުން ކުޑަކުދިންނަށް ކުރި އަސަރާ ގުޅޭގޮތުން ޔުނިސެފުން ކުރި ދިރާސާއެކެވެ.

ޔުނިސެފުން ކުރި ދިރާސާގައި ދެކުނު އޭޝިޔާގެ ގައުުމުތަކުގެ ގޮތުގައި ހިމަނާފައި ވަނީ އަފްޣާނިސްތާން، ބަންގްލަދޭޝް، ބޫޓާން، އިންޑިޔާ، ދިވެހިރާއްޖެ، ނޭޕާލް، ޕާކިސްތާން އަދި ސްރީލަންކާއެވެ.

"ކޮވިޑް- 19 ގެ ސަަބަބުން ދެކުނު އޭޝިޔާގައި އެންމެ ބޮޑު އަސަރެއް ކުރި ބަޔަކީ ކުޑަކުދިން. ދިގު މުއްދަތަކަށް ސްކޫލްތައް ބަންދުކުރުމާއި، ދުރުން ދޭ ތައުލީމުގެ ފުރުސަތު ކުޑަވުމުގެ ސަބަބުން ކުޑަކުދިން ވަނީ އެމީހުންނަށް ލިބެންޖެހޭ ތައުލީމުގު ހައްގުން މަހުރޫމުވެފައި." ޔުނިސެފުން ދެކުނު އޭޝިޔާއަށް ކަނޑައަޅާފައި ހުންނަވާ ޑިރެކްޓަރ ޖީޏް ގޮފް ވިދާޅުވިއެވެ.

"ކުޑަކުދިން އެމީހުންގެ ހުނަރުތައް ފުރިހަމައަށް ބޭނުންކުރެވޭ ފެންވަރަށް ދިއުމަށް ކުޑައިރު އަޅާލުމާއި، ފަށާ ތައުލީމު ދިނުމަކީ މުހިއްމު ކަމެއް. މިހާރު ފިޔަވަޅު ނައަޅައިފިނަމަ، އެތައް މިލިއަން ކުޑަކުދިންނެެއްގެ މުސްތަގުބަލު ނުރައްކަލަށް ހުށަހެޅޭނެ." ގޮފް އިތުރަށް ވިދާޅުވިއެވެ.

"ކޮވިޑް- 19 ގެ ސަބަބުން ދުނިޔޭގައި މަދުވެެގެން 40 މިލިއަން ކުޑަކުދިން، އޭގެ ތެެެރޭގައި ދެކުނު އޭޝިޔާގެ 22 މިލިއަން ކުޑަކުދިން ހިމެނޭހެން، އެ ކުދިންނަށް މުހިއްމު ޕްރީސްކޫލް އަހަރުގެ ތައުލީމުން ވަނީ މަހުރޫމުވެފައި." ޔުނިސެފްގެ ދިރާސާގައި ބުނެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.