ނޭޕާލުގައި ގާނޫނުހަދާ މަޖިލިސް އުވާލައި އާ އިންތިޚާބަކަށް

ނޭޕާލުގެ ރައީސު ބިދްޔާ ދޭވީ ބަންޑާރީ

ނޭޕާލުގައި އާ ސަރުކާރެއް އެކުލަވާނުލެވި، އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަން އިތުރުވަމުން ދާތީ އެގައުމުގެ ގާނޫނުހަދާ މަޖިލިސް އުވާލައި އާންމު އިންތިޚާބެއް ބޭއްވުމަށް އެ ގައުމުގެ ރައީސު ބިދްޔާ ދޭވީ ބަންޑާރީ ނިންމަވައިފިއެވެ. އިންތިޚާބު ބާއްވަން ނިންމާފައި ވަނީ އަންނަ ނޮވެންބަރު މަހުގައެވެ.
ރޭ ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާންވީ ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ބަޔާނަކަށެވެ. އެއީ ކޮވިޑް-19 ގެ ހާލަތު ނޭޕާލުގައި އިންތިހާއަށް ގޯސްވަމުންދާ ދަނޑިވަޅެއްގައި އާއްމު އިންތިޚާބަކަށް ގޮވައިލީމައެވެ. އެހެންނަމަވެސް، ބަޔާނުގައި ތަފްސީކޮށްދީފައިވާ ގޮތުން އިންތިޚާބަަކަށް ދާންޖެހުނީ އެ ނޫން ގޮތެއް ނެތިގެންނެވެ.
މިހާރުގެ ވަގުތީ ބޮޑުވަޒީރު ކޭޕީ ޝަރްމާ އޮލީއާއި އިދިކޮޅު ލީޑަރު ޝޭރް ބަހާދުރް ޑިއުބާއާ ދެބޭފުޅުންނަށް ރައީސު ބަންޑާރީ ވަނީ އިއްޔެގެ ނިޔަލަށް ސަރުކާރެއް އެކުލަވާލުމަށް މުހުލަތު ދެއްްވާފައެވެ. ނަމަވެސް ސުންގަޑި ހަމަވިއުރުވެސް ދެބޭފުޅުންނަަށްވެސް ސަރުކާރެއް އެކުލަވާލާ މިންވަރަށް ގާނޫނުހަދާ މަޖިލީހުގައި އަޣުލަބިއްޔަތު ނުހޯއްދެވުނެވެ.
ރައީސު ވަނީ ހައުސް އޮފް ރެޕްރެޒެންޓެޓިވްސް (ގާނޫނުހަދާ މަޖިލިސް) އުވާލައްވައި، އާއްމު އިންތިޚާބުގެ ފުރަތަމަ ބުރު ނޮވެންބަރު 12 ގައި އަދި ދެވަނަ ބުރު ނޮވެންބަރު 19 ގައި ބޭއްވުމަށް އަންގަވާފައި." ރޭ ދަންވަރުގެ ވަގުތެއްގައި ރިޔާސީ ގަނޑުވަރުން ނެރުނު ބަޔާނުގައި ވެއެެވެ.
ބަޔާނުގައި ވާގޮތުން ރައީސު މިގޮތަށް ނިންމެވީ ވަގުތީ ބޮޑުވަޒީރު އޮލީގެ ކެބިނެޓްގެ ހުށަހެޅުމުގެ މަތިންނެވެ. ބޮޑުވަޒީރު އޮލީ 2020 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ގާނޫނުހަދާ މަޖިލިސް އުވާލެއްވުމުން ބޮޑު ސިޔާސީ ހަމަނުޖެހުމެއް އުފެދި ގިނަ ބަޔަކު އެ ނިންމުމާ ދެކޮޅަށް ނުކުތެވެ. ނޭޕާލުގެ ސުޕްރީމްކޯޓުން ވަނީ ފަހުން އެ ނިންމުން ބާޠިލުކޮށްފައެވެ.
ރިޔާސީ ގަނޑުވަރުގެ ރޭގެ ބަޔާނާ ގުޅޭގޮތުން ނޭޕާލުގެ ސިޔާސީ ޕާޓީތަކުން އަދިި ވަކި އެއްޗެއް ބުނެފައި ނުވެއެވެ.
ނޭޕާލުން ދަނީ ކޮވިޑް-19 ގެ ދެވަނަ ރާޅަކާ ކުރިމަތިލަމުންނެވެ. މިހާރު އެ ގައުމުގައި އެވްރެޖްކޮށް ދުވަހަކު 8 ހާހަށްވުރެ ގިނަ މީހުން އެ ބައްޔަށް ޕޮޒިޓިވް ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.