ނޭޕާލުގެ ގާނޫނުހަދާ މަޖިލިސް އުވާލައި އަވަސް އިންތިޚާބެއް ބާއްވަން ނިންމައިފި

ރައީސާ ބިދްޔާ ދޭވީ ބަންޑާރީ

ނޭޕާލުގެ ގާނޫނުހަދާ މަޖިލިސް އުވާލައި އަވަސް އިންތިޚާބެއް ބާއްވަވަން ރައީސާ ބިދްޔާ ދޭވީ ބަންޑާރީ ނިންމަވައިފިއެވެ. މިކަން ހާމަކޮށްފައި ވަނީ ރިޔާސީ ގަނޑުވަރު، ރާޝްޓްރަޕަތީ ބަވަންއިން މިއަދު ނެރުނު ބަޔާނެއްގައެވެ.

މިއީ ސިޔާސީ ފިއްތުންތައް ކުރިމަތިވެވަޑައިގެންފައިވާ ބޮޑުވަޒީރު ކޭޕީ ޝަމްރާ އޯލީގެ އެދިވަޑައިގަތުމަކަށް ރައިސާ ބަންޑާރީ އެޅުއްވި ފިޔަވަޅެކެވެ. ބޮޑުވަޒީރު އޯލިއާ އިދިކޮޅު ލީޑަރު ޕުޝްޕާ ކަމަލް ދަހާލްއާ ދެމެދު ސިޔާސީ ވާދަވެރިކަން ބޮޑުވެ މައްސަލަ ބޮޑުވެފައިވާތާ ދުވަސްކޮޅެއް ވެއްޖެއެވެ. އަދި ބޮޑުވަޒީރު އޮލީގެ އަމިއްލަފުޅު ޕާޓީ، ނޭޕާލް ކޮމިއުނިސްޓް ޕާޓީ (އެންސީޕީ) ތެރޭގައި ވެސް ބޮޑުވަޒީރު އޯލީއާ ދެކޮޅުވުން އިތުރުވެ، އޭނާއަށް ގާނޫނުހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ގެއްލިދާނެ ކަމުގެ ބިރު އޮތީ ހީވެފައެވެ.

ރާޝްތްރަޕަތީ ބަވަންގެ ބަޔާނުގައި ވާގޮތުން ރައީސާ ބަންޑާރީ ވަނީ ނޭޕާލުގެ ގާނޫނު އަސާސީގެ 76 ވަނަ މާއްދާގެ 1 އަދި 7 އާއި 85 ވަނަ މާއްދާގެ ދަށުން ގާނޫނު ހަދާ މަޖިލިސް އުވާލަން ނިންމަވާފައެވެ. އަދި ދެ ފިޔަވައްސަކަށް ބަހާލައިގެން އަންނަ އެޕްރީލް މަހުގެ 30 ވަނަ ދުވަހާއި މޭ މަހުގެ 10 ވަނަ ދުވަހު އާއްމު އިންތިޚާބު ބާއްވަން ނިންމަވާފައެވެ.

މިއަދު އުވާލި 275 މެންބަރުންގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްއަކީ ގާނޫނުހަދާ މަޖިލިސްގެ ތިރީ ގެއެވެ. އެ މަޖިލިސް  އިންތިޚާބުކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ. އަދި ފަސް އަހަރުގެ ދައުރު ހަމަވާން އޮތީ 2022 ވަނަ އަހަރުއެވެ.

އިދިކޮޅު ޕާޓީތަކުން ވަނީ ރައީސާ ބަންޑާރީގެ ނިންމެވުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އިދިކޮޅު ސިޔާސީ ލީޑަރެއް ކަމުގައިވާ ގަގަން ތާޕާ  ވިދާޅުވި ގޮތުގައި މިއީ "ޑިމޮކްރެސީއާ ޚިލާފު، ޣައިރުގާނޫނީ" ނިންމުމެކެވެ.

240 އަހަރުގެ ދިގު ރަސްކަމަކަށް ފަހު ނޭޕާލް ޖުމްހޫރިއްޔަތަކަށް ބަދަލުވެފައި ވަނީ 2008 ވަނަ އަހަރުއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.