ދުނިޔޭގެ ވަރަށް ގިނަ ޢިލުމުވެރިން ފުޅާ ދާއިރާއެއްގައި ދިރާސާތައް ހަދާ އެއް ކަމަކީ އިންސާނުންގެ ސިކުނޑި މަސައްކަތްކުރާ ގޮތާ ބެހޭގޮތުންނެވެ. 1978ގެ އަހަރުތެރޭގައި ޕޯލް މެކްލީން މި ވިސްނުން ތަޢާރަފު ކުރީ ޖޯން ޑުވެއިގެ ތިއަރީއެއް ކަމަށްވާ އެކްސްޕީރިއެންޝަލް ލަރނިންގ (ތަޖުރިބާއާ ގުޅުވައިގެން އުނގެނުން) އާ ގުޅުވައިގެންނެވެ. ޕޯލް މެކްލިން ދެކެވަޑައިގަންނަވާ ގޮތުގައި އިންސާނާގެ ސިކުނޑީގެ ބައިތައް ބެހިގެންދަނީ ތަފާތު ފަށަލަ/ލޭޔަރތަކެއް ގޮތަށެވެ. ކޮންމެ ފަށަލައެއްގައި ވެސް ޚާއްޞަ ކަންތައްތަކެއް އިންސާނާގެ ވިސްނުމާއި އުނގެނުމާއި ކަންތައްތައް ކުރުމާ ގުޅިލާމެހެއެވެ. ބްރެއިން ބޭސްޑް ލަރނިންގ ބޭނުންކޮށްގެން ކިޔަވާދޭއިރު އެންމެ ބޮޑަށް ދެނަގަންނަން ޖެހެނީ އިންސާނުންގެ ސިކުނޑި ފަންކްޝަން (މަސައްކަތް) ކުރާގޮތެވެ. މިގޮތުން އެ ފަންކްޝަންތަކަށް ރިޢާޔަތްކޮށްގެން އުނގަންނައިދިނުން ރޭވުމަކީ ސަމާލުކަންދޭން ޖެހޭކަންކަމެވެ. ދަރިވަރުންނަކީ ތަފާތު ވައްތަރުގެ ލަރނިންގ ސްޓައިލް ނުވަތަ އުނގެނޭ ގޮތްތައް ބޭނުންކުރާ ބައެކެވެ. ޢާއްމުކޮށްބަލާނަމަ ގާތްގަޑަކަށް %50 ދަރިވަރުންނަކީ، އުނގެނުމުގައި ވިޝުއަލް ނުވަތަ ތަޞްވީރު ފަދަ ތަކެތި ބޭނުންކުރުމަށް ގަޔާވާ ކުދިންނެވެ. އަދި ގާތްގަޑަކަށް %30 ކުދިންނަކީ އަތުން ކަންކަން ކޮށްގެން އުނގެނެން ބޭނުންވާ ކުދިންނެވެ. ހަމަ މިބީދައިން، %20 ކުދިންނަކީ އަޑުއަހައިގެން ދަސްކޮށް އުނގެނޭ ކުދިންނެވެ. މި އަންދާޒާ ކުރުންތަކަށް ބަލާނަމަ، ދަރިވަރުންގެ އުނގެނުން ވަރަށް ބޮޑަށް ގުޅިފައިވަނީ ސީދާ ސިކުނޑިގެ އެކި ފަންކްޝަން/މަސައްކަތްތައް ނުވަތަ އެކި ހިއްސުތަކާއެވެ.
ޕްރިންސް (2005) ހާމަކުރާގޮތުގައި އުނގެނުމުގައި ބްރެއިން ބޭސްޑް ލާރނިންގ ބޭނުންކުރާނަމަ އަންނަނިވި ކަންކަމަށް ސަމާލުވުން މުހިއްމެވެ.
(1) ސިކުނޑި ރަނގަޅަށް މަސައްކަތްކުރަނީ ފައްސި (ޕޮޒިޓިވް) އިމޯޝަން ނުވަތަ އިހުސާސްތަކާއެކުއެވެ. ދަރިވަރުން އުނގެނޭއިރު ޖިސްމާނީ ގޮތުންނާއި ނަފުސާނީގޮތުން ދުޅަހެޔޮ ޕޮޒިޓިވް ހާލަތެއްގައި ތިބުން ވަރަށް މުހިންމެވެ.
(2) ސިކުނޑީގައި މަޢުލޫމާތު ޖަމާކުރެވޭއިރު ނުވަތަ ފަންކްޝަން ކުރާއިރު ކުރަނީ ޗަންކް (ގަނޑު) ކޮށެވެ. މާނައަކީ މަޢުލޫމާތުތައް އެއްކޮށް ނުވަތަ ގަނޑުކޮށް، ގުޅިގެންދާ ގޮތަކަށެވެ. މިގޮތުން ބަލާއިރު 5-13 އަހަރާ ދެމެދު ޢުމުރު ކުދިން 2 ނުވަތ 4 މަޢުލޫމާތު ގަނޑުކޮށް،ދެނެގަންނާނެއެވެ. ހަމަ މިބީދައިން ބަލާނަމަ، 13 އަހަރުން މަތީ ކުދިން މައުލޫމާތުގެ 7 ނުކުތާ ގަނޑުކޮށް ދެނެގަތުމުގެ ގާބިލުކަން ހުރެއެވެ. މިއީ މުދައްރިސުން ރިޢާޔަތް ކުރުން މުހިންމު ކަންތައްތަކެކެވެ.
(3) ސިކުނޑި މަސައްކަތްކުރަނީ ވަކިގޮތަކަށް ވަކި ކަހަލަ ޓައިމު ޝޭޑިޔުލެއްގެ ތެރެއިންނެވެ. މީގެ މާނައަކީ 5 އަހަރާއި 13 އަހަރާ ދެމެދު ކުދިން، އުގެނޭއިރު ސަމާލުކަން ދެމެހެއްޓޭނީ ނުވަތަ އުނގެނެނީ ގާތްގަޑަކަށް 5 މިނިޓާއި 10 މިނެޓާ ދެމެދުގެ ވަގުތަކަށެވެ. ހަމަ މިއުސޫލުން ބަލާއިރު 14 އަހަރުން މަތީ ކުދިންގެ ސަމާލުކަން އެއް ކަމަކަށް ބެހެއްޓެނީ ގާތްގަޑަކަށް 10-20 މިނިޓްގެ ވަގުތަކަށެވެ. ނަމަވެސް ޕޮޒިޓިވް ރިއިންފޯރސްމަންޓް (ހިތްވަރުދިނުމުގެ ތެރެއިން) ގޮތްތައް ބޭނުންކޮށްގެން ދަރިވަރުންގެ އުނގެނުމުގެ ސަމާލުކަން ދެމެހެއްޓޭ މިންވަރު ދިގުކުރެވިދާނެއެވެ.
(4) ދަރިވަރުން ބޮޑަށް އުނގެނެނީ އާ ބާވަތެއްގެ މަޢުލޫމާތު ނުވަތަ އާ މެޓީރިއަލްސް ބޭނުންކޮށްގެން ކުރިން އެނގިފައިވާ އެއްޗެއްސާ ގުޅުވައިގެން ކިޔަވާދޭނަމައެވެ.
(5) ކިޔަވާދޭއިރު ބައިތައް ވަކިވަކި ކޮށް، ޔުނިޓްތައް ބަހާލެވިގެން ކިޔަވައިދީ އަދި ދަރިވަރުން ކުރާނެ މަސައްކަތެއް ދެވޭނަމަ އުނގެނުން ކާމިޔާބުވާ މިންވަރު އިތުރު ވެއެވެ.
(6) ދަރިވަރުން އުނގެނުމުގައި 'ރެސްޓް ޓައިމު' ނުވަތަ އަރާމުކޮށްލާ ވަގުތު ބޭނުންވެއެވެ. އެކީ އެކައްޗަކަށް ހުއްޓުމެއް ނެތި ކިޔަވާދޭނަމަ އުނގެނުން ކާމިޔާބުވާ މިންވަރު ދަށްވެއެވެ.
(7) ދަރިވަރުން އުނގެނޭ އިރު ފެންބުއިން ދިރާސާތަކުން ހާމަކުރާގޮތުގައި އުނގެނުމަށް އެހީތެރިވެދެއެވެ.
(8) ދަރިވަރުންގެ އެކްޓިވް/ހަރަކާތްތެރި ބައިވެރިވުމުގެ ފުރިހަމަ ބޭނުން ހިފޭނަމަ އުނގެނުން ކާމިޔާބުކުރުމަށް އިތުރަށް އެހީތެރިވެދޭނެއެވެ. މިގޮތުން ދަރިވަރުން އެންމެ އެކްޓިވްވަނީ ކޮންވަގުތެއްކަން ދެނެގަތުމަކީ މުހިއްމުކަމެކެވެ. މިސާލަކަށް ފުރާވަރު ކުދިން ހެނދުނުގަޑީގައި ސިކުނޑީގެ އެކްޓިވިޓީ ލެވެލް ދަށްވެ، މެންދުރުފަހު ގަޑީގައި އެ މިންވަރު ބޮޑުވެއެވެ.
ޕްރިންސް (2005) ހުށަހަޅައިފައިވާ މިޚިޔާލުތަކަކީ މުދައްރިސުން ދަރިވަރުންގެ އުނގެނުން ރާވާއިރު ވަރަށް ބޮޑަށް ފަރުވާތެރި ވާންޖެހޭ އަދި އެ ކަންކަމަށް ރިޢާޔަތްކޮށްގެން ފިލާވަޅުގެ ހަރަކާތްތައް ރާވަންޖެހޭ ކަންކަމެވެ.
ބްރެއިން ބޭސްޑް ލަރނިންގ ބޭނުންކޮށް ފިލާވަޅު ފަރުމާ ކުރުމުގައި ސަމާލުކަންދޭން ޖެހޭ އެހެން އަސާސްތަކެއް ކޭން އެންޑް ކޭން (1990) ހުށަހަޅާލާފައި ވެއެވެ. މި އަސާސްތަކުން ފާހަގަކޮށްލެވޭ ބައެއް ކަންކަން ތިރީގައި ދެވިފައިވާ ތާވަލުގައި، ކިޔަވައިދިނުން ރޭވުމުގައި ސަމާލުކަން ދޭންވީ ކަންކަމާ އެކު، ކުރު ތަފުސީލުދެވިފައި އެވަނީއެވެ.
އަސާސްތައް | ކިޔަވާދިނުމުގައި އެކަން ރިޢާޔަތް ކުރާނެގޮތް |
1. ސިކުނޑިއަކީ ގިނަ ސިސްޓަމްތަކާ އެކު އެކުއެކީ/ޕެރަލަލްކޮށް މަސައްކަތް ކުރާ އެއްޗެކެވެ. ހަށިގަނޑުގެ ވަރަށް ގިނަ ބައިތައް/ގުނަވަންތައް އެއްފަހަރާ ބޭނުން ކޮށްގެން ނޫނީ ސިކުނޑި މަސައްކަތް ނުކުރެއެވެ. މިސާލަކަށް އިމޯޝަންސް، ޚިޔާލު، ޕްރިޑިސްޕޮސިޝަން/ކުރިން ވެސް ހުންނަ ގޮތްތައް، މިހުރިހާ ކަމެއް ވެސް ވާނީ ދާދި އެކުއެކީ ޕެރަލަލްކޮށެވެ. | ބްރެއިން ބޭސްޑް ލަރނިން ބޭނުންކުރާއިރު އިމޯޝަންސް (އިހުސާސް)، ޚިޔާލު، ޕްރިޑިސްޕޮސިޝަން (މީހުންގެ ކިބައިގައި ހުންނަ ގޮތްތައް) މި ތިން ދާއިރާ ވަރަށް ރަނގަޅަށް ބޭނުން ކުރަން ޖެހެއެވެ. އެއްވެސް ބާވަތެއްގެ ކިޔަވައިދިނުމުގައި އޮންނަނީ އަބަދު އެއް ކަމެއް، އެއް ގޮތަކަށް ގެންދިޔުމެއް ނޫނެވެ. އިންސާނުންނަކީ ތަފާތު އެކިއެކި ގާބިލިއްޔަތު ލިބިދީފައިވާ އެކި މީހުންގެ މެދުގައި ކަންކަމުގެ ގާބިލުކަމުގެ ވައްތަރުތައް ގިނަގުނަ ގޮތްތަކަށް އެކުލެވޭ ފަރާތްތަކެކެވެ. މި ކަމަށް ރިޢާޔަތްކޮށް ދަރިވަރުންގެ އުނގެނުމުގެ މަސައްކަތުގެ ތެރޭގައި ތަފާތު ވައްތަރުގެ، އެކި ބާވަތުގެ މަސައްކަތްތައް ހިމެނުން މުހިންމެވެ. |
2. އުނގެނުން ހިނގަނީ މުޅި ހަށިގަޑުގެ ހުރިހާ ގުނަވަންތަކުގެ މަސައްކަތްތަކާއި އެކު ގުޅިގެންދާގޮތަށެވެ. މިސާލަކަށް، ހިތް، މޭ (ލިވަރ) ފުއްޕާމޭ އަދި ސިކުނޑި މި ހުރިހާ ގުނަވަންތަކަކީ ވަރަށް ކޮމްޕްލެކްސް ފަންކުޝަންތަކެއް ހަށިގަނޑުގައި ގުޅިފައިވާ ގުނަވަންތަކެކެވެ. އުނގެނުމަކީ ހަމަ ނޭވާލުން ފަދަ ކަމެކެވެ. އެއީ ބައިވަރު ގުނަވަންތައް ބައިވެރިވުން ހިމެނޭ އަދި ހިއްސާ ކުރެވޭ ކަމެކެވެ. ހަމަމިފަދައިން ސިކުނޑީގައި ހިމެނޭ/އުފެދޭ ތަފާތު ނިއުރޮންސް ތަރައްޤީވާ މިންވަރުން އެ މީހެއްގެ ޕަރސެޕްޝަން (ކަންކަމުގައި ވަކިގޮތަކަށް ވިސްނުން) އަދި އިންޓަރޕްރިޓޭޝަން (ދޭހަކުރުން) އޮފް އެކްސްޕީރިއެންސް (ތަޖުރިބާ) އިން ނެގޭ މާނަތަކާއި ދޭހަތަކާއި މިފަދަ ހުރިހާ ކަމެއްވެސް ވަނީ ގުޅި ލާމެހިފައެވެ. މިގޮތުން ބަލާއިރު ނުތަނަވަސްކަމާއި ކަންބޮޑުވުންތަކުގެ އަސަރު ސިކުނޑިއަށް ކުރެއެވެ. އަދި ބައެއް ޢިލުމުވެރިން ދެކޭ ގޮތުގައި މަދަރުސާގެ ތަޖުރިބާތަކާއި އެހެން ކުދިންނާއި އުޅުންގުޅުން އޮންނަ ގޮތުން ދަރިވަރުގެ އުނގެނުމަށް އަސަރު ކުރުވައެވެ. މާނައަކީ، އުނގެނުމަކީ މުޅި ހަށިގަނޑުގެ ވަރަށް ގިނަ ބައިތަކެއް ބައިވެރިވެގެން ކުރާ މަސައްކަތެއް ކަމެވެ. | މިގޮތް ބޭނުންކޮށްގެން ކިޔަވާދޭއިރު ދަރިވަރުންގެ ނުތަނަވަސްކަން މެނޭޖުކުރާނެ ގޮތްތަކާއި، ކެއިންބުއިމުގެ ކަންކަމާއި، ޞިއްހީ ރަގަޅު އާދަތައް މިސާލަކަށް ދުޅަހެޔޮ ޞިއހަތެއްގައި ހުރުމަށް ބާރުއެޅުމާއި، ކަސްރަތާއި، ޑްރަގު ފަދަ ނުރައްކާތެރި ބާވަތްތަކާއި ބެހޭގޮތުންވެސް ދަރިވަރުން ހޭލުންތެރިކުރުވުމާއި، އަދި އެނޫންވެސް ދިރިއުޅުމުގައި ހުންނަ ތަފާތު ކަންކަމަށް ސަމާލުވާން ދަރިވަރުންނަށް އިރުޝާދު ދިނުން މުހިންމެވެ. |
3. ކޮންމެ ކަމެއްގައި ވެސް މާނަ ހޯދުމަކީ ތަބީޢީ ގޮތުން (އިނޭޓް) ވާކަމެކެވެ. ފެންނަ ކޮންމެ ކަމެއްގައި އަދި ކުރާ ކަންކަމުގައި ވެސް މާނަ ހޯދުމަކީ އިންސާނާގެ ސިކުޑީގައި ވަކި ޤަޞްދަކާއި ނުލައި ހިނގާ ކަމެކެވެ. މި ކަން ކުރެވެނީ ކަންކަމުގެ މާނައަކީ ކޮބައިތޯ ބަލައި ސިކުނޑީގައި ހިނގާ ތަފާތު ޚިޔާލުތަކުގެ ތެރެއިން ޚާއްޞަކޮށް ސަވައިވަލް އޮރިއެންޓަޑް (ސަލާމަތްކަން ހޯދުން) މެދުވެރިކޮށެވެ. ކޮންމެ ކަމެއްގައި ވެސް އެ މީހަކަށް އެ ކަމަކުން ނެގޭ މާނަ އޮޓޮމެޓިކްކޮށް ސިކުނޑީގައި ރެޖެސްޓަރ ކުރެވެއެވެ. | މި ކަމަށް ސަމާލުވެގެން ކިޔަވައިދޭނަމަ ދަރިވަރުންނަށް ފަރުމާކުރެވޭ އުނގެނުމުގެ މާހައުލަކީ ދެކެފަރިތަ، ދަންނަ ކަންކަމާއި ގުޅުވާލެވޭ ތަނަކަށް ހަދަންޖެހެއެވެ. ދަރިވަރުންގެ ހިތުގައި އެކުލެވޭ ޝައުގުވެރިކަމާއި، ހޯދުމުގެ (ކިއުރިއޮސިޓީ) ބާރު ފަދަ ކަންކަން ފިލާވަޅާ ގުޅުވަން ވާނެއެވެ. ޚާއްޞަގޮތެއްގައި އުނގެނުމުގެ ހަލުވިކަން ނުވަތަ ގިފްޓަޑް ކުދިންނަށް އެ މީހުންގެ ލެވެލުގައި، އުނގެނުން ދެކެ ފޫހިނުވާ ފަދަ ގޮތަކަށް ރޭވުން މުހިންމެވެ. މާނައަކީ ކުއްޖާ އުގެނުމަށް އޮންނަ ޝައުޤުވެރިކަމާއި ކިއުރިއޮސިޓީ ދަށް ވިޔަ ނުދީ ދެމެހެއްޓެނިވި ގޮތަކަށް އުނގެނުން ފަރުމާ ކުރުމެވެ. |
4. ކަންކަމުން ދޭހަވާ މާނަ ހޯދުން ގުޅެނީ އެއްގޮތްކަމާއި ގުޅުވާލައިގެންނެވެ. މިގޮތުން ވިސްނުމުގައި ހުންނަ އެކި ބާވަތުގެ ތަފާތު ޕެޓާރންތައް ފާހަގަ ކުރެވި ކަންކަން ހިނގަމުންދާއިރު އެ ކަންކަން ދާ ގޮތާމެދު ވިސްނި އޭގެ އެންމެ އުފެއްދުންތެރި ކަންތައްތަކެއް ފާހަގަ ކުރެވުން ވެސް ހިމެނެއެވެ. ބައެއް ޢިލުމުވެރިން ފާހަގަ ކުރައްވާ ގޮތުގައި ސިކުނޑިއަށް މާނަ ދޭހަ ނުވާނަމަ އެ ކަންކަން ޕެޓަރންތަކެއްގެ ގޮތުގައި ފާހަގަ ކުރެވުމަށް ވެސް ދަތިތަކެއް ހުންނާނެއެވެ. މާނަ ދޭހަނުވުމޭ މި ބުނެވެނީ އެކި އެތިކޮޅުކޮޅު ނުވަތަ ގުޅުމެއްނެތް ވަކިވަކި ބައިތަކެއް ގޮތުގައި ހުރުމެވެ. ސިކުނޑިއަށް މާނަ ހުރި އެއްޗަކަށް ވަނީ އެނގެމުންދާ ބައިތައް އެއްކުރެވި ގަނޑުކޮށް ގުޅުވެމުން ދާނަމައެވެ. | ދަރިވަރުންނަށް ފެންނަ ހުރިހާ ކަމެއްގައި ވެސް އަދި ހުރިހާ އެއްޗެއްގެ ވެސް މާނަކުރެވެނީ ‘ޕާރޓްނަރިން’ގެ ތެރެއިން އެއް ފަހަރާއި އަނެއް ފަހަރު ގުޅުވައިގެންނެވެ. ދަރިވަރުން ވިސްނާ ވިސްނުމަށް ވަކި ގޮތަކަށް އިންފުލުއެންސް ކުރުވި (އަސަރު ކުރުވި) ނަމަވެސް އެކަން ހުއްޓުވުމަކީ އުދަގޫ ކަމެކެވެ. ވަރަށް ގިނަ ފަހަރަށް ކުލާސްރޫމުގައި ކިޔަވާ ބައިތައް އިޚްތިޔާރު ކުރަނީ މުދައްރިސުންނެވެ. އުނގެނުން ފަރުމާކުރާއިރު ދަރިވަރުންނަށް ދެވޭ ފުރުޞަތުތަކުން އެ ކުދިން ކަންކަމުގައި މާނަ ކުރާ ގޮތްތަކާއި ނަގާ މާނަތަކާއި އަދި އެ ކުދިންނަށް މުހިންމުވާ ކަންކަމާ ގުޅުވަންޖެހެއެވެ. |
5. އިހުސާސްތަކަކީ މާނަ ނެގުމުގައި ވަކިކަހަލަ ޕެޓަރންތަކަކަށް ދިއުމުގައި ކުރިޓިކަލް ބައެވެ. ވަރަށް ގިނަފަހަރަށް އުނގެނޭގޮތާއި އެކަން މެނޭޖު ކުރުމުގައި ވެސް ދަރިވަރުންގެ އިހުސާސްތަކުގެ ދައުރު ވަރަށް ބޮޑެވެ. އިހުސާސްތަކުގެ ތެރޭގައި، ދަރިވަރުންގެ އަމިއްލަ ނަފުސަށް އޮންނަ އިތުބާރު (ކޮންފިޑެންސް)، ކުދިންގެ ތަޖުރިބާއާއި، ކުދިންގެ އަމިއްލައަށް އެ ކުދިންނާ މެދު ދެކޭ ގޮތް މިފަދަ ކޮންމެ ކަމެއް ވެސް އުނގެނުމުގެ މާހައުލުގައި މުހިންމެވެ. | ކިޔަވައިދިނުން ފަރުމާކުރާއިރު ދަރިވަރުންގެ އިހުސާސްތަކަށާއި، ގޮތްތަކަށާއި، ޚިޔާލުތަކަށް އަދި އެ ކުދިންނަށް މުހިންމުވާ ކަންކަމަށް ވަރަށް ބޮޑަށް ރިޢާޔަތް ކުރަންޖެހެއެވެ. މާނައަކީ ކިޔަވައިދޭ މާހައުލަކީ ދަރިވަރުންގެ އިހުސާސްތަކަށް ރިޢާޔަތްކުރާ އެ ކަންކަން ގާތުން ދެކި ބަލައިގަނެވޭ ފަދަ އަދި ކުދިންގެ ކަންކަމަށް އިހުތިރާމު ކުރެވޭ ފަދަ އުނގެނުމުގެ މާހައުލެއް އުފެއްދުމެވެ. |
6. ޢާއްމުކޮށް ކަންކަމާމެދު ވިސްނާއިރު ސިކުނޑީގެމަސައްކަތް ހިނގަނީ ވަކި ’ޕާރޓްސް‘ (ބައިތައް) އަދި ’ހޯލްސް‘ (އެއްކޮށް) މި ދެ ގޮތަށް ކަން ފާހަގަ ކުރެވެއެވެ. އިންސާނުންގެ ސިކުނޑީގެ ކަނާތް އަދި ވާތް ފަރާތް މަސައްކަތް ކުރާގޮތަށް ބަލާއިރު ޢާއްމުކޮށް މަސައްކަތް ކުރަނީ ސިކުނޑީގެ ވަކި ފަރާތެއް ވަކި ވަކިންނެއް ނޫނެވެ. ވިސްނުން ހިނގަނީ ދެ ފަރާތް އެއްކޮށް އިންޓަރަކްޓިވް ކޮށް /އެކުއެކީގައެވެ.
|
ސިކުނޑީގެ ވަކިފަރާތަކަށް ނިސްބަތްކޮށްގެން ކިޔަވައިދިނުން ފަރުމާކުރުމުން ދަތިތަކެއް ކުރިމަތިކުރުވާނެއެވެ. ކިޔަވައިދިނުން ގެންދެވޭނީ އެއްބައި އަނެއްބަޔަށް ގުޅުވައިގެން އެއް ލެވެލް އަނެއް ލެވެލާ ގެޅިގެންނެވެ. މިސާލަކަށް ކޮންސެޕްޓް/ އުގެނުންތަކަކީ ވަކިވަކި ބައިތަކެއް ހެން ވަކިން އޮންނަ އެއްޗެއް ނޫނެވެ. ވަކިވަކި ބައިތަކެއް ގޮތުގައި ކިޔަވައިދެވޭނަމަ އުނގެނުން މާނަ ހުރިއެއްޗަކަށް ވުމަށް ވެސް ދަތިވާނެއެވެ. |
މިމައުޟޫޢުގައި އިތުރު މަޢުލޫމާތު ލިޔަން ގަސްދުރަމެވެ. މިއީ ދަރިވަރުންގެ އުނގެނުމުގެ ޖުމުލަ ދުޅަހެޔޮކަން ދެމެހެއްޓުމަށް ރިޢާޔަތްކުރަންޖެހޭ ވަރަށް މުހިންމު ކަންތައްތަކެއް ހިމެނޭ ތިއަރީއެކެވެ. މިއީ މިހާރު ވެސް އެތައް ދިރާސާތަކެއް ހަދަމުން އަންނަ ދާއިރާއެކެވެ. ސިކުނޑިއަކީ ވަރަށް ނާޒުކު، ވަރަށް ގިނަ ކަންތައްތައް ހިމެނޭ ދިރާސާވެރިންނަށް ވެސް އަދި ނުހޯދޭ އެތައް ކަމެއް ހިމެނޭ އެއްޗެކެވެ. އުނގެނުމާއި އުނގަންނައިދިނުން ރާވާ ހުރިހާ ފަރާތްތަކަށް މި މަޢުލޫމާތުތަކަކީ މުހިންމު ބައިތަކެކެވެ. ވަކި ޢުމުރަކަށް ކިޔަވައިދޭ ފަރާތްތަކަށް އެކަންޏެއް ނޫނެވެ. ކޮންމެ ކުލާސްރޫމެއްގައި ވެސް ތިބޭ ދަރިވަރުންގެ ސިކުނޑީގައި ކަންތައްތައް ހިނގާނީ މަތީގައި ލިޔެލެވިފައިވާ އަސާސްތަކުގެ މައްޗަށް ބިނާކޮށެވެ. އުއްމީދުކުރަނީ މި ވާހަކަކޮޅަކީ މުދައްރިސުންނަށް ފައިދާހުރި އުނގެނުމުގެ މާހައުލު ބައްޓަންކޮށް އުންގަނައިދިނުން ހަރުދަނާކުރުމަށް އެހީތެރިވި ވާހަކަކޮޅަކަށް ވާނެ ކަމަށެވެ.
ކޮގްނިޓިވް، ބިހޭވިއަރިޒަމް އަދި ހިޔުމަނިސްޓިކް އެޕްރޯޗާއި ބެ
ހޭގޮތުން ލިޔުމެއް ލިޔުއްވުން އެދެން. ޝުކުރިއްޔާ ތިޔަ ކުރައްވާ މަސައްކަތަށް
I I
loved the article and very informative article.I