ރާއްޖޭގެ މިނިވަންކަމަށް ކުރެވުނު ފިކުރީ ހަނގުރާމައިގާ ނުފެންނަ ޞަފުޙާތައް (5)

(10 މެއި 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މުހިންމު ރަސްމިއްޔާތުތައް

1 ޖެނުއަރީ 1953، ބުރާސްފަތި ދުވަސް - ހެނދުނު

(25) މީލާދީ އައުއަހަރުގެ ފެށުން މާލެއަށް އައިސްފައިވަނީ، އުޑުމަތި ބަނަވެ، އިރުގެ ފުރިހަމަ އަލިކަން ނުލިބޭފަދަ ގޮތަކަށެވެ. ދެދުވަހެއްކުރިން، އަޅުގަނޑުމެންނަށް ވިއްސާރައިގެ ތޫފާނެއް ތަޖުރިބާކުރެވިފައިވުމާއެކު، އެ ސަރަޙައްދަށް އެފަދަ ތޫފާނެއްގެ އަސަރު ކޮށްފާނެގޮތުގެ ތަޞައްވުރެއްގައި، ކަންބޮޑުވުމާއެކު، އަޅުގަނޑުމެންނަށް، އުޑާދިމާލަށް ބަލައިލެވެއެވެ. ވާރޭވެހެން ފަށައިފިނަމަ، ކާރުގައި މެހެމާނުން ތަންތަނަށް ގެންދެވުނަސް، ކުޅިބަލާމީހުން ހިޔަލުގައި ބައިތިއްބުނަސް، މުނާސަބަތުގެ ރޫޙު ގެއްލި، ކުލަތައް ފިލައިގޮސް، ހިތްތަކަށް ލިއްބައިދޭ  ހިތްހަމަޖެހުމާއި އުފާވެރިކަން ގެއްލިގެންދާނެއެވެ. ނަސީބަކުން، ހިތުގައި އޮތް ބިރުވެރިކަން ފިލައިގެން ހިނގައްޖެއެވެ. މުޅިން އަވިގަދަ ދުވަހަކަށް ނުވިޔަސް، އެދުވަސްވީ އުޑުމަތި ބަނަކޮށް އޮތަސް، ފުދޭވަރަކަށް އަލި ދުވަހަކަށެވެ.

އާދޭހެވެ ! ދުވާލުގެ އިރު، އޭގެ ތާޒާ ހޫނުކަންމަތީ، ހަށިގަނޑުގައި ބީހިލުމުގެ އުފާވެރިކަމުން މަޙުރޫމުވެ، އަދި ޢަމްދުން، އުޑުމަތިން ފެންނަން ނެތުމުގެ މަޑުމޮޅިކަން އިޙުސާސްވުމުން، ހިތަށް ލިބުނު އުފާވެރިކަމުން ބައެއްވަނީ އުނިވެފައެވެ. ބަނދަރުގައި އޮތް ދެމަނަވަރު، އެޗް. އެމް. އެސް. ސިލޯނާއި، އެޗް.އެމް. ސީ.އެސް. ވިޖަޔާ ވެސް ވަނީ މުނާސަބަތާގުޅޭގޮތަށް، ރީތިކޮށް ނަލަހައްދާފައެވެ.

(26) އަޅުގަނޑުގެ އަންހެނުންނާއި، ކޮމާންޑަރކަމުން ކެޕްޓަންކަމަށް، ހަމައެދުވަހު މަޤާމުގެ ކުރިއެރުން ލިބިވަޑައިގެންނެވި، އެޗް. އެމް. އެސް. ސިލޯނުގެ ކެޕްޓަން ސްޓޮޕްފޯރޑާ، އަޅުގަނޑުގެ އޭ.ޑީ.ސީ އާއެކު މާލެއަށް ދާން މަނަވަރުން ނައްޓާލީ ހެނދުނުގެ 9.20 ގައެވެ. އަތިރިމަތިން، ފާލަންދޮށުން، އަޅުގަނޑުމެންނާ އިސްތިޤްބާލު ކުރެއްވީ، ސިލޯނުގައި ހުންނަވާ ދިވެހިރާއްޖޭގެ މަންދޫބު، މރ. އަޙްމަދު ޙިލްމީދީދީ އެވެ. މރ.އަމީންދީދީގެ ރަސްމީ ގެކޮޅަށް ދިއުމަށް، އަޅުގަނޑުމެންނަށް މަގުދައްކަވައިދެއްވީ، މރ. އަޙްމަދު ޙިލްމީދީދީއެވެ. ކުރީދުވަހެކޭ އެއްގޮތަށް، މިއަދުވެސް އަތިރިމަތިއޮތީ މީސްތަކުން އެއްވެ ފުނިޖެހިފައެވެ. މަގުގެ ދެފަރާތުގައި ތިބެގެން، އަތްތިލަބަޑިޖަހަމުންދިޔަ މީހުންގެ މަރުޙަބާއާއެކު، އަޅުގަނޑުމެން ދަތުރުކޮށް ދިޔައީ، ވަރަށް ޢިއްޒަތްތެރި ދުއްވާލުމެއްގައެވެ. އެގެއިން ނުކުމެގެން، ހިނގާލާފައި، އެހެން މެހެމާނުންނާވެސް އެކު، ދެން އަޅުގަނޑުމެން ދިޔައީ އެގެޔާ ވަރަށް ކައިރީގައިހުރި، ދަރުބާރުގެޔަށެވެ. މިދަރުބާރުގެ ބޭރުގައި، ދިވެހި ބޭންޑާއި، ސިފައިންގެ ސަފުތައް އެތުރިފައި އޮތެވެ. ކޮމުވޮށިވެގެންވާ އެތައްސަތޭކަ ބަޔަކު، ހޯލުގެ އެތެރޭގައި އިށީނދެ ތިއްބެވިއެވެ.

ހާމަކަންބޮޑު މިޢިމާރާތުގެ ބޭރުގައި، އަންހެނުންނާއި ފިރިހެނުންގެ ޖަމާޢަތްތައް އެއްވެފައި ވެއެވެ. އެއްބަޔަކު އިށީނދެގެންނެވެ. އަދި އަނެއްބަޔަކު ކޮއްޅަށެވެ. ބޭރުގައި އެއްވެފައިވާ މީހުންނަށް ރަސްމިއްޔާތުގެ   އަޑުއިއްވުމަށްޓަކައި    ތާޅަފިލި ބެހެއްޓިފައިހުއްޓެވެ. މިއީ، އެކަހެރިކޮށް އޮތް މިރަށްތަކާބަލާއިރު، ޙައިރާންކަންލިބުނު އަނެއް ކަމެވެ. އެޗް. އެސް ސިލޯނުން ހޮވާލެވުނު އޮފިސަރުންތަކަކާއެކު، މަގުގެ އެއްފަރާތުގައި ބޭރުގައި ފިރިހެނުން ތިބިއިރު، އަނެއްފަރާތުގައި ތިބީ ނަލަހެދި ޒީނަތްތެރިވެގެންތިބި، ހުސް އަންހެނުންނެވެ. އިސްޓޭޖުވަނީ މަޚުމާޖެހި ކާޕެޓް އަޅައި ވަރަށް ރީތިކޮށް ޒީނަތްތެރިކޮށްފައެވެ. އިސްޓޭޖުގެ ފުރަގަހުގައި ދިވެހިދިދަ ޖަހާފައި ހުއްޓެވެ. އަދި ފަހަތުން ފާރުގައިވަނީ ،  އިނގިރޭސިވިލާތާއި ސިލޯނުގެ ދިދަޖަހާ ފަޅުފިލުވާފައެވެ. އަޅުގަނޑުމެން އިށީންނަން ހަމަޖެހިފައިވާ ގޮނޑީގައި އިށީނދެ ހަމަޖެހިލީމުއެވެ. އަޅުގަނޑު އިށީންނަން ހަމަޖެހިފައި އޮތީ، މރ. އަމީންދީދީއާއި، ސިލޯނުގައި ހުންނަވާ ދިވެހިރާއްޖޭގެ މަންދޫބާ ދެބޭފުޅުންގެ މެދުގައެވެ.

އަޅުގަނޑުވެސް ހުރީ ޔުނިފޯރމް އަޅައި، ޒީނަތްތެރިވެގެންނެވެ. މުޅިހޯލުތެރެއިންވެސް، ފެންނަނީ މިމުނާސަބަތުގެ އުފާވެރިކަމާއި، ހިނިތުންވުމުގެ އުޖާލާ އަލިކަމެވެ. ރައީސް ވަޑައިގަތުމަށް މާގިނައިރުތަކެއް ނުނަގައެވެ. ކުޑަގޮތަކަށް ބޭއްވިގެންދިޔަ ރަސްމީ، ޢިއްޒަތާއި ޝަރަފާއެކު، ސިފައިންގެ އޭ.ޑީ.ސީ އަކާއި އިތުރު ދެ އޭ. ޑީ. ސީންގެ ގޮތުގައި މރ. އަމީންދީދީގެ ޢާއިލާގެ ޒުވާން ދެއަންހެންބޭފުޅުން ވަޑައިގަތެވެ. އަމީންދީދީ ވަޑައިގެން، އޭނާއަށް ޚާއްޞަކުރެވިފައިވާ ގޮނޑިކޮޅުގައި އިށީނދެވަޑައިގަތެވެ.

(27) އިރުމަތީގެ އާދަކާދަޔަށް ބޮޑަށް ބުރަވެވޭގޮތަކަށް، ރަސްމިއްޔާތު ފެށުނެވެ. ބަރާބަރު 10.00 ގައި، އެރަސްމިއްޔާތު ފެށިގެންދިޔައީ، ވަރަށް ރަނގަޅަށް ރޭވި، އިންތިޒާމްކުރެވިގެންކަމަށް ފެނެއެވެ. ރަސްމިއްޔާތު ފެށުނީ، އުއްތަމަ ފަނޑިޔާރު ވިދާޅުވި ދުޢާއަކުންނެވެ. އެއަށްފަހު އޮތީ، ކީރިތި ޤުރުއާން ކިޔެވުމެވެ. ޤުރުއާން ކިޔަވާ ވިދާޅުވީ، ވަޒީރުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ވަޒީރެކެވެ. އެއަށްފަހު، ނައިބު ރައީސް އާއި ރައީސްއަށް، މިތަރުތީބުން މަޤާމުގެ ހުވާލައިދެއްވީ، އުއްތަމަ ފަނޑިޔާރެވެ. އެއަށްފަހު، ރައީސްގެ ކަމަރުފުޅުގައި، އޮފީހާ ޙަވާލުވެވަޑައިގަތްކަން ރަމްޒުކޮށްދޭ ކަނޑި، ހަރުކޮށްދެއްވީ އުއްތަމަ ފަނޑިޔާރެވެ. ދިވެހިސިފައިން، 21 ބަޑީގެ ސަލާމެއް އެރުވީ އޭގެފަހުންނެވެ. ހަމައެއާއެކު، އެޗް. އެމް. އެސް . ސިލޯނުންވެސް، 21 ބަޑީގެ ސަލާމެއް އެރުވުނެވެ. އެއަށްފަހު، ދިވެހި ބޭންޑްގައި "ކުރިޔަށް ދިވެހި ޤައުމު" މިރާގު ކުޅެވުނެވެ.

އޭގެފަހުން، ރައީސްގެ ޕްރައިވެޓް ސެކްރެޓަރީގެ ގޮތުގައި ހުންނެވި، ޒުވާން އަންހެން ބޭފުޅެއް، ރައީސް ސޮއިކުރެއްވި ލިޔުމުގައިވާ ޢިބާރާތްތައް އިއްވެވިއެވެ. އެއީ ދިވެހިރާއްޖެ، ޖުމްހޫރިއްޔާއަކަށް ބަދަލުވިކަމުގެ ރަސްމީ ލިޔުމެވެ. އެލިޔުން، އެކަމަނާ ވިދާޅުވީ، އެންމެ ފުރަތަމަ ދިވެހިބަހުންނެވެ. އަދި އޭގެފަހުން އިނގިރޭސި ބަހުންނެވެ. ދިވެހިރާއްޖޭގެ ޤައުމީ ސަލާމް ކުޅެވުނީ އޭގެފަހުންނެވެ. އެއަށްފަހު، ރައީސަށް މަރުޙަބާ ދެންނެވުމުގެ ގޮތުން، އިނގިރޭސިބަހުންނާއި ދިވެހިބަހުން، ތަހުނިޔާގެ ބަސްކޮޅެއް އިވިގެންދިޔައެވެ. މީގެ ޖަވާބުގައި ރައީސް، ދެބަހުން، ވާހަކަ ދެއްކެވިއެވެ. އެއަށްފަހު، އިނގިރޭސި ރާނީގެ ފަރާތްޕުޅުން، އެކަމަނާގެ މަރުޙަބާގެ މެސެޖް އިއްވައިދިނީ އަޅުގަނޑެވެ. ވަރަށް ހޫނު ތަރުޙީބަކާއެކު، އެންމެންވެސް، މިމެސެޖު ބަލައިގަތެވެ.  އިނގިރޭސިބަސް ނުދަންނަ ގިނަބަޔަކު ތިބުމާއެކު، އެމީހުންނަށް، މިމެސެޖް، ދިވެހިބަހަށް ތަރުޖަމާކޮށްދެއްވީ ޚުދު، ރައީސް އަމިއްލަފުޅަށެވެ.

މިމެސެޖް ނިމުމުން ދެން ކުޅެވުނީ އިނގިރޭސިވިލާތުގެ ޤައުމީ ސަލާމެވެ. އޭގެފަހުން، މިމެސެޖް ބަލައިގެންނެވުމުގެ ގޮތުން، ރައީސް، އިނގިރޭސިބަހާއި ދިވެހިބަހާ ދެބަހުން މިމެސެޖަށް ޖަވާބު ދެއްވައި ވާހަކަފުޅު ދެއްކެވިއެވެ. މިވާހަކަފުޅު، ޢިއްޒަތްތެރި، އިނގިރޭސީރާނީގެ އަރިހަށް ވާނީ ހުށަހެޅިފައެވެ. މިރަސްމިއްޔާތު ނިމިގެންދިޔައީ، އަނެއްކާވެސް، ދިވެހިރާއްޖޭގެ ޤައުމީ ސަލާމް ކުޅުމުންނެވެ. މަޢުލޫމާތަށްޓަކައި، މިރަސްމިއްޔާތުގެ ޕްރޮގްރާމް، މި ރިޕޯރޓާއެކު ހަރުކުރެވިފައިވާނެއެވެ.

(28) ރަސްމިއްޔާތު ހިނގައިދިޔަގޮތަށް ބަލާއިރު، މިއީ ހިތަށް ނުގެނެވޭފަދަ ކުލަގަދަ، އުފާވެރި އަދި ފެށުނީއްސުރެ ނިމެންދެން، ހުރިހާކަމެއްވެސް، ވަރަށް ރަނގަޅަށް ހިނގައިދިޔަ ރަސްމިއްޔާތެކެވެ. އެހާބޮޑަށް އަޅައިނުގަތް ނަމަވެސް، އަންހެންވެރިންގެ މަޑު ކުލަކުލައިގެ ހިތްގައިމު ހެދުންތަކުގެ ހިޔަނީގެ ވިދުމާއި ސިފައިންގެ ހުދު ޔުނިފޯމުގެ ދަޅަޔާއި، ކަމުވޮށިވެގެންވާ، ދިވެހި ޢިއްޒަތްތެރިންގެ ރަސްމީ ހެދުންކޮޅުތައް މަސްހުނިވުމުން، އުފެދޭ ކުލަތަކުން ހިތާއި ނަފުސަށް ލިއްބައިދޭ ހިތްހަމަޖެހުން އެއީ، ހަނދާންނައްތާލަން އުނދަގޫ މަންޒަރެކެވެ. ބައެއް ބޮޑުންގެ ނަޒަރުގައި، މިފަދަ ކަމަކުން އުފާ ލިބިގަތުމުން މަޙުރޫމުކުރެވިފައިވާ، ދަށުފަންތީގައި ގުނޭކަމަށް ބެލެވޭ ބަޔަކު، މިކަންކަމާ ދުރުގައި ފޮރުވިފައިވާކަމަށް ބެލެވެއެވެ.

ރައީސްގެ އެއް މަޤާމަކީ، ކޮމާންޑަރ އިންޗީފްކަން މީހެއްގެ ހަނދާނަށް އައުމުގެ ކުރިން، އެމަނިއްޕުޅު މޭޖަރ ޖެނެރަލެއްގެ ހެދުމުގައި ހުންނެވިތަން ފެނުމުން، ކުޑަކޮށް ޙައިރާން ވާނެއެވެ. އެހެންނަމަވެސް، އެމަނިއްޕުޅަށް ދިވެހިންގެ ފަރާތުން ލިބިވަޑައިގެންވާ، ޢިއްޒަތާއި ޤަދަރުގެ ސަބަބުން، އެފަދަ ހުރިހާކަމެއްވަނީ، އެމީހުންގެ ލޯމައްޗަށް ފަރުދާ ކުރެވިގެންނެވެ.

1 ޖެނުއަރީ 1953، ބުރާސްފަތި ދުވަސް – މެންދުރުފަސް

(29) އެދުވަހުގެ ހެނދުނުގެ ކަންތައްތައް، މެންދުރުފަހުންވެސް އަޅުގަނޑުމެން ތަކުރާރު ކުރީމުއެވެ. އައު އެއަބސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތަށްޓަކައި، މަނަވަރުން ފޭބީ މެންދުރުފަހުގެ 3.40 ގައެވެ. މިފަހަރު، ފާލަމުން ފޭބިތަނުން އަޅުގަނޑުމެން، ސީދާ ގެންދެވުނީ ދަރުބާރުގެއަށެވެ. އަދި އާދެވުނީވެސް، ކުޑަތަންކޮޅެއް ކުރިންނެވެ. އެހެންނަމަވެސް، އަވަހަށް އާދެވުނީތީ، މެހެމާނުން ވަޑައިގެން، ގޮނޑިގޮނޑީގައި އިށީނދެވަޑައިގަންނަވާ މަންޒަރު ބަލައިލުމުގެ ފުރުޞަތު ލިބުނެވެ. ޚާއްޞަކޮށް، އެޗް. އެމް. އެސް. ސިލޯނުގެ ސިފައިންގެ ތެރެއިން ހޮވާލެވުނު އޮފިސަރުން، ކަނޑިއާއެކު، ފުރިހަމަ ޔުނިފޯމުގައި، ހަފޫޓުގެ އިސްކޮޅެއް ލިބިފައިވާ، ތުބުޅިލީ، ހައިބަތުހުރި ކޮމާންޑަރާއެކު ވަދެގެން އައި މަންޒަރެވެ. މިބައިމީހުން ވަދެގެން އައި މަންޒަރަކީ، ދިވެހިންވެސް ވަރަށް އަޅައިގަތް، އަދި އެމީހުންނަށް ފާހަގަ ކުރެވި، ޚާއްޞަވެގެންދިޔަ މަންޒަރެކެވެ.

ހެނދުނު ބޭއްވުނު ރަސްމިއްޔާތަށްވުރެ، މިމުނާސަބަތު ކުޑަނަމަވެސް، ރޭވިފައިވާގޮތަށްބަލާއިރު، މާބޮޑު ބަދަލުތަކެއް ނެތެވެ. އުއްތަމަ ފަނޑިޔާރު ދުޢާވިދާޅުވުމުން، ރައީސް، އަޅުގަނޑާއި އެހެނިހެން މެހެމާނުންނަށް މަރުޙަބާވިދާޅުވެ ވާހަކަ ދައްކަވައިލެއްވުމަށްފަހު، ދެން އަޅުގަނޑުމެން، އެއްބަސްވުމުގައި ސޮއި ކުރީއެވެ. އިނގިރޭސި ރާނީގެ ސަރުކާރުގެ ޢަރުޝީފުގައި ރައްކާކުރުމަށްޓަކައި، މި އެއްބަސްވުމުގެ ކޮޕީއެއް، މިލިޔުމާއެކު ހިމަނާފައިވާނެއެވެ. އަނެއް ކޮޕީ، ނެންގެވީ ރައީސް އެވެ. އެއަށްފަހު، 21 ބަޑީގެ ސަލާމެއް ދީ، ދިވެހިރާއްޖޭގެ ޤައުމީ ސަލާމް ކުޅެވުނެވެ. އޭގެފަހުން އަޅުގަނޑު ވާހަކަކޮޅެއް ދައްކައިލީމެވެ. އަޅުގަނޑުގެ ވާހަކައިގާ، މިއެއްބަސްވުމުގައި އަޅުގަނޑުމެން ސޮއިކުރީ ކީއްވެގެންކަމާއި އެކަމުގެ މުހިންމުކަމާއި ބޭނުންތެރިކަމާއި ފައިދާ ބަޔާންކުރީމެވެ.

އަޅުގަނޑުގެ ވާހަކަކޮޅު ނިމުމުން، ޙާޟިރުވެވަޑައިގެން ތިއްބެވި މެހެމާނުންގެ މަޢުލޫމާތަށްޓަކައި، އެވަގުތު، އަޅުގަނޑު އެރުވި އެލިޔުން، ރައީސް އަމިއްލަފުޅަށް، ތަރުޖަމާކޮށްދެއްވިއެވެ. އޭގެފަހުން، ބޭންޑްގައި އިނގިރޭސި ޤައުމީ ސަލާމް ކުޅެވުނެވެ. އެއަށްފަހު، ޙާޟިރުވެވަޑައިގެން ތިއްބެވި މެހެމާނުންނަށް، ޝުކުރުދެންނެވީ، ސިލޯނުގައި ހުންނަވާ ދިވެހިރާއްޖޭގެ މަންދޫބު، މރ. އަޙްމަދު ޙިލްމީދީދީއެވެ. އެހިސާބުން، ދިވެހިރާއްޖޭގެ ޤައުމީ ސަލާމުން އެރަސްމިއްޔާތު ނިމިގެންދިޔައީއެވެ. މި ރަސްމިއްޔާތުގެ ޕްރޮގްރާމް މިލިޔުމާއެކު ހިމަނާފައިވާނެއެވެ.

(30) މިހިސާބުން، މަޢުލޫމާތަށްޓަކައި ކަމެއް ފާހަގަކޮށްލަން އަޅުގަނޑު ބޭނުމެވެ. އެމެރިކާގެ ރައީސް ޓްރޫމަންގެ މެސެޖެއް އިއްވައިދިނުމަށް، އަޅުގަނޑުގެ ގާތުން، އަޅުގަނޑުގެ އެކުވެރި، ސިލޯނުގައި ހުންނަވާ އެމެރިކާގެ ސަފީރު، މރ. ޖޭ.ސީ. ސެޓަރތުވައިޓު، އެދިވަޑައިގަތެވެ. މރ. އަމީންދީދީއާ މިމެސެޖް، އަޅުގަނޑު ޙަވާލުކުރީ ލިޔުމުންނެވެ. އަދި މރ. އަމީންދީދީ، އެމެސެޖަށްދެއްވި ޖަވާބުވެސް، މރ. ޓްރޫމަންގެ އަރިހަށް ފޮނުވުމަށްޓަކައި، ލިޔުމުން، މރ. ސެޓަރތުވައިޓަށް އަޅުގަނޑު ފޮނުވީމެވެ. ސިލޯނުގެ ބޮޑުވަޒީރާއި މރ. އަމީންދީދީވެސް،ހެޔޮއެދުމާއި ތަހުނިޔާގެ މެސެޖް ބަދަލުކުރެއްވިއެވެ.

1 ޖެނުއަރީ 1953، ބުރާސްފަތި ދުވަސް – ހަވީރު

(31) ދިވެހިރާއްޖޭގެ ފުރަތަމަ ޤައުމީދުވަހުގެ މުނާސަބަތުގައި، ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، މރ. އަމީންދީދީ ދެއްވި ރަސްމީ ފަރީއްކޮޅެއް އެދުވަހުގެ އިރާކޮޅު އޮތެވެ. މިރަސްމިއްޔާތު އޮތީ، ސަރުކާރުގެ މައި ޢިމާރާތުގެ މަތީފަންގެފިލާގައެވެ. މިތަން ހުންނަނީ އަތިރިމތީގައެވެ. މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް، ބޭރުން ވަޑައިގެންނެވި އެންމެހައި ޢިއްޒަތްތެރި މެހެމާނުންނާއި، ޤާނޫނުހަދާ މަޖިލީހާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން، އަދި ދިވެހިންގެ ތެރެއިން ކަމުވޮށިވެގެންވާ ޢީއްޒަތްތެރިންނާއި، އެޗް. އެމް. އެސް. ސިލޯނާއި އެޗް. އެމް. ސީ. އެސް . ވިޖެޔާގެ، ހޮވާލެވުނު މަނަވަރުސިފައިންގެ ޚާއްޞަ އޮފިސަރުންކޮޅެއް ބައިވެރިވެވަޑައިގަތެވެ.

މި ފަރީއްކޮޅުގައި ބައިވެރިވުމަށްޓަކައި ކަނޑުގެ ސިފައިންގެ ބާޖުގައި އަޅުގަނޑުމެން ގޮސް ފަޅާ ކައިރިކޮށްލިއިރު، އެހެންޏާ އެތަނުން ނުފެންނަ މަންޒަރެއް، އަޅުގަނޑުމެންނަށް ފެނުނެވެ. އަނެއްކާވެސް އެއީ، މާލެއިން ކުރިން އަޅުގަނޑުމަންނަށް ފެނުނުކަހަލަ، އިރުމައްޗާއި ހުޅަނގު މަސްހުނިވާގޮތަށް ކުރެވިފައިވާ ކަމެކެވެ. އަތިރިމަތީގައިވާ ޢިމާރާތްތައްވަނީ ކުލަބޮކިދަމައި ޒީނަތްތެރިކޮށް، އަތިރިމަތީ ދިދަޖަހާފައެވެ.  ދިދަތައް ވިހުރުވި ވިހުރުވި ހުރިއިރު، ގިނަބަޔަކު، އަތިރިމައްޗަށް ނުކުމެ، އިރުމަތީގެ ހެދުންތައްލައި ޒީނަތްތެރިވެގެން ތިއްބެވެ. އަޅުގަނޑުމެންނަށް މަރުޙަބާ ވިދާޅުވީ، މރ. އަމީންދީދީއެވެ. އެތާނގައި ތިއްބެވި އެހެން ޢިއްޒަތްތެރިންނާ ވާހަކަދައްކާލައި އަނގަތަޅައިލުމަށްޓަކައި، އެއްވެފައިވާ މީސްތަކުންގެ އުފާވެރިކަމުގެ މާޙައުލުގައި ބައިވެރިވެ، އިރުކޮޅަކު އެތާނގައި އަޅުގަނޑަށް މަޑުކޮށްލެވުނެވެ.

(32) ދެން އަޅުގަނޑުމެންދިޔައީ، ފަރީއްކޮޅު ތައްޔާރުކުރެވިފައިވާ ތަނަށެވެ. އެތަނަށް ވަނުމުން، ދިދަޖަހާ ޒީނަތްތެރިކުރެވިގެންވާ، ފުރިހަމަ މާޙައުލަކަށް ވަދެވުނު ކަމުގެ އިޙުސާސެއް ކުރެވުނެވެ. ކަރުދާހުން ތައްޔާރުކުރެވިފައިވާ ގިނަ ޢަދަދެއްގެ ދިވެހިދިދައާއި އިނގިރޭސިވިލާތުގެ ދިދަ އެތާނގައި ހުއްޓެވެ. ބިތްތަކުގައި، އަޅުގަނޑުމެންނާ ނަޒަރު ސީދާވާގޮތަށް ބެހެއްޓިފައިހުރީ، ދިވެހިރާއްޖޭގެ ޝާހީ ޢާއިލާގެ ބޭބޭފުޅުންގެ ފޮޓޯފުޅުތަކެވެ. މރ. ވިންސްޓަން ޗާރޗިލްގެ ފޮޓޯފުޅުވެސް ބެހެއްޓިފައި ހުއްޓެވެ. މިފަރީއްކޮޅަކީ، އަނެއްކާވެސް، ލުއި ބުއިމަކާއެކު، ދިވެހި ކެއުމުގެ ބާވަތްތައް ހިމެނިގެން ތައްޔާރުކުރެވިފައިވާ ފަރީއްކޮޅެކެވެ. ފަރީއްކޮޅު ނިމުމުގެ ކުރިން، އިނގިރޭސިވިލާތުގެ ނަމުގައި، މަރުޙަބާއާއި ހެޔޮއެދުންތަކާއެކު، މރ. އަމީންދީދީ ޓޯސްޓެއް ނެންގެވިއެވެ.

ޓޯސްޓަށްފަހު، މރ. އަމީންދީދީ ދެއްކެވި ވާހަކަފުޅުގައި، ދުނިޔޭގެ އެންމެހައި ކަންކޮޅުތަކުންވެސް އެންމެ، ހަރުދަނާ އަދި އަބުރުވެރި ބަޔަކީ، އިނގިރޭސި ރައްޔިތުންކަމުގައި ވިދާޅުވެ،  އެމަނިއްޕުޅުގެ ނިންމެވުމުގައި، " ދުނިޔޭގެ އެންމެ ހަރުދަނާ އަދި އަބުރުވެރި " މިޢިބާރާތް ތަކުރާރުކުރައްވާ، ވާހަކަފުޅު ކުރިޔަށް ގެންދަވަމުން، އެންމެ ބަލާޣާތްތެރި އަސަރުގަދަ ޢިބާރާތުން، އިނގިރޭސިވިލާތުގެ ރައްޔިތުންނަށް ތަޢުރީފުކުރެއްވިއެވެ. އަޅުގަނޑުވެސް، މރ. އަމީންދީދީގެ ވާހަކަފުޅަށް ރައްދުގައި ޖަވާބުދާރީވުމަށް، އެޗް. އެމް. އެސް . ސިލޯނުގައިހުރެ ތައްޔާރުކުރި، ޚިޠާބެއް ބޭނުންކޮށްގެން، ވާހަކަދެއްކީމެވެ. އަދި މިޚިޠާބުގެ ނަކަލެއް، މިލިޔުމާއެކު، ހިމަނާފައިވާނެއެވެ. މރ. އަމީންދީދީ، އަނެއްކާވެސް ތެދުވެވަޑައިގެން، "ސްރީލަންކާ" (ސިލޯނު) ގެ ނަމުގައި ޓޯސްޓެއް ނެންގެވިއެވެ. ސިލޯނާއި ދިވެހިރާއްޖެއާ ދެމެދު އޮތް ގާތް އަދި ރަޙުމަތްތެރި ގުޅުމުގެ މައްޗަށް، އެމަނިއްޕުޅުގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ.

އެހެންނަމަވެސް، އޭނާގެ ވާހަކަފުޅުގައި ދިވެހިރާއްޖޭގެ ވިޔަފާރީގެ މުޢާމަލާތުތަކުގައި ސިލޯނުން ދޭ އެއްބާރުލުމުގެ ހީނަރުކަމުގެ މައްޗަށް ވާހަކަ ދައްކަވައި، ހިތްޕުޅުގައިއޮތް ނުތަނަވަސްކަން، ކޮންމެވެސް މިންވަރަކަށް ފާޅުކުރެއްވިއެވެ. މިކަން އަޅުގަނޑަށްވެސް އަދި އެހެން މެހެމާނުންނަށްވެސް ފާހަގަ ކުރެވުނެވެ. މިކަން ވާނީ، މިލިޔުމުގައި މީގެކުރިން އަޅުގަނޑުވެސް ފާހަގަ ކޮށްފައެވެ. އެއީ ޤަބޫލުކުރެވޭނެކަމެއްނޫނެވެ. އަދި އެހެނެއްކަމަކު، ދިވެހިރާއްޖެއަށް އެކިދާއިރާއިން، އެހީވުމުގެ ޝަޢުޤު ފާޅުކޮށްފައިވާ، ސިލޯނުގެ މަންދޫބުފަދަ ބޭފުޅުންނަށް، އެކަމަކީ، އިންސާފުގެ މަގުން މާބޮޑަށް ޤަބޫލުކުރެވިފައިވާ ކަމަކަށްވެދާނެއެވެ.

މރ. އަމީންދީދީ، ސިލޯނުގެ ނަމުގައި ނެންގެވި ޓޯސްޓަށް، ސިލޯނުގެ ފަރާތުން ޖަވާބު ދެއްވީ، މޭޖަރ ޖަޔަވިކްރަމައެވެ. އެއަށްފަހު، ޙާޟިރުވެވަޑައިގެން ތިއްބެވި އެންމެހައި، ޢިއްޒަތްތެރި މެހެމާނުންގެ ނަންފުޅުގައި ޓޯސްޓެއް ނެންގެވިއެވެ. މިޓޯސްޓަށް ޖަވާބުދެއްވީ އެއަރކޮމޮޑޯރ ކޮކްސް އެވެ. ވަރަށް ކުރު އެހެނަސް ފޮނި މި ޖަވާބުގައި، 1917 ގެ ފަހުން، ދިވެހިރާއްޖެއާއި އިނގިރޭސި ވައިގެ ލަޝްކަރާދެމެދު އޮތް ގުޅުމުގެ މައްޗަށް ބައްލަވާލެއްވިއެވެ. އަދި އެދުވަސްވަރު، ޝާހީވައިގެ ލަޝްކަރުގެ ބޯޓެއް ވެއްޓުނުހިނދު، އެބޯޓުގެ ފަޅުވެރިން ސަލާމަތްކުރުމުގައި ދިވެހިން ފުރިހަމަކޮށްދީފައިވާ ދައުރު ފާހަގަކުރެއްވިއެވެ.  އަދި ކޮމާންޑަރ ރޮއިސް ޑިމެލް ދެއްކެވި ކުރު އެހެނަސް ފޮނި، ވާހަކަފުޅުގައި، ހުރިހާމީހުންވެސް، ހިތާއި ނަފުސަށް، އުފަލާއި ހިތްހަމަޖެހުން ލިބިގެންތިބެ، އަނބުރާ ރަށަށް ފޮނުވައިލެއްވި ކަހަލައެވެ.

ދިވެހިބޭންޑްގައި، އިރުމައްޗާއި ހުޅަނގުގެ ރަހަ ހިމެނޭގޮތަށް، ހޮވާލެވިފައިވާ މިއުޒިކު ކުޅެވުނެވެ. ފަރީއްކޮޅު ނިމިގެންދިޔަލެއް ވަރަށް އަވަހެވެ. އެހެންކަމުން، އަޅުގަނޑުމެން އެންމެންވެސް، އަނބުރާ މަނަވަރަށް އައީއެވެ. މަނަވަރުވެސް އޮތީ، ދުރަށް އަލިފޮނުވާ ބައްތިތައް ދިއްލާ އަލިގަދަކޮށްލާފައެވެ. ހީވަނީ ޚިޔާލީ އުޅަނދެއް، ކަނޑުކުޑައަށްލައިގެން، ކަނޑުމެދުގައި އޮތްހެންނެވެ. އޭގެފުރަގަހުން ފެންނަން އެއޮތީ، އެޗް. އެމް. އެސް. ވިޖެޔާވެސް، ކުލަބޮކި ދިއްލައި އަލިކޮށްފައި އޮތްތަނެވެ. އެރޭގެ ޕްރޮގްރާމް ނިމިގެންދިޔައީ، ގޮނޑުދޮށުގައި ބޭއްވުނު އަލިފާނުގެ ކުޅިވަރުންނެވެ. އެއީ، އަޅުގަނޑުމެން ކަހަލަ، މަނަވަރު ފަހަރުން އަލިފާނުގެ ކުޅިވަރު ފެނިފައިވާ ބަޔަކަށް، ވަރަށް ގަޔާވިކަމަކަށް ވިއެވެ. އަދި އެއަށްވުރެ ބޮޑަށް އަތިރިމައްޗަށް އެއްވެފައިވާ މީހުންނަށްވެސް، އަޖައިބުވެ އަންތަރީސްވާނެ ކުޅިވަރަކަށް ވާނެކަން ގައިމެވެ. މިއީ 1953 އަށް، އަޅުގަނޑުމެންގެ އާއަހަރުގެ ފެށުން ހިނގައިދިޔަގޮތެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.