ޤުދްސުގެ އިންތިފާޟާ: އިސްރާއީލުގެ ހަމަލާތަކުގައި ފަލަސްޠީނުގެ 20 މީހުން ޝަހީދުވެެއްޖެ

ޣައްޒާއަށް އިސްރާއީލުގެ އަސްކަރީ މަތިންދާބޯޓުތަކުން ދިން ހަމަލާއަށް ފަހު ރޯވެފައިވާ އަލިފާންގަނޑެއް

އިސްރާއީލުގެ ވައިގެ ސިފައިން ޣައްޒާއަށް ދެމުން ގެންދާ އުދުވާނީ ހަމަލާގައި ފަލަސްޠީނުގެ 20 މީހުން ޝަހީދުވެފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ވިދާޅުވެއްޖެއެވެ. ޝަހީދުވި މީހުންގެ ތެރޭގައި 9 ކުޑަކުދިން ހިމެނޭއިރު، އެއް އާއިލާއެއްގެ ހަތް މީހުން ހިމެނެއެވެ.

ޣައްޒާއަށް އިސްރާއީލުން ހަމަލާދޭން ފަށާދައި މިވަނީ ޤުދްސުގެ ޝައިޚް ޖައްރާޙު އަވަށުގެ ފަލަސްޠީނު ރައްޔިތުން އެއަވަށުން ބޭރުކޮށް އެތަނަށް ވެރިވެގަތުމަށް އިސްރާއީލުގެ އުދުވާނީ ސިފައިން ކުރަމުންދާ އަނިޔާވެރި މަސައްކަތާ ދެކޮޅަށް ފަލަސްޠީނު މީހުން ފެށި އިހުތިޖާޖުތައް ބޮޑު އިންތިފާޟާ (އާއްމުންގެ އުތުރި އަރައިގަތުމަކަށް) ބަދަލުވެ، ފަލަސްޠީނު މީހުންގެ ދިފާއުގައި ހަމާސް ޖަމާއަތުން ހަރަކާތްތެރިވާ ފެށި ހިސާބުންނެވެ.

މަސްޖިދުލް އަޤްޞާގައި ނަމާދުކުރުމަށް ފަހު އެތަނުން ނުކުމެ ފަލަސްޠީނުގެ އެތައް ހާސް ބަޔަކު ބާއްވަން ފެށި މުޒާހަރާތައް ހުއްޓުވުމަށް ނުކުތް އިސްރާއީލު ސިފައިން ވަނީ މާތްވެގެންވާ އަޤްޞާގެ ހަރަމްފުޅު ތެރެއަށް ވަދެ ތާރީޚީ މިސްކިތްކޮޅުގައި އިއުތިކާފަށް ތިބި މީހުންނަށް ހަމާލާދީ އެތައް ބަޔަކު ޒަޚަމްކޮށްލައި، މިސްކިތްކޮޅަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

ޝައިޚް ޖައްރާޙު އަވަށުގެ ދިފާއުގައި އިހުތިޖާޖުުކުރަމުންދާ ފަލަސްޠީނު މީހުންނާ ދެކޮޅަށް އިސްރާއީލު ސިފައިން ހިންގާ އަނިޔާވެރި އަމަލުތައް އިއްޔެގެ ހަވީރާ ހަމައަށް ހުއްޓާނުލައިފި ނަމަ އިސްރާއީލަށް ރޮކެޓް ހަމަލާ ދޭން ފަށާނެ ކަމުގެ އިންޒާރު ޣައްޒާގައި ވެރިކަން ކުރާ އިސްލާމިކް ރެސިސްޓެންސް މޫވްމަންޓް (ހަމާސް) ގެ އަސްކަރީ ގޮފީ ޢިއްޒުއްދީން ޤައްސާމް ބްރިގޭޑުން އޮތީ ދީފައެވެ.

އެެހެންކަމުން، އިސްރާއީލުގެ ސިފަައިން އުދުވާނު ނުހުއްޓުމުން އިއްޔެގެ ވަތުގެއްގައި ޣައްޒާއި އިސްރާއީލުގެ ތެރެއަށް ރޮކެޓްތަކެއް ވަނީ ފޮނުވާލާފައެވެ. ފޫއަޅުވާނުލެވޭނެކަމަށް އިސްރާއީލުން ބުނާ 'އެކަތަ ގުއްބަ' ވައިގެ ދިފާއީ ނިޒާމް ފޫއަޅުވާލައި އިސްރާއީލުގެ އެކި ހިސާބުތަކަށް 6 ރޮކެޓް އިއްޔެ ފޮނުވާލާފައި ވެއެވެ. ޤައްސާމް ބްރިގޭޑުން ފޮނުވާލި 7 ރޮކެޓުގެ ތެރެއިން އެކަތަ ގުއްބައިގެ ނިޒާމަށް ހުުރަސް އެޅުނީ އެންމެ ރޮކެޓަކަށެވެ.

އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ ވަނީ "ހަމާސްގެ އުދުވާނު" ނިމުމަކަށް ގެނެސްފައި ނޫނީ ނުހުއްޓާނެ ކަމުގެ އިންޒާރު ދީފައެެވެ.

ޣައްޒާއަށް ދިން ވައިގެ އުދުވާނީ ހަމަލާާއާއެކު ޤައްސާމް ބްރިގޭޑްގެ ރޮކެޓް ހަމަލާތައް ވެސް ވަނީ ވަރުގަދަ ކޮށްފައެވެ. އިއްޔެއާއި ރޭގައި އިސްްރާއީލުން ބިނާކޮށްފައިވާ ޔަހޫދީ އަވަށްތަކަށް ފުލުފުލުގައި ރޮކެޓް އަމާޒުން ވަމުން ދިޔައިރު، އިސްރާއީލުން އެއްބަސްވެފައިވާ ގޮތުގައި ޣައްޒާއިން ޔަހޫދީ އާބާދީތަކަށް އަމާޒުކޮށް 100 ރޮކެޓު ފޮވުވާލާފައި ވެއެވެ.

ފަަލަސްޠީނުގައި ހޫނުވަމުންދާ މަސްރަހާމެދު މަޝްވަރާކުރުމަށް އދ.ގެ ސަލާމަތީ މަޖިލީހުގެ ޖަލްސާއެއް ބޭއްވި ނަމަވެސް އެ ޖަލްސާ ނިންމާލާފައި ވަނީ އެއްބަސްވުމުކަށް ނާދެވި، ބަޔާނެއްވެސް ނުނެރިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.