ޣައްޒާގެ މުޒާހަރާގައި 4 މީހުން މަރުވެ 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެ

އިއްޔެ ޣައްޒާގައި ކުރި މުޒާހަރާގެ މަންޒަރެއް

ފާއިތުވި އަހަރު މާރިޗު މަހު ޣައްޒާގައި އިސްރާއީލާ ދެކޮޅަށް ފަށައި، ކޮންމެ ހުކުރު ދުވަހަކު ކުރިޔަށް ގެންދިޔަ "ދަ ގްރޭޓް މާޗް އޮފް ރިޓާން" ސިލްސިލާ މުޒާހަރާތަކަށް އެއް އަހަރު ފުރުމާއި ބިމުގެ ދުވަސް ފާހަގަކުރުގެ ގޮތުން ޣައްޒާގައި އިއްޔެ ބޮޑު މުޒާހަރާއެއް ބާއްވައިފިއެވެ.

އެހެން ފަހަރުތަކެކޭވެސް އެއްފަދައިން ޣައްޒާއާއި އިސްރާއީލު ގުޅޭ ސަރަހައްދީ އިމުގެ ކައިރީގައި 40 ހާހެއްހާ މީހުން ބައިވެރިވެ ކުރިޔަށް ދިޔަ މުޒާހަރާގެ ތެރެއަށް އިސްރާއީލުގެ އުދުވާނީ ސިފައިން ބަޑިޖެހުމުގެ ސަބަބުން ފަލަސްޠީނުގެ 4 ޒުވާނަކު ވަނީ ޝަހީދުވެފައެވެ. ޝަހީދުވީ 17 އަހަރުގެ ތިން ކުދިންނާއި، 20 އަހަރުގެ ޒުވާނެކެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކުރި ގޮތުގައި މުޒާހަރާގެ ތެރެއަށް ހަމަލާދިނުމުގެ ސަބަބުން 316 މީހަކު ވަނީ ޒަޚަމްވެފައެވެ. އޭގެ ތެރެއިން 80 މީހަކު ހަށިގަނޑަށް ވަޒަން އަރާފައިވާއިރު، ކަރުނަ ގޭސް ބޮން ކައިރީގައި ގޮއްވާލުމުގެ ސަބަބުން 140 މީހުން ޒަޚަމްވެފައި ވެއެވެ.

ބިމުގެ ދުވަހަކީ ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 30 ވަނަ ދުވަހު ފަލަސްޠީނު މީހުން ފާހަގަކުރާ ދުވަހެކެވެ. އެއީ އިސްރާއީލުގެ އުދުވާނީ ލަޝްކަރުގެ ސިފައިން އަރައި 1976 ވަނަ އަހަރު ފަލަސްޠީނު މީހުންގެ އެތައް ހެކްޓަރު ބިމެއް ފޭރިގަތުން ފާހަގަކުރުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ. ފާއިތުވި އަހަރުގެ ބިމުގެ ދުވަސް ފާހަގަކުރަން ކުރި މުޒާހަރާތައް ޣައްޒާގެ ރައްޔިތުން ވަނީ ކޮންމެ ހުކުރު ދުވަހަކު ކުރެވޭ ސިލްސިލާ މުޒާހަރާތަކަށް ބަދަލުކޮށްފައެވެ.

ފާއިތުވި އެއް އަހަރު ދުވަހުގެ މުޒާހަރާތަކުގައި ފަލަސްޠީނުގެ 258 މީހުން ޝަހީދުވެ، 17 ހާހަށްވެރެ ގިނަ މީހުން ޒަޚަމްވެފައި ވެއެވެ.

އިއްޔެގެ މުޒާހަރާތައް ފެށުމުގެ ކުރިން އިސްރާއީލުން ވަނީ މިސުރުގެ ވަފުދެއް މެދުވެރިކޮށް ޣައްޒާގައި ވެރިކަންކުރާ އިސްލާމިކް ރެސިސްޓެންސް މޫވްމަންޓް (ހަމާސް) ގެ އިސްވެރިންނާ ވާހަކަދައްކައިގެން މުޒާހަރާ ހުއްޓުވޭތޯ މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް ހަމާސް އިން ވަނީ އިސްރާއީލުގެ ހުށަހެޅުން ގަބޫލުނުކޮށް މުޒާހަރާ ކުރިއަށް ގެންދަން ނިންމާފައެވެ.

އިސްރާއީލު ސިފައިންގެ ޓޭންކުތަކެއް ޣައްޒާގެ ސަރަހައްދީ ރޮނގު ކައިރީގައި

ބިމުގެ ދުވަސް ފާހަގަކުރާ މުޒާހަރާތަކާ ދިމާކޮށް ބާރު ދައްކާލުމުގެ ގޮތުން އިސްރާއީލުގެ ވަނީ އެގައުމުގެ އެއްގަމު ސިފައިންގެ ބޮޑު ލަޝްކަރެއް ބަރު ހަތިޔާރާއެކު ޣައްޒާގެ ސަރަހައްދީ ރޮނގު ކައިރިއަށް ޖަމާކޮށްފައެވެ. ނަމަވެސް އެކަމުން ފަލަސްޠީނުގެ ޒުވާނުން އެއްވަސް ވަރަކަށް ސިހުނު ކަމަކަށް ނުވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.